Roadha Mihaaru
"އެމްޑަބްލިއުއެސްސީ އަކީ ހަލާކު ވެފައިވާ އިންޖީނެއް"

އެމްޑަބްލިއުއެސްސީ އަކީ ހަލާކުވެގެން ކަނޑަށް އެއްލާލާފައިވާ އިންޖީނެއް: އާޒިމް

27 ޑިސެމްބަރ 2018

ސަރުކާރު ހިއްސާވާ ފެން ކުންފުނި، މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އޮތީ "ހަލާކުވެފައިވާ އިންޖީނެއް ކަނޑަށް އެއްލާލާފައި އޮއްވާ އަލުން ނަގައިގެން ހެދުން" ފަދަ ހާލަތެއް ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ފެން ކުންފުނި، މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އޮތީ "ހަލާކުވެފައިވާ އިންޖީނެއް ކަނޑަށް އެއްލާލާފައި އޮއްވާ އަލުން ނަގައިގެން ހެދުން" ފަދަ ހާލަތެއް ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އާޒިމް މިއަދު ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ޗެލެންޖިން ހިސާބެއްގައި ކަމަށާއި މިފާއިތުވެދިޔަ އަހަރުތަކުގައި ކުންފުނި ހިންގާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ކުންފުނިން އިންވެސްޓްކޮށްފައިވަނީ ކުންފުންޏަށް ފައިދާވާނެ ގޮތްތަކަށް ބަލައިގެން ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލީ ހާލަތު ވަރަށް ގޯސް

އާޒިމް ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި އެ ކުންފުނީގެ ގިނަ ސަޕްލަޔަރުންނަށް ފައިސާ ނުދެއްކިވާ ކަމަށެވެ. މިހާރު ކުންފުނިން ކުރަނީ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކަމަށާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފައިނޭޝިއަލް ޓީމާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހަތަށް ޖައްސަން ޖެހޭ ކަންކަން ފަހަތަށް ޖައްސާފައި. ކޮންމެހެން މިއަދު ކުރަންޖެހޭ ކަންކަން ނޫން އިތުރު އެއްވެސް ކަމެއް މިވަގުތު، ނުކުރަން. ހަރަދު ކުރަނީ ކޮންމެހެން މަޖުބޫރު ވެގެން ކުރަންޖެހޭ ކަންކަމަށް،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މަސައްކަތް ކުރަނީ ބޭންކުތަކާ ވާހަކަދައްކައިގެން، ފައިސާ ދެއްކުމުގެ ކަންކަން ރަނގަޅު އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިޔުން ކަމަށެވެ. ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތަކާ ގުޅޭ ހަރަދުތަކަކީ ކޮންމެހެން މަޖުބޫރު ކަމެއް ކަމަށާއި ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ދެއްކުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހުރިހާ ކަމެއް އެއް ވެގެންދާ އިރު، ކުންފުނީގައި ފައިސާ ނެތުމުން ވަރަށް ބޮޑަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ކޭޝްފްލޯ އެހާ ގޯސްވެފައިވަނީ ލިބޭ އެއްޗަކަށް ވިސްނާ ނުލާ، ކުންފުނިން ހަރަދުތައް ކުރުމުން ކަމަށެވެ.

"ބައެއް ކަންކަމަކީ ކޮންމެހެން މިވަގުތަށް ނުކުރިޔަސް، ފަހުން ވެސް ކުރެވިދާނެ ކަންކަން. އެހެން ނަމަވެސް އެއްފަހަރާ ހުރިހާ ކަމެއް ކޮށްފިއްޔާ ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ފައިސާއެއް ނުހުންނާނެ. އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ނޫން މިތަނަށް ބޭނުންވާ އިމާރާތެއް އެޅުން. އެންމެ މުހިއްމީ، ރައްޔިތުން ހަވާލުކޮށްފައިވާ މެންޑޭޓް ފުރިހަމަ ކުރުން،" އޭނާ ވިދާޅުވި އެވެ.

ކަސްޓަމަރުންނާ ރަނގަޅު ގުޅުމެއް ނެތް

އާޒިމް ވިދާޅުވީ، ފެނުގެ ހިދުމަތަކީ ރައްޔިތުންގެ ކޮންމެ ދުވަހަކާ ގުޅިފައިވާ ހިދުމަތަކަށްވާ އިރު އެ ކުންފުންޏާއި ކަސްޓަމަރުންނާ ވަރަށް ބީރައްޓެހި ކަމަށެވެ. ކަމެއް ދިމާވުމުން ކަސްޓަމަރުންނަށް ކުންފުންޏަށް ގުޅުމަށް ހަދަންޖެހޭ ގޮތް ވެސް ގިނަ ފަހަރަށް ނޭންގޭ ކަމަށާއި އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އެމްޑަބްލިއުއެސްސީ އަކީ ރައްޔިތުންނާ އެންމެ ގާތް ކުންފުނި. ރައްޔިތުން އަޅުގަނޑުމެންގެ ހިދުމަތް ނުހޯދާ ދުވަހެއް ނުދާނެ. ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުން ހިދުމަތް ބޭނުން ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އެކުވެރިޔާ" އަށް އެ ކުންފުނި ހެދުމަކީ އެންމެ ބޮޑު އަމާޒު ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ، ކަސްޓަމަރުންނަށް 24 ގަޑި އިރު ގުޅޭނެ ފަދަ ގޮތް ހެދުމަށް މިހާރަށްވުރެ ރަނގަޅަށް ކޯލް ސެންޓަރެއްގެ ހިދުމަތް ގާއިމް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ކުންފުނީގެ ހާލަތު ދެނެގަނެ، ކުންފުނީގެ ތެރެއިން ހިނގާފައިވާ ކަންކަން ދެނެގަތުމަށްޓަކައި އިންޓާނަލް އޮޑިޓެއްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެއަށްފަހުގައި ކުންފުނިން ގޯސްކޮށް ހިނގާފައިވާ ކަންކަން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީގެ މަގާމުގައި ހުންނަވައި މަސައްކަތް ކުރައްވާނީ، ކޮންމެ މީހަކަށް ހިދުމަތް ދިން ނަމަވެސް އޭނާއަށް ނުގުޅާ ހިދުމަތް އެންމެ ފުރިހަމައަށް ހޯދޭނެ ފަދަ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.