Roadha Mihaaru
މާލޭގެ ނަރުދަމާ ނިޒާމް ސާފުނުކުރާތާ ދެ އަހަރު!

މާލޭގެ ނަރުދަމާ ނިޒާމް ސާފު ނުކުރާތާ ދެ އަހަރު: އާޒިމް

27 ޑިސެމްބަރ 2018

މާލޭގެ ނަރުދަމާ ނިޒާމުގެ ތެރެއިން ނަޖިސް ސާފު ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަަށް މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ ނަރުދަމާ ނިޒާމުގެ ތެރެއިން ނަޖިސް ސާފު ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަަށް މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ކުންފުންޏާ ހަވާލުވުމާ އެކު އެންމެ ބޮޑަށް ފާހަގަކުރެއްވުނީ ނަަރުދަމާ ނިޒާމް ސާފު ނުކުރާ މައްސަލަ ކަމަށެވެ.

"ސްވަރޭޖު ނެޓްވޯކް ކޮންމެ ދުވަހަކު ވެސް ސާފުކޮށް ބަލަހައްޓަން ޖެހޭ. އަހަރު ނިމޭ އިރު މުޅި ނެޓްވޯކް އެއްކޮށް ސާފުވާން ޖެހޭނެ. އެއީ ރެޖިއުލާ ޕްރިވެންޓިވް މެއިންޓެނެންސް،" އާޒިމް ވިދާޅުވި އެވެ.

އެކަމަކު ނަރުދަމާ ނިޒާމް ސާފުނުކުރާތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި އެއީ ކުންފުންޏާ ހަވާލުވެވަޑައިގެން ފަހުން އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ ނަރުދަމާ ނިޒާމާާއި ޕަމްޕް ސްޓޭޝަންތައް ރަނގަޅަށް ބެލެހެއްޓުމަކީ އެކުންފުނީގެ އެންމެ މުހިއްމު މެންޑޭޓް ކަމަށެވެ. އެހެންކަމުން އެ މެންޑޭޓް ދޫކޮށްލައި އެކަމަށް އިހުމާލުވުމަކީ ސީރިއަސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް

މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް

އެ މައްސަ ހައްލު ކުރުމަށްޓަކައި މެއިންޓެނެންސް ޑިޕާޓްމެންޓް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީ އިން ކުރިއަށް ތަނުގައި މަސައްކަތް ކުރާނީ އަހަރަކު ދެ ފަހަރު ނަރުދަމާ ނިޒާމް އެއްކޮށް ސާފުކުރެވޭނެ ފަދަ ގޮތަކަށެވެ.

"މިހާރު ނެޓްވޯކް މެއިންޓެނެންސްގެ މަސައްކަތް ވަނީ ފަށާފައި. މިހާރު ކޮންމެ ރެއަކު ދަނީ އެމަސައްކަތް ކުރަމުން. އުންމީދުކުރަނީ މިއާ އެކީ މާލޭގެ މަގުތަކުން ނަޖިސް އަރާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަންކްޝަންތައް ބެދި މާލޭގެ މަގުތަކަށް ނަޖިސް ބޭރުވާ އަނެއް ސަބަބަކީ, ނަރުދަމާާ އަމާޒުކުރި އާާބާދީއަށް ވުރެ މާލޭގައި މިހާރު އުޅޭ މީހުން ގިނަވުން ކަމަށެވެ. މާލޭގައި މިހާރު އޮތް ނަރުދަމާގެ ނިޒާމް ގާއިމްކުރީ ގާތްގަނޑަކަށް އެއްލައްކަ މީހުންގެ އާބާދީއަކަށް ބަލައިގެން ކަމަށާއި ނަމަވެސް މިހާާރު ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން އެ ނިޒާމު ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ގަވައިދުން ރަނގަޅަށް ބަލަހައްޓާ ނަމަ ނަޖިސް ބޭރުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ އެވެ. އަދި ނަރުދަމާ ސާފުކުރުމުގެ އިތުރުން ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.