Roadha Mihaaru
"ކަރަންޓް ކެނޑެނީ ބޮޑު ތިން އިންޖީނު އޯވަހޯލްކުރާތީ"

ކަރަންޓް ކެނޑެނީ އެންމެ ބޮޑު ތިން އިންޖީނު އޯވަހޯލް ކުރާތީ: ސްޓެލްކޯ

27 ޑިސެމްބަރ 2018

މިދުވަސްވަރު މާލެ އިން ކަރަންޓް ކެނޑެނީ މާލޭގައި ބޭނުންކުރާ ބޮޑު ތިން އިންޖީނުގެ މެއިންޓެނެންސް މަސައްކަތްތަކެއް ކުރާތީ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދުވަސްވަރު މާލެ އިން ކަރަންޓް ކެނޑެނީ މާލޭގައި ބޭނުންކުރާ ބޮޑު ތިން އިންޖީނުގެ މެއިންޓެނެންސް މަސައްކަތްތަކެއް ކުރާތީ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުގުނީ ވިދާޅުވީ، މާޗު މަހުގެ ކުރިން މި ތިން އިންޖީނުގެ އޯވަހޯލް ކުރުމުގެ މަސައްކަތް ކޮށް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނުގެ މެއިންޓެނެންސް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުގުނީ ވިދާޅުވީ، މި އިން ކޮންމެ އިންޖީނެއް އޯވަހޯލް ކުރުމަށްޓަކާއި 21 ދުވަސް ނަގާ ކަމަށެވެ. މާލެ އަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންވާ ބޮޑު ކޮންމެ އިންޖީނަކީ ނުވަ މެގަވޮޓްގެ ކެޕޭސިޓީގެ އިންޖީނުތަކެކެވެ.

"އިތުރު ދެ އިންޖީނެއް އެބަޖެހޭ އޯވަހޯލް ކުރަން. މި އިންޖީނުތަކަކީ ގާތްގަނޑަކަށް ދެތިން އަހަރުން އޯވަހޯލް ކުރަންޖެހޭ އިންޖީނުތަކެއް. ބޮޑު އިންޖީނެއްގެ ހޯވަހޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު އެހެން އިންޖީނެއްގެ މައްސަލައެއް ދިމާވެއްޖިއްޔާ ލޯޑު ހިފަހައްޓަން އެއްބައި ފަހަރަށް އެބަ ދަތި ދިމާވޭ،" މުގުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށްދާއިރު ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި މައްސަލަ މިދުވަސްވަރު ދިމާވަނީ މި ފާއިތުވެދިޔަ އަހަރުތަކުގައި މާލޭގެ ކަރަންޓްގެ ހިދުމަތުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރެވިފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް ކެޕޭސިޓީ އިތުރު ކުރުމަށް މާބޮޑު މަސައްކަތެއް ސްޓެލްކޯ އިން ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް އިމާރާތް ކުރާ ބިލްޑިންތައް އަންނަނީ އިތުރު ވަމުން ކަމަށް މުގްނީ ވިދޅުވި އެވެ. އެހެން ކަމުން ސްޓެލްކޯ އިން މާލޭގައި ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތަކީ އަބަދުވެސް ކުރަންޖެހޭނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.