Roadha Mihaaru
މޮޅު ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އާއި ފަދުވާ އަށް

މޮޅު ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އާއި ފަދުވާ އަށް

28 ޑިސެމްބަރ 2018

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަށް މި އަހަރު ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ފަދުވާ ޒާހިރު ހާސިލްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަށް މި އަހަރު ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ފަދުވާ ޒާހިރު ހާސިލްކޮށްފި އެވެ.

ނިއުއާ އެކު މި އަހަރު މާލޭ ލީގު ކާމިޔާބުކުރުމުގެ އިތުރުން ދަގަނޑޭ ވަނީ ޓީސީ އަށް ދިވެހި ޕްރިމިއާ ލީގު ހޯދައިދޭން އެހީތެރިވެފަ އެވެ. ދަގަނޑޭ މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދީ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އާ ވާދަކޮށެވެ. އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މި ސީޒަނުގައި ޖުމްލަ 42 ގޯލު ޖަހައި ސީޒަނުގެ ރަން ބޫޓު ވެސް ހާސިލްކޮށްފަ އެވެ.

ދަަގަނޑޭ ވަނީ މީގެ ކުރިން ހަތް ފަހަރު "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ ރަން ބޫޓު ހާސިލްކޮށްފަ އެވެ. އަދި ފަސް ފަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. ގައުމީ ޓީމުގައި ނުހިމެނުނު ނަމަވެސް ދަގަނޑޭ އަކީ މި އަހަރުގެ އެންމެ ކާމިޔާބު ކުޅުންތެރިއާ އެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ދޭ މި އެވޯޑް މިދިޔަ ދެ އަހަރު ހާސިލްކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.

ކްލަބްފަރު ރިސޯޓުގައި ކުރިއަށްދިޔަ އެވޯޑް ހަފްލާގައި މި ފަހަރު މުޅިން އަލަށް ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ފަދުވާ ހޯދީ މި ފަހަރު ގައުމީ ޓީމުގައި ދެއްކި މޮޅު ކުޅުމަށް ބަލައިފަ އެވެ. އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް އެފްއޭއެމުން މުބާރާތެއް ބާއްވާފައިނެތުމުން އެވޯޑް ދިނުމުގައި ބެލީ ގައުމީ ޓީމުގައި ދެއްކި ކުޅުމަށެވެ. އެންމެ އުއްމީދީ އަންހެން ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ފިރުޝާ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު (މ) އެންމެ މޮޅު ކޯޗަކަށް ހޮވުނު ނިޒާމްބެއާ އެވޯޑް ހަވާލުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު (މ) އެންމެ މޮޅު ކޯޗަކަށް ހޮވުނު ނިޒާމްބެއާ އެވޯޑް ހަވާލުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިޔާގެ މަގާމު ހޯދީ ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ އަށް ކުޅުނު މުހައްމަދު ޖައިލަމް (އޮގީ) އެވެ. އެންމެ ރީތި ގޯލަށް ދޭ ޖޫލޭ އެވޯޑް ލިބުނީ ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) ޕްރިމިއާ ލީގުގައި ފ. ނިލަންދޫ ކޮޅަށް ޖެހި ގޯލަށެވެ. ދިވެހި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖެހި ކުޅުންތެރިޔާ މަރުހޫމް އަބުދުﷲ ރަޝީދު (ޖޫލޭ)ގެ ހަނދާނުގައި ދޭ އެންމެ މޮޅު ގޯލު ހޮވީ ސަޕޯޓަރުންގެ މެދުގައި އެސްއެމްއެސް މެދުވެރިކޮށް ނެގުނު ވޯޓުންނެވެ.

މޮޅު ކޯޗުގެ މަގާމު ލިބުނީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށެވެ. މިއީ ނިޒާމްބެ މި އެވޯޑް ހާސިލްކުރި ދެ ވަނަ ފަހަރެވެ. އެންމެ މޮޅު ކީޕަރަކަށް ޓީސީގެ ނޭޕާލް ކީޕަރު ކިރަން ކުމާރަށް ލިބުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ.

މީގެ އިތުރުން އެފްއޭއެމުން ވަނީ ފުޓްބޯޅަ އަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ފަރާތްތަކަށް އޮނޮރަރީ އެވޯޑް ދެއްވައިފަ އެވެ. އެއޮނޮރަރީ އެވޯޑް ދިނީ މަޝްހޫރު ރެފްރީ މައްލާ ޅަތުއްތު އަށެވެ. އަދި 2008 އާއި މި އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމަށް ވަނީ ހާއްސަ ބެޖެއް ދީފަ އެވެ. އޭގެ އިތުރުން މި އަހަރުގެ ސާފްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލަށް ވަނީ އަގުވަޒަންކުރުމުގެ އެވޯޑެއް ވެސް ދިނެވެ.

މިއަދުގެ އެވޯޑް ހަފްލާގެ ތެރެއިން ޝްމައިކަލް (ކ) އާއި ބައްސާމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ އެވޯޑް ހަފްލާގެ ތެރެއިން ޝްމައިކަލް (ކ) އާއި ބައްސާމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީހެ އިތުރުން އެންމެ ރަނގަޅު ރެފްރީންގެ އަގުވަޒަންކުރިއިރު، އެފްއޭއެމްގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރި ޕާޓްނަރުންނަށް ވެސް ވަނީ އެވޯޑެއް ދީފަ އެވެ. ރެފްރީންގެ ތެރެއިން އެވޯޑް ލިބުނީ ޖައުފަރު ރަޝީދު، މުހައްމަދު ސާތިރުގެ އިތުރުން މުހައްމަދު ނިއުޝާދެވެ. ޕާޓްނަރުންނަކީ ދިރާގު، ކޮކާކޯލާ، ބެންކް އޮފް މޯލްޑިވްސް، އެމްއެންޑީއެފް، ޕޮލިސް އަދި އެސްޓީއޯ އެވެ.

މިރޭގެ އެވޯޑް ހަފްލާގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި ޑެންމާކުގެ ކުރީގެ ކީޕަރު ޕީޓަ ޝްމައިކަލް އާއި ރެއާލް މެޑްރިޑާއި ސްޕެއިނުގެ ފުލްބެކް މައިކަލް ސަލްގާޑޯ ވެސް ވަނީ ބައިވެރިވެފަ އެވެ.

އެފްއޭއެމުން މިދިޔަ އަހަރު ވަނީ ބެސްޓް ސަޕޯޓާސް އެވޯޑެއް ދީފަ އެވެ. އެކަމަކު މި ފަހަރު އެ އެވޯޑް ނުހިމެނެ އެވެ. އަދި އާ އެވޯޑްތަކެއް އަންނަ އަހަރު ތައާރަފްކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި ގްރާސްރޫޓް އެވޯޑާއި އެންމެ ރަނގަޅު މީޑިއާގެ އެވޯޑް ހޮވުން ހިމެނެ އެވެ.