Roadha Mihaaru
ފިލިޕީންސަށް އައި ބިންހެލުމާ އެކު ކުޑަ ސުނާމީއެއް

ފިލިޕީންސަށް އައި ބިންހެލުމާ އެކު ކުޑަ ސުނާމީއެއް އުފެދިއްޖެ

29 ޑިސެމްބަރ 2018

މެނީލާ (ޑިސެމްބަރު 29) - ފިލިޕީންސްގެ މިންޑަނާއޯ ޖަޒީރާގެ ބޭރުން ކަނޑު އަޑިއަށް 6.9 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމުގައި ކުޑަ ސުނާމީއެއް އުފެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (ޑިސެމްބަރު 29) - ފިލިޕީންސްގެ މިންޑަނާއޯ ޖަޒީރާގެ ބޭރުން ކަނޑު އަޑިއަށް 6.9 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމުގައި ކުޑަ ސުނާމީއެއް އުފެދިއްޖެ އެވެ.

ފިލިޕީންސްގެ ދެކުނުގެ ހިސާބުތަކަށާއި އަވަށްޓެރި އިންޑޮނީޝިއާ އަށް އެރި ބޮޑު ރާޅުގެ އުސްމިނުގައި ފޫޓެއްް ވަރު ހުރި ކަމަށް އޮފިޝަލުން ބުނެ އެވެ. ފިލިޕީންސަށް ބިންހެލުން އައިސް ސުނާމީއެއް އުފެދިފައި މި ވަނީ އިންޑޮނީޝިއާގެ އަލިފާން ފަރުބަޑައެއް ގޮވައިގެން ކަނޑު އަޑިއަށް އައި ލޮޅުމުގައި އުފެދުނު ސުނާމީގައި 400 އަށް ވުރެ ގިނަ މީހުން މަރުވިތާ ހަފުތާއެއް ފަހުންނެވެ.

"ބިންހެލުމަށް ފަހު ސުނާމީއެއް އުފެދިދާނެތީ އާއްމުން އައްސޭރިއާ ދުރު ހިސާބުތަކުގައި ތިބުމަށް އިލްްތިމާސް ކުރަން،" ބިންހެލުމަށް ފަހު ފިލިޕީންސް ސަރުކާރުގެ ސީސްމޮލޮޖީ އޮފީހުން ނެރުނު އިންޒާރުގައި ބުނެފައިވެ އެވެ.

ފިލިޕީންސަށް 2013 ވަނަ އަހަރު 7.1 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 22 މީހުން މަރުވެފަ އެވެ. އިންޑޮނީޝިއާ އަށް ސެޕްޓެމްބަރު މަހު އައި ބިންހެލުމުގައި އުފެދުނު ސުނާމީގައި ވަނީ 2،200 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.