Roadha Mihaaru
އައިއެސް އިން ފަސް އަހަރުގެ ކުއްޖަކަށް ފެންނުދީ މަރާލި

އައިއެސްގެ މެންބަރަކު ފަސް އަހަރުގެ ކުއްޖަކު އަވީގައި ބާއްވައިގެން ފެން ނުދީ މަރާލި

29 ޑިސެމްބަރ 2018

މިއުނިކް (ޑިސެމްބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަންހެން މެންބަރަކު، އިރާގުގެ ފަސް އަހަރުގެ އަންހެން ކުއްޖަކު ޗޭޖު ޖަހާފައި އަވީގައި ބާއްވައި، ފެން ނުދީ މަރާލި ކަމަށް ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިއުނިކް (ޑިސެމްބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަންހެން މެންބަރަކު، އިރާގުގެ ފަސް އަހަރުގެ އަންހެން ކުއްޖަކު ޗޭޖު ޖަހާފައި އަވީގައި ބާއްވައި، ފެން ނުދީ މަރާލި ކަމަށް ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ޖެނިފާ ޑަބްލިއު ނަމަކަށް ކިޔާ އައިއެސްގެ އެ މެންބަރަކީ ޖަރުމަނުން ސީރިއާ އަށް ގޮސް އެ ޖަމާއަތާ ގުޅުނު މީހެކެވެ. ތުރުކީ ސިފައިން ފަހުން ވަނީ އެ އަންހެން މީހާ އަތުލައިގަނެ ޖަރުމަނާ ހަވާލުކޮށްފަ އެވެ. އަދި ޖަރުމަނުގެ ކޯޓެއްގައި އޭނާގެ މައްޗަށް ދައުވާ ކުރަނީ ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގަ އެވެ.

ޖެނިފާ އާއި އޭނާގެ ފިރިމީހާ އެ އަންހެން ކުއްޖާ ގަތީ 2015 ވަނަ އަހަރު އިރާގުގެ މޫސަލް ސިޓީންނެވެ. އަންހެން ކުއްޖާ ބަލިވުމުން އެ ފިރިހެން މީހާ ވަނީ އެ ކުއްޖާ ގައިގައި ޗޭނު ޖަހައި އަތްވަށް ނެރެފަ އެވެ. ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެ ގަދަ ވޭނުގައި، ފެން ނުލިބި، ކަރުހިއްކުން މަތީ އެ ކުއްޖާ މަރުވެގެން ދިޔައިރު ކުއްޖާ ސަލާމަތް ކުރަން ޖެނިފާ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. މި މައްސަލައިގައި ކުށްވެރިވެއްޖެ ނަމަ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފަސް އަހަރުގެ ކުއްޖާ ނިސްބަތް ވަނީ އިރާގުގައި އަޣުލަބިއްޔަތު ނެތް ޔަޒީދީ ދަރިކޮޅަށެވެ. އައިއެސް 2014 ވަނަ އަހަރު އިރާގުގެ ބޮޑު ސަރަހައްދަކަށް ވެރިވެ ގަތުމަށް ފަހު ޔަޒީދީ ވަރަށް ގިނަ އަންހެނުން ރަހީނު ކުރި އެވެ.

ޖެނިފާ އިރާގަށް ދިޔައީ 2014 ވަނަ އަހަރު އެވެ. އައިއެސްގެ މެންބަރަކަށްވުމަށް ފަހު އޭނާގެ މަސައްކަތަކީ މޫސަލް އާއި ފަލުއްޖާ ސިޓީގެ ޕާކްތައް ބެލެހެއްޓުމެވެ. އައިއެސްގެ އުސޫލާ އެއްގޮތަށް އަންހެނުން ހެނދުން އަޅާތޯ ބެލުން ވެސް އޭނާއާ އޮތީ ހަވާލުކޮށްފަ އެވެ.

ތުރުކީ ފުލުހުން ޖެނިފާ ހައްޔަރު ކުރީ އަންހެން ކުއްޖާ މަރުވި ފަހުން، އޭނާގެ އައިޑީ ކާޑް އާ ކުރަން އަންކަރާގައި ހުންނަ ޖަރުމަން އެމްބަސީ އަށް ގޮސް އުޅެނިކޮށެވެ. ތުރުކީން ފަހުން ވަނީ އޭނާ ޖަރުމަނާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން ޖެނިފާ ދޫކޮށްލާފައި ވަނިކޮށް ދެ ވަނަ ފަހަރަށް ޖަރުމަން ފުލުހުން އޭނާ ހައްޔަރު ކުރީ ސީރިއާ އަށް ދާން އުޅެނިކޮށެވެ.

އައިއެސްގެ ބާރުގެ ދަށުން މޫސަލް މިނިވަން ކުރީ މިދިޔަ އަހަރުގެ ފަހު ކޮޅެވެ.