10 ޖެނުއަރީ 2019
ޗައިނާ އަކީ ރާއްޖެ އަށް ވަރަށް ގިނަ ދީލަތި އެހީތަކެއް ދިން ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ދުރުވިޔަ ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.
ޗައިނާ އަކީ ރާއްޖެ އަށް ވަރަށް ގިނަ ދީލަތި އެހީތަކެއް ދިން ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ދުރުވިޔަ ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރި ގޮތުން، ރާއްޖެ އާއި ޒަމާންވީ ގާތް ގުޅުން އޮންނަ ގައުމުތަކާ ދުރުވެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެއާއެކު ޗައިނާ އާއި ސައުދި އަރަބިއްޔާއާ ދެމެދު އާދަޔާޚިލާފު ގާތް ގުޅުމެއް އުފެދުނެވެ. މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން ލޯނުދީ، ދަރަނި އިތުރުވެފައިވާ މައްސަލައިގައި ވަނީ ފާޑުކިއުން ވެސް އަމާޒުވެފަ އެވެ.
ޔާމީންގެ ސަރުކާރުން ބޮޑެތި ގިނަ މަޝްރޫއުތައް ހިންގީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ. އެ ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭގައި ކޮންސެޝަނަލް ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކާއި ސޮވެރިން ގެރެންޓީތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް މަތީގައި ކަމަށް ރައިީސް އޮފީހުން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ޝާހިދު "މިހާރު" އަށް ވިދާޅުވީ ޗައިނާ އަކީ ރާއްޖެއާ ވަރަށް ރަހުމަތްތެރި ގައުމެއް ކަމަށެވެ. ޗައިނާ ސަރުކާރާ، ރާއްޖެއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނަމުން މިދާ ވާހަކައަކީ ޗައިނާގެ ސަރުކާރުން ދީލަތިކަމާ އެކު ވެދީފައިވާ އެހީ ބޭނުންކުރުމުގައި ކުރީގެ ސަރުކާރުން ހުރީ އިހުމާލުވެފައި. ރައްޔިތުންނަށް ދިން އެހީތައް ބޭނުންކޮށްފައި ވަނީ އެކަށީގެންވާ ގޮތަކަށް ނޫނޭ،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ދައްކާ ގޮތަށް ޗައިނާގެ ބޭންކުތަކުން ބޮޑެތި އިންޓްރެސްޓްތަކުގައި ސަރުކާރުން ލޯނު ނަގާފައި އެބަހުއްޓެވެ. އެ އިންޓްރެސްޓް ރޭޓުގައި ލޯނު ނެގުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ނުކުމެ ރާއްޖެ އިން ކުރަން ޖެހޭވަރުގެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެއަށްވުރެ އަގު ހެޔޮކޮށް، އެއަށް ވުރެ ރަނގަޅަށް ލޯނު ލިބޭނެ ގޮތް ޗައިނާގެ ނިޒާމްގެ ތެރޭގައި ވެސް އަދި ބައިނަލްއަގުވާމީ އެހެން ދިމަދިމާލުން ވެސް ހޯދޭނެ. އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" ޝާހިދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ، ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިކޮށް ދެމެހެއްޓޭނެ ގޮތްތަކަކަށް ވިސްނައިގެންނެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދެއްވި ގޮތަށް ރާއްޖެއާ އެކު ގުޅުން ބާއްވަން ބޭނުންވާ ހުރިހާ ގައުމަކާ އެކު ގުޅުން ބާއްވާނަން،" ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ގައުމުތައް ވާންޖެހޭނީ، ޝާހިދު ވިދާޅުވި ގޮތުގައި، ގާނޫނުތަކަށް ބޯލަނބާ ގައުމުތަކަކަށެވެ. އެ މިންގަނޑުގެ ތެރޭގައި ދެމިތިބޭ ހުރިހާ ގައުމަކާ އެކު ރާއްޖެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއާ ގުޅުން ނޯންނާނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ނިންމުންތަކަށް ބޯނުލަނބައި އުޅޭ ގައުމުތަކާ އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. އެ ގައުމުތަކުން ވެސް ސުލްހައިގެ މަގަށް ބޯލަނބަން ހަނދާންކޮށްދިނުމަކީ ކުޑަ ގައުމެއްގެ ގޮތުގައި އޮވެމެ ރާއްޖެ އިން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުން ހީނަރުވިޔަ ނުދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއިރު، ޗައިނާގެ ސަފީރާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. ޗައިނާ އިން ރާއްޖެ އަށް ވެފައިވާ އެހީތަކަށް ރައީސް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރުމާއި އިންޓަރެސްޓް ރޭޓް ކުޑަ ކުރަން އެ ގައުމާ އެކު މަޝްވަރާކުރަން ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޗައިނާ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ޗައިނާއާ އެކު އިތުރަށް ގުޅުން ބަދަހިވާނެ: ޝާހިދު
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ރާއްޖެ-ޗައިނާގެ ގުޅުމަކީ މިސާލެއް: ސަފީރު
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
ރާއްޖެ-ޗައިނާގެ މަޝްވަރާ މާދަމާ
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން