Roadha Mihaaru
ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮތްތޯ ބަލަނީ

ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮތްތޯ ސުޕްރީމް ކޯޓުން ބަލަނީ

31 ޑިސެމްބަރ 2018

ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާ ގާތް ގުޅުމެއް އޮންނަ ކަމަށާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ވެސް ގޭންގުތަކުގެ ދައުރު އޮތް ކަމަށް ވިދާޅުވެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާ ގާތް ގުޅުމެއް އޮންނަ ކަމަށާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ވެސް ގޭންގުތަކުގެ ދައުރު އޮތް ކަމަށް ވިދާޅުވެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އެ ކޯޓުން އިންސާފު ނުލިބޭނެ ކަމަށެވެ.

"ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ ވާހަކަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ސުއޫދު ދެއްކެވި ވާހަކަތަކުގައި ސުޕްރީމް ކޯޓުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ އެ ވާހަކަތަކުގެ ހަގީގަތް ހޯދައި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކަމާ ގުޅޭ މައުލޫމާތާއި ގުޅުން ހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް ކޮމިޝަނުގައި މިހާރު އެދިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ހަގީގަތް ނޭނގެ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ސުއޫދު ވިދާޅުވީ ކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަތައް ބެލި ކަމުގައި ވިޔަސް ކްރިމިނަލް ކޯޓުގައި މިހާރު އެ ތިއްބެވި ގާޒީން، ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ސުއޫދު ކުރެއްވި ތުހުމަތާ އެކު އެކަން ބަލަން ސުޕްރީމް ކޯޓުން ނިންމި އިރު ސުއޫދު މިހާރުވެސް ހުންނެވީ ޖުޑީޝަރީއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސެޕްޓެމްބަރު 25 އިން ފެށިގެން ސުޕްރީމް ކޯޓުގެ ސަސްޕެންޝަނެއްގަ އެވެ. އަދި ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް އެ ކޯޓުން ކުރި ސަސްޕެންޝަނެއް ވެސް އެބަ އޮތެވެ. އަދި ކުރިން ވެސް އެތައް ފަހަރަކު ސުއޫދު ސަސްޕެންޑްކޮށްފައިވެ އެވެ.