Roadha Mihaaru
ފަނޑިޔާރަށް ޝުޖާއު އިންޒާރު ދިން މައްސަލަ ބަލަން ޖެހޭ

ފަނޑިިޔާރު އަލީ ރަޝީދަށް ޝުޖާއު އިންޒާރުދިން މައްސަލަ ބަލަން ޖެހޭ: ޖަމިއްޔާ

26 ނޮވެމްބަރ 2020

އިދިކޮޅު ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޖަލަށް ލާނެ ކަމަށް ބުނެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އިންޒާރު ދެއްވި މައްސަލަ ބަލަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އިދިކޮޅު ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޖަލަށް ލާނެ ކަމަށް ބުނެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އިންޒާރު ދެއްވި މައްސަލަ ބަލަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ފަނޑިޔާރު އަލީ ރަޝީދު އުމުރަށް ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ މަނީ ލޯންޑަރިންގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި އިރު، ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ހިންގި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރެވެ. އޭނާއަށް ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ލިބިވަޑައިގަތީ، ޔާމީންގެ ޝަރީއަތަށް ފަހު، މިދިއަ ސެޕްޓެމްބަރު މަހު އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރަކަށް އެހެން އިންޒާރު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކަމާ ބެހޭ އިދާރާތަކުން އެކަން ބަލައި ފިޔަވަޅު އަޅަން ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބިނާކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައެއްގަ އެވެ. އެ ފައިސާ ދައުލަތާ ހަވާލުކުރަން އޭސީސީން އެދުމުން، ޔާމީނާއި އޭސީސީއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވާ، އެ އެއް މިލިއަން ޑޮލަރު ޖަމާކުރަން ނިންމެވި އެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް އެމްއައިބީގެ އެކައުންޓުން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ބޭނުންކުރެއްވީ އެހެން މީހެއްގެ ފައިސާ އެވެ. ފަސް އަހަރުގެ ޖަލު ހުކުމެއް އައީ އެއީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ސާބިތުވުމުންނެވެ.