Roadha Mihaaru
އައިޓީ ދާއިރާގެ ނުފެންނަ ފަޅި: އަންހެނުން

އައިޓީ ދާއިރާގެ ނުފެންނަ ފަޅި: އަންހެނުން

08 ޖެނުއަރީ 2019

ޓެކްނޮލޮޖީއަކީ އަންހެންކުދިންނަށް ކުރިއަށް ދެވިދާނެ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެވިފައި ނެތްކަން އައިޝަތު އަދުނާން (އައިޝާ) އަށް ޔަގީންވީ ސްކޫލެއްގައި ކެރިއަ ގައިޑެންސް ދޭން ލިބުނު ފުރުސަތެއްގަ އެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ މާހިރެއްގެ ގޮތުގައި އެ ސްކޫލުގައި އޭނާ ހޭދަކުރި ވަގުތުކޮޅުގައި ދަރިވަރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނުލިބުނީ އެވެ. އެ މީހުން ވާހަކަދައްކަން ބޭނުންވީ އެ ތަނަށް ދިޔަ ޑޮކްޓަރުންނާއި ޕައިލެޓުން ފަދަ މީސްމީހުންނާ އެކަންޏެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޓެކްނޮލޮޖީއަކީ އަންހެންކުދިންނަށް ކުރިއަށް ދެވިދާނެ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެވިފައި ނެތްކަން އައިޝަތު އަދުނާން (އައިޝާ) އަށް ޔަގީންވީ ސްކޫލެއްގައި ކެރިއަ ގައިޑެންސް ދޭން ލިބުނު ފުރުސަތެއްގަ އެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ މާހިރެއްގެ ގޮތުގައި އެ ސްކޫލުގައި އޭނާ ހޭދަކުރި ވަގުތުކޮޅުގައި ދަރިވަރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނުލިބުނީ އެވެ. އެ މީހުން ވާހަކަދައްކަން ބޭނުންވީ އެ ތަނަށް ދިޔަ ޑޮކްޓަރުންނާއި ޕައިލެޓުން ފަދަ މީސްމީހުންނާ އެކަންޏެވެ.

"ޓެކްނޮލޮޖީއަކީ ކެރިއައެއްގެ ގޮތުގައި އިޚްތިޔާރުކުރެވިދާނެ ކަމެއް ކަމަކަށް މީހުން ނުބަލާ. ރާއްޖޭގައި އަދިވެސް މީހުން ޑޮކްޓަރުކަން އިސްކުރޭ، ހާއްސަކޮށް އަންހެންކުދިންނަށް،" އައިޓީ ދާއިރާގައި މަސައްކަތްކުރާތާ 12 އަހަރު ވެފައިވާ އައިޝާ، 34، ބުންޏެވެ.

އެ ތަޖުރިބާ އަށް ފަހު އައިޝާ ވަނީ ސްކޫލް ކުދިންނާ ވަކިވަކިން ވާހަކަދައްކައި ޓެކްނޮލޮޖީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން ފަށައިފަ އެވެ. ޔޫއެންޑީޕީގެ ހަރަކާތަކުން ފުރުސަތު ހޯދައިގެން "ވިމެން ޓު ކޯޑް"ގެ ނަމުގައި ޕްރޮގްރާމެއް ވެސް އިފްތިތާހުކުރި އެވެ. އަންހެންކުދިންނަށް ކޯޑްކުރަން ދަސްކޮށްދީގެން އެ މަސައްކަތަށް ނެރުމުގެ އަޒުމުގަ އެވެ. އެކަމަކު އެ ޕްރޮގްރާމްގެ ތެރެއިން އޭނާ އަށް އެނގެން ފެށީ އައިޓީ ދާއިރާގައި މިހާރު ވެސް، ކޮންމެވެސް ވަރަކަށް، އަންހެނުން އެބަ ތިބި ކަމެވެ؛ ފޮރުވިފަ އެވެ.

"އަންހެންކުދިން އެއްވެސް ވަރަކަށް ނުއެއް ފެނޭ، ނުއެއް ނުކުމޭ. ގާތްގަނޑަކަށް ދެ ކުއްޖެއްގެ އަޑު އިވޭނީ. އަސްލު ވާ ގޮތް ބަލައިލި އިރު މި އެނގުނީ އަންހެނުންގެ އެޗީވްމެންޓްތައް ސެލެބްރޭޓްކުރުމެއް ނޯވޭ. އަނެއްކާ ފިރިހެނުން ގިނަ ދާއިރާއެއް ވީމަ އަންހެންކުދިންނަށް އެހާ ބޮޑަކަށް ނުކުންނާކަށް ވެސް ނުކުރޭ،" އައިޝާ ކިޔައިދިނެވެ.

ފޯކަސް އެޑިއުކޭޝަން ސެންޓަރާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި މަސައްކަތްކުރުމަށް ފަހު މިހާރު އެލައިޑް އިންޝުއަރެންސްގެ އިންފޮމޭޝަން ސިސްޓަމްސްގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމްގައި ހުރި މި މަންމަ އަށް، އެހާ ހިސާބުން އައީ އެހެން ވިސްނުމެކެވެ.

"ހިތަށް އެރީ ކިޔަވައިދީގެން ނުވަތަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައިގެނެއް މި ކަމެއް ނުވާނެއޭ، މިހާރު ތިބި ކުދިންނަށް ހިތްވަރުދީގެން އެބަ ޖެހެއޭ ނެރެން. އެ މީހުންގެ ހުނަރުތައް އިތުރަށް ތަރައްގީކުރަން ވެސް އެބަ ޖެހެއޭ،" އައިޝާ ބުންޏެވެ.

ވިމެން އިން ޓެކްއެމްވީގެ ބައެއް މެމްބަރުން

ވިމެން އިން ޓެކްއެމްވީގެ ބައެއް މެމްބަރުން

އެކަން ކުރާނެ ގޮތް އޭނާ ހޯދީ ފާތުމަތު ނީޝާ އާއި ޝަހުޒާ ކަރީމް ގުޅިގެންނެވެ. އެލައިޑްގެ ސީނިއާ ސޮފްޓްވެއާ ޑިވެލޮޕަރު ނީޝާ އާއި މީރާ އާއި ވިލާގައި މަސައްކަތްކުރުމަށް ފަހު އިންޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް އިން މާސްޓާސް ހަދަމުން އަންނަ ސޮފްޓްވެއާ ޑިވެލޮޕަރު ޝަހުޒާ އާއި އައިޝާ އިވެންޓަކުން ދިމާވި ހިސާބުން "ވިމެން އިން ޓެކް މޯލްޑިވްސް"ގެ ބިންގާ އެޅުނެވެ.

ކ-ވ: ނީޝާ، ޝަހުޒާ އަދި އައިޝާ

ކ-ވ: ނީޝާ، ޝަހުޒާ އަދި އައިޝާ

އެ ހަރަކާތް އަމިއްލަ ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އައިސީޓީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުމާއި އެ މީހުންނަށް ހިތްވަރުދީ، އެ މީހުންގެ ކާމިޔާބީތައް ފާހަގަކުރުމުގެ މަސައްކަތް ވަނީ ފަށައިގެންފަ އެވެ. ދެ ޖިންސަށް ވެސް ހުޅުވާލާފައިވާ "ވިމެން އިން ޓެކްއެމްވީ"އާ މިހާތަނަށް ގުޅިފައިވާ 92 މެމްބަރުންގެ ތެރެއިން 80 މީހުންނަކީ އަންހެނުންނެވެ.

"މިއީ ހަމަ މި ދާއިރާގައި އުޅޭ ކުދިން. ގްރެފިކް ޑިޒައިނަރުން، ކޯޑްކުރާ މީހުން، އައިޓީގެ މެނޭޖްމެންޓް ލެވެލްގައި އުޅޭ މީހުން، ހާޑްވެއާ އެންޑް ނެޓްވޯކިން މަސައްކަތްތައް ދަންނަ މީހުން. އަސްލުގައި ގަބޫލެއް ވެސް ނުކުރެވޭނެ ރާއްޖޭގައި މި ދާއިރާތަކުގައި އަންހެންކުދިން އުޅޭނެއެކޭ ވެސް،" އައިޝާ ބުންޏެވެ.

އެކަން ފުރަތަމަ ފަހަރަށް ހާމަވާން ފެށި އިރު، ވިމެން އިން ޓެކްގެ ތިން ފައުންޑަރުންނަށް އިވުނީ މުޅިން ވެސް އެއްކަހަލަ ވާހަކަތަކެކެވެ. އިންޓަވިއުތަކުގަ އާއި ވަޒީފާގައި އުޅޭ އިރު ވެސް ފިރިހެނުންނާ ތަފާތުކުރާކަމުގެ ޝަކުވާ އެވެ. ކިތަންމެ މޮޅަސް، އަންހެނުންނަށް ވީތީ، އެ މީހުންގެ އަގުވަޒަން ނުކުރާ ކަމާއި އާދައިގެ ނުވަތަ އިދާރީ މަސައްކަތެއް ނޫން ކަމެއް ހަވާލު ވެސް ނުކުރާ ކަމެވެ. އައިޝާ ފާހަގަކުރި ގޮތުގައި ސަރުކާރުގެ އޮފީސްތަކާއި ބޮޑެތި ކުންފުނިތަކުގައި ވެސް ކަން ހިނގަނީ އެހެންކަން، ޖަމްއިއްޔާގެ މެމްބަރުން ކިޔައިދޭ ވާހަކަތަކުން އެނގެ އެވެ.

"އަންހެންކުދިން ވީމަ ތަންކޮޅެއް ފަސޭހަ މަސައްކަތްތައް ދީފައި ނިންމާލަނީ. ވެރިންނަށް ވިސްނިފައި އޮންނަނީ ކްރިއޭޓިވް ކަންކަން އަންހެންކުދިންނަކަށް ނުކުރެވޭނެއޭ. އަލަށް އަހަރެމެންނާ ގުޅޭ އެންމެން ވެސް ވާހަކަދައްކަނީ މިކަހަލަ ގޮތަކަށް. އެ މީހުން އަންނަ އިރު ވަރަށް ބައިވަރު އިހުސާސްތަކާ އެކު ހުރިހާ އެއްޗެއް ބޭރުކޮށްލަނީ،" އޭނާ ބުންޏެވެ.

ވިމެން އިން ޓެކްއެމްވީގެ ރައީސާ ހަފްސަތު އަލީމް (ކ)

ވިމެން އިން ޓެކްއެމްވީގެ ރައީސާ ހަފްސަތު އަލީމް (ކ)

ވިމެން އިން ޓެކްގެ މެމްބަރުންގެ ބައެއް ތަޖުރިބާތައް:

- އަހަންނަކީ ބޭރު ގައުމުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ސޮފްޓްވެއާ ޑިވެލޮޕަރެއް. އެކަމަކު މާލެ އައި އިރު، ރާއްޖޭގެ ބޮޑު ކުންފުންޏަކުން އަހަންނާ ދިމާލަށް ބުނީ އަންހެންކުއްޖަކަށް ވީމަ ވަޒީފާ ދެވޭކަށް ނެތޭ. ކުރިއަށް ދާނެ ފުރުސަތެއް މިތާކު ނެތް. އެއްފަރާތްކޮށްފައި ނުވަތަ ނުގުޅޭ މަސައްކަތެއް ހަވާލުކޮށްފައި ބަހައްޓަނީ.

- އަހަރެން ވެބް ޑިވެލޮޕަރެއްގެ ވަޒީފާގައި ހުރެފައި، ހާލަތު ހުރި ގޮތުން، ފްލެކްސިބަލް ވަޒީފާއެއް ބޭނުންވެގެން މީގެ ދެ އަހަރު ކުރިން ސަރުކާރުގެ އޮފީހެއްގެ ގްރެފިކް ޑިޒައިނައިރެއްގެ ވަޒީފާ އަށް ބަދަލުވީ. އެ ތަނުގައި އަހަރެއްހާ ދުވަސް ވަންދެން ސިސްޓަމް އެޑްމިންއެއްގެ މަސައްކަތްކުރިން، ގްރެފިކް ޑިޒައިނަރެއްގެ މުސާރަ އަށް. ޑޭޓާބޭސް އާއި ހުރިހާ ސެޓަޕްތަކެއް ހެދީ އަހަރެން. އޭރު ވެސް އަހަރެންގެ އަތުގައި ޑިގްރީއެއް އޮތް. ސިސްޓަމް އެޑްމިންއަކަށް ޕްރޮމޯޓްކޮށްދޭނަމޭ އެ ތަނުން ބުނި. އަދި ހުއްދަ ހޯދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފީމޭ ވެސް ބުނި. އެކަމަކު އޭގެ ދުވަސް ކޮޅެއް ފަހުން ބޮޑު މުސާރައެއް ދީފައި، އަހަންނާ އެއްކޮށް ކިޔަވަން އުޅެ ގްރެޖުއޭޓްވި ފިރިހެން ކުއްޖަކު ގެނެސް، ދިނީ ސިސްޓަމް އެޑްމިންއެއްގެ ވަޒީފާ. ގިނަ މަސައްކަތްތައް އަހަރެން ކުރި ފަހުން. އަހަރެން ބަދަލުކުރީ ނުވެސް ގުޅޭ ތަނަކަށް. އަހަރެން އެ ތަނުން ކެނޑުނީ. ރިފަރެންސް ލެޓާއެއް ވެސް ނުދިން. ދެން އެއް އަހަރު ކޮށްފައި އަހަރެން މި އަހަރު ވަނީ ސަރުކާރުގެ އެހެން އޮފީހެއްގެ އައިޓީ އަށް. އަހަރެން ނުކުންނަން ފެށި އިރު އެ ތަނުގެ އައިޓީ މުވައްޒަފުން ޗުއްޓީގައި ތިބީމާ އައިޓީ މަސައްކަތްތައް ކުރާނެ މީހަކު ނެތް. އެހެންވެ އައިޓީ މަސައްކަތްތައް ކުރަން ލިބުނު. އެކަމަކު ފަހުން އައިޓީ އަށް ދެ ފިރިހެންކުދިން ގެނެސްފައި އަހަންނާ ހަވާލުކުރީ ޕްރޮކިއޮމެންޓް މަސައްކަތް.

- އަހަރެން އުޅެނީ ސަރުކާރު އޮފީހެއްގެ އައިޓީ ޑިޕާޓްމެންޓްގައި. ބޮޑެތި މީހުން ގަބޫލެއް ނުކުރޭ، އުނދަގޫ ކަންތައް އަންހެނުންނަށް ކުރެވޭނެ ކަމަކަށް. އައިޓީގެ ވެސް އެޑްމިން ކަންތައް އަހަންނަށް ދީފައި ސާވާ މެނޭޖްމެންޓް ކަހަލަ ކަންތައް ދެނީ ފިރިހެންކުދިންނަށް. އަހަރެން ވެސް މި ހުރީ އެ މީހުންނެކޭ އެއްވަރަށް ކިޔަވައިގެން. އަހަރެމެންގެ މަގާމަކީ ވެސް އެކައްޗެއް.

- އައިޓީ އިންޖިނިއަރެއްގެ ގޮތުގައި ކެރިއަރު ފަށައިގަތް އިރު އަހަންނަށް ވެސް ކުރެވުނީ އެއް ތަޖުރިބާއެއް. ބޮޑެތި ކުންފުނިތަކުން އަހަރެން ބަލައިނުގަތީ އަންހެނެއް ވީމަ. އެ މީހުން ބުނަނީ ފިރިހެނަކަށް މާ ރަނގަޅަށް މި މަސައްކަތް ކުރެވޭނެއޭ. ދެން ޓެކް ކުންފުންޏެއްގެ ސޭލްސް ވަޒީފާއެއްގައި އުޅެނިކޮށް އަހަންނަށް ނަސީބު ލައްވާލީ. އެ ތަނުގެ ޑިރެކްޓަރަކަށް އަހަރެންގެ ޕޮޓެންޝަލް ފެނިގެން އިންޖިނިއަރިން ޑިޕާޓްމެންޓުން ފުރުސަތު ދިނީ. އަދި ތަމްރީންތަކަށް އަހަރެން ބޭރަށް ވެސް ފޮނުވި. ވަކި ހިސާބަކުން ހިތްވަރު އެލިގެން އިދާރީ ވަޒީފާއެއްގައި ވެސް އުޅުނިން. އެކަމަކު ފަހުން ކިޔަވައި ނިންމާފައި އަނެއްކާވެސް މި ދާއިރާއާ ގުޅުނީ. އަދިވެސް މި އުޅެނީ އެ ތަނުގައި. މި ދާއިރާގެ މީހެއްގެ ގޮތުގައި އަހަރެން ކުރިއަރުވަން އެ މީހުން ވަރަށް ބޮޑަށް އެހީތެރިވެދިން.

ވިމެން އިން ޓެކްއެމްވީގެ ބައެއް މެމްބަރުން

ވިމެން އިން ޓެކްއެމްވީގެ ބައެއް މެމްބަރުން

ވަޒީފާ ނުލިބުމާއި ކުރިއަށް ދާން ލިބޭ ފުރުސަތުތައް މަދުވުމުގެ މިފަދަ އެތައް ވާހަކަތަކެއް އައިޝާމެން ވަނީ އަޑުއަހައިފަ އެވެ. ވިމެން އިން ޓެކްގެ އެންމެ ބޮޑު އަމާޒަކީ އެ ހުރަސްތައް ނައްތާލުމެވެ. އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

"ކޮންމެ ދާއިރާއެއްގައި ވެސް ޖެންޑާ ބެލެންސެއް އަންނަން ޖެހޭ. އަންހެނުންނަކީ ވަރަށް ކްރިއޭޓިވް ބައެއް. ހެދުން ފެހިޔަސް، ކޭކު އެޅިޔަސް، އެ ހުރިހާ ކަމެއް މި ބިނާވަނީ އެ މީހުންގެ ޑިޒައިނިން ސްކިލްސް އަށް،" ދާދި ފަހުން އައިޓީ އިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ އައިޝާ ފާހަގަކުރި އެވެ.

"ޓެކްނޮލޮޖީ އަށް ބަލާ އިރު ވެސް މި ހަދާ ހުރިހާ ޕްރޮޑަކްޓްތަކެއްގައި ފެމިނިން ޓަޗްއެއް ވަރަށް މުހިއްމު. ދެން އަންހެނުންނަކީ ކޮމްޕްލެކްސް އެއްޗެހި ސޯލްވްކުރަން މޮޅު ބައެއް. އެކަން އެނގޭނެ ގޭތެރޭގައި އަންހެނުން އަދާކުރާ މަލްޓި ޓާސްކިން ދައުރުން ވެސް. އެހެންވީމާ އޭގެ އަނެއްކޮޅަށް ވެސް އެ މީހުންނަށް މަސައްކަތްކުރެވެންވާނެ."

ވިމެން އިން ޓެކްގެ ހަރަކާތްތައް ފެށިތާ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ވެސް ނަތީޖާ ފެންނަން ފަށައިފާވާކަން ފައުންޑަރުން ފާހަގަކުރެ އެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އަމިއްލަ ފަރާތްތަކުން ވެސް މިހާރު ތިބީ އަންހެނުންނަށް ފުރުސަތު ދިނުމުގެ ރޫހެއްގަ އެވެ. އައިޝާ ފާހަގަކުރިގޮތުގައި މިހާރު "އިންޑަސްޓްރީ ތެރެއިން މި ފުރުސަތުތައް މި ހުޅުވެނީ އަހަރެމެން ވެސް ތިބިކަން އެނގޭތީ" އެވެ.

"އަހަރެމެން މި ކަން ކުރަން ފެށީމަ ޓެކް ކޮމިއުނިޓީން، ފިރިހެންކުދިން ވެސް ފުދޭ ވަރަކަށް ސަޕޯޓް އެބަ ދޭ،" އޭނާ ބުންޏެވެ.

"ދެން އެންމެ އުފާވާ ކަމަކީ، އަހަރެމެން ކުރިން ހީކުރި ވަރަށް ވުރެ މާ ގިނަ ކުދިން އެބަ އުޅޭ. އެހެންވީމާ އެ މީހުންނާ ދިމާވެ، އެ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ އެ މީހުންގެ ކާމިޔާބީތައް ފާހަގަކޮށް، ދެން ކޮމިއުނިޓީ އަށް ކަމެއް ކޮށްދިނުން އެއީ އަހަރެމެން ބޭނުންވާ ކަމަކީ."