Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 ޖެނުއަރީ 2019

ކުރިން މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން އޮތް، އިމްރާން ހާޝިމީގެ ފިލްމު "ޗީޓް އިންޑިއާ" ރިލީޒް ކުރުން ހަފުތާއެއް އަވަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން އޮތް، އިމްރާން ހާޝިމީގެ ފިލްމު "ޗީޓް އިންޑިއާ" ރިލީޒް ކުރުން ހަފުތާއެއް އަވަސްކޮށްފި އެވެ.

ޓީ ސީރީޒްގެ މި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރުން އަވަސް ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ބެލެވޭ ގޮތުން މި ފިލްމު ކުރިން ތާވަލުކުރި ތާރީހު ކަމަށްވާ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޖެނުއަރީ 25 ގައި ރިލީޒް ކުރަން އޮތް ކަންގަނާ ރަނާވަތުގެ ތާރީހީ އަދި އުންމީދީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި ނަވާޒުއްދީން ސިއްދީގީ ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "ތަކެރީ" އާ ބޮކްސް އޮފީހުގައި ފައްތަރުވުމަކަށް ނުދާންވެގެންވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އެ ތާރީހުގައި ކަންގަނާގެ ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލާނީ ޝިވް ސެނާ ޕާޓީގެ ބާނީ ބަލް ތަކެރީގެ ރޯލް ނަވާޒުއްދީން ސިއްދީގީ ކުޅެފައިވާ "ތަކެރީ" އާ އެކަންޏެވެ.

"ޗީޓް އިންޑިއާ" އަކީ އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކުގެ މައްޗަށް ބިނާކޮށް ސޯމިކް ސެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި އިމްރާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޝްރެޔާ ދަންވަންތަރީ އެވެ.

"ދަ ފާކިރު އޮފް ވެނިސް" ވެސް 18 ގައި

އިންޑިއަން ފިލްމު ފެސްޓިވަލް އޮފް ލޮސް އެންޖެލިސްގައި ޕްރިމިއާ ކުރިތާ 10 އަހަރު ފަހުން ފަރްހާން އަހްތަރުގެ ފިލްމު "ދަ ފާކިރު އޮފް ވެނިސް" މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ

އާނަންދު ސުރަޕޫރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރް އަދި ކަމަލް ސިދޫ ހިމެނެ އެވެ.

"ދަ ފާކިރު އޮފް ވެނިސް" ގެ އަކީ "ކޮކްޓެއިލް" ފަދަ ފިލްމުތައް ޑައިރެކްޓް ކުރި ހޯމީ އަދަޖާނިއާގެ ވާހަކައަކަށް، ރާޖޭޝް ދޭވްރާޖް ލިޔެފައިވާ ސްލްރީންޕްލޭއަކަށް ހަދާފައިވާ ކޮމެޑީ ޑްރާމާއެކެވެ.

މި ފިލްމުގެ މިއުޒިކް ހަދައި ދީފައި ވަނީ އޭއާރް ރަހްމާނެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި މަހުގެ 18 ގައި ޖުމްލަ 6 ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ "ދަ ފާކިރު އޮފް ވެނިސް" ގެ އިތުރުން "ޗީޓް އިންޑިއާ"، ބޮމްބައިރިޔާ"، "ފްރޯޑް ސައްޔާން"، "72 އަވާޒް: ދަ މާޓީރް ހޫ ނެވަ ޑައިޑް" އަދި "706" އެވެ.

"ތާނަޖީ" ގައި ސައިފަކީ ވިލަން

އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގައި ފެނިގެން ދާނީ އެ ފިލްމުގެ ވިލަންގެ ރޯލުން ކަމަށް ސައިފް އަލީ ހާން ބުނެފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން ސައިފް ބުނީ އޭނާ ފިލްމުގައި ކުޅެނީ އޯރެންގަޒަބްގެ ރާޖްޕޫތުގެ ޖެނެރަލް އުދޭބަން ސިންގް ރާތޯޑްގެ ރޯލުން ކަމަށެވެ. ސައިފަކީ ނުބައިބައި ރޯލްތަކަށް އާ ތަރިއެއް ނޫނެވެ. ފިލްމު އޯމްކާރާ (2006) ގައި އޭނާ ނުބައިބައި ރޯލެއް ކުޅެފައިވާ އިރު "ރޭސް" އާއި "ރޭސް 2" ގައި ވެސް ސައިފް ފެނިގެން ގޮސްފައި ވަނީ ގްރޭޑް ޝޭޑްސް އިން ފުރިގެންވާ ކެރެކްޓާތަކެކެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 22 ގައި ރިލީޒް ކުރާ "ތާނަޖީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ.

ސަތިޝްގެ އާ ފިލްމަކީ "ކާގަޒް"

"ޖުދާއީ" އާއި "ތެރެ ނާމް" އަދި "ހަމާރާ ދިލް އާޕް ކޭ ޕާސް" ފަދަ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން އެކްޓަރު ސަތިޝް ކޯޝިކް "ކާގަޒް" ކިޔާ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ޝޫޓިން ފަށައި، ނޮވެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި ފިލްމުގެ ޕްރޮޑިއުސަރަކީ ސަލްމާން ހާނެވެ.

"ކާގަޒް" އަކީ ދިރުހުރިކަން ސާބިތުކޮށް ދޭން އާދަޔާހިލާފު މަސައްކަތެއް ކުރި އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ލާލް ބިހާރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގައި ބިހާރީގެ ރޯލުން ފެނިގެން ދާނީ ހުނަރުވެރި އެކްޓަރު ޕަންކަޖު ތުރިޕަތީ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ނިޝާންތު ކޯޝިކް އަދި މޮނާލް ގައްޖަރު ހިމެނެ އެވެ.

ސަތިޝް އަދި ސަލްމާން.

ސަތިޝް އަދި ސަލްމާން.

"ކާގަޒް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސަތިޝް، 62، އަކީ ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2014 ގެ "ގޭންގް އޮފް ގޯސްޓްސް" އެވެ.