Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

16 ނޮވެމްބަރ 2019

ކުރިން މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން އުޅުނު، ޑައިރެކްޓަރު އަނޫރާގް ބާސޫގެ އާ ފިލްމަށް އަނެއްކާ ވެސް އާ ތާރީހެއް ހަމަޖަސައްފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން އުޅުނު، ޑައިރެކްޓަރު އަނޫރާގް ބާސޫގެ އާ ފިލްމަށް އަނެއްކާ ވެސް އާ ތާރީހެއް ހަމަޖަސައްފައިފި އެވެ.

އަދިވެސް ނަން އިއުލާންނުކުރާ މި އެންތޮލިޖީ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 13 ގަ އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ކާސްޓުންނަކީ އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރު ރާއޯ، ސާނިޔާ މަލްއުތުރާ، އަދިތިޔާ ރޯއި ކަޕޫރްގެ އިތުރުން ޕަންކަޖް ތުރިޕަތީ އެވެ.

ކުރިން ވެސް "ލައިފް އިން އަ...މެޓްރޯ" ކިޔާ ކާމިޔާބު އެންތޮލޮޖީ ފިލްމެއްގެ އިތުރުން "ބަރްފީ" ގެނެސްދިން އަނޫރާގް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2016 ގައި ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް ކުޅުނު "ޖައްގާ ޖާސޫސް" އެވެ.

އެކަމަކު އެއީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.

"ދިލް ބޭޗާރާ" 2020 ގެ މެއިގައި

ކުރިން މި މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކުރި ފިލްމު "ދިލް ބޭޗާރާ" އަންނަ އަހަރުގެ މެއި މަހުގެ 8 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ފިލްމު ސިނަމާތަކަށް ގެންނަން އާ ތާރީހެއް އިއުލާންކޮށްފައި މި ވަނީ މި ފިލްމު ސިނަމާތަކުގައި ނާޅުވައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ނިންމާފައިވާ ކަމަށް އަޑުއަރާފައި ވަނިކޮށެވެ.

"ދިލް ބޭޗާރާ" އަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމެކެކެވެ. ސުޝާންތު ސިންގް ރާޖްޕޫރާއި ސަންޖަނާ ސާންގީ ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެ.

"ތަނަޖީ" ގެ ޓީޒާއެއް

އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތަނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ އަޖޭއާ އެކު އަންހެނުން ކާޖޮލް ވެސް އަހަރުތަކެއް ފަހުން ސްކްރީނުން އެކީގައި ފެނިގެންދާނެ ފިލްމެކެވެ. "ތަނަޖީ" ގެ ޑައިރެކްޓަރަކީ އޯމް ރައުތެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާނާއި ނޭހާ ޝަރުމާ ވެސް ހިމެނެ އެވެ.

"ތަނަޖީ" ގެ ޓްރެއިލާ ރިލީޒްކުރާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

"ދަ ބޮޑީ" ގެ ޓްރެއިލާ ދައްކާލައިފި

އިމްރާން ހާޝިމީ މުހިއްމު ރޯލަކުން ފެނިގެންދާ ފިލްމު "ދަ ބޮޑީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރިޝީ ކަޕޫރާއި ސޮބީތާ ދުލިޕާލާ އާއި ވެދިކާ އެވެ.

މި ސަންސްޕެންސް ތުރިލާގެ ޑައިރެކްޓަރަކީ ޖީތޫ ޖޯސެފެވެ.

"ދަ ބޮޑީ" އަކީ މި އަހަރު ރިލީޒްވާ އިމްރާންގެ ދެވަނަ ފިލްމެވެ.

އޭނާ މި އަހަރު ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ ޖެނުއަރީ މަހު ރިލީޒްކުރި "ވާއި ޗީޓް އިންޑިއާ؟" އެވެ. އަދި ނެޓްފްލިކްސް އިން ސެޕްޓެމްބަރު މަހު ސްޓްރީމްކުރި ވެބްސީރީޒް "ދަ ބާޑް އޮފް ބްލަޑް" އިން ވެސް އިމްރާން ފެނިގެން ގޮސްފައިވެ އެވެ.