Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

18 ޑިސެމްބަރ 2019

އިންޑިއާގެ މަޝްހޫރު ސުޕަސްޓާރު ރަޖްނީކާންތުގެ އާ ފިލްމު "ދަރުބާރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ސުޕަސްޓާރު ރަޖްނީކާންތުގެ އާ ފިލްމު "ދަރުބާރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އޭނާ ފިލްމު ކުޅޭ ރަސްމީ ބަސް ކަމަށްވާ ތަމަޅައިގެ އިތުރުން "ދަރުބާރު" ތެލެގޫ، ކަންނާޑާ، މަލަޔާޅަމް އަދި ހިންދީ ބަހުން ވެސް ނެރޭނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ މޮޅެތި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އޭއާރް މުރުގަދޯސް އެވެ. ހިންދީ ސިނަމާ އަށް ލޯބިކުރާ މީހުންނަށް އޭނާ ބޮޑަށް އެނގޭނީ އާމިރު ޚާންގެ "ގަޖްނީ" އާއި އަކްޝޭ ކުމާރުގެ "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" ގެ ޑައިރެކްޓަރުގެ ގޮތުގަ އެވެ.

"ދަރުބާރު" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ. މި ފިލްމުގެ ބަތަލާ އަކީ ނަޔަންތަރާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ އާއި ޕްރަތީކް ބައްބަރާއި ދަލިޕް ތާހިލްގެ އިތުރުން ނަވާބް ޝާހް ހިމެނެ އެވެ.

އުމުރުން މިހާރު 69 އަހަރުގެ ރަޖްނީކާންތުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "ޕެއްޓާ" އެވެ.

"ނިކައްމާ" ޖޫން 5 ގައި

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން ބޮލީވުޑަށް ތައާރަފުވި ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީގެ ދެވަނަ ފިލްމު "ނިކައްމާ" އަންނަ އަހަރުގެ ޖޫން 5 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

"ހީރޯޕަންޓީ" އާއި "ބާގީ" އަދި "މުންނާ މައިކަލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސަބީރު ޚާން ހަދާ މި ފިލްމުގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ ޝާލީ ސެތިއާ އެވެ. "ނިކައްމާ" ވެގެން ދާނީ ކުރީގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ވެސް 13 އަހަރު ފަހުން ބޮޑު ސްކްރީނަށް އަންނަ ފިލްމަށެވެ.

މި ފިލްމުގެ ޝޫޓިން މިހާރި ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ.

"ޝުބް މަންގަލް ޒާދާ ސާވް" ގެ ޝޫޓިން ނިންމާލައިފި

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައި ރިލީޒްކުރަން ނިންމާފައިވާ އަޔޫޝްމަން ކުރާނާގެ "ޝުބް މަންގަލް ޒާދާ ސާވްދާން" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށް 2017 ގައި ގެނެސްދިން "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައެވެ. އެކަމަކު އަޔޫޝްމަން ފިޔަވައި މި ފަހަރު ފިލްމުގެ މައިގަނޑު ކާސްޓުން އެއްކޮށް އާ ވާނެ އެވެ.

ހިތޭޝް ކެވަލިޔާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖިތެންދުރަ ކުމާރު، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ ހިމެނެ އެވެ.

"ތަނަޖީ" ގެ އާ ޓްރެއިލާއެއް

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އަޖޭ އާއި އަންހެނުން ކާޖޮލްގެ އިތުރުން ސައިފް އަލީ ޚާނާއި ނޭހާ ޝަރުމާ އެވެ.

"ތަނަޖީ" އަކީ މަރާޓާ ރަސްކަމުގެ ބާނީ އަދި ވަރުގަދަ އަސްކަރީ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވި ތަނަޖީ މަލުސާރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމަކީ އަޖޭ ދޭވްގަންގެ އޭޑީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒުން ގުޅިގެން ހަދާފައިވާ ފިލްމެކެވެ.