Roadha Mihaaru
އެމްބީއޭ ޗެމްޕިއަންޝިޕް ރެޑްލައިން ކާމިޔާބުކޮށްފި

އެމްބީއޭ ޗެމްޕިއަންޝިޕް ރެޑްލައިން ކާމިޔާބުކޮށްފި

22 އޯގަސްޓް 2016

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބް ހޯދައިފި އެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ވާދަވެރި ޓީރެކްސް ބީސީއާ ވާދަކޮށް 74-70 ޕޮއިންޓުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރެޑްލައިނުގެ އަހުމަދު ފިރާޝެވެ.

ރެޑްލައިން ކްލަބަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް 19 ޕޮއިންޓާ އެކު ފިރާޝެވެ. އެންމެ ގިނަ އެސިސްޓްކޮށްދިނީ، ހަތަރު އެސިސްޓްކޮށްދިން މުހައްމަދު ޒިލާލެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު މުހުސިނެވެ. އޭނާ ވަނީ 17 ޕޮއިންޓް ކާމިޔާބުކޮށްފަ އެވެ. އެ ޓީމަށް އެންމެ ގިނަ އެސިސްޓްކޮށްދިނީ ފަސް ބޯޅަ ތަނަވަސްކޮށްދިން އިސްމާއިލް ވިލްދާން ޔޫސުފާއި އިބްރާހިމް ރަޝްވާން (ޗިކު) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަފްސަން (ކ) އަށް ދިރާގުގެ މެނޭޖަ މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މިރުޝާދު އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަފްސަން (ކ) އަށް ދިރާގުގެ މެނޭޖަ މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މިރުޝާދު އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްލައިން ކްލަބުގެ އަހުމަދު އަފްސަން ރަޝާދެވެ. އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔަކީ ޓީރެކްސްގެ ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 102 ޕޮއިންޓް ހޯދައިފަ އެވެ. މީގެ އިތުރުން އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ރަޝްވާނެވެ.

އެންމެ މޮޅު ޕޮއިންޓް ގާޑަކީ، ޓީރެކްސްގެ ވިލްދާނެވެ. އެއް ވަނަ ކޯޗުގެ އެވޯޑް ލިބުނީ ރެޑްލައިނުގެ ސާބިއާ ކޯޗު މާކޯ ޕިޕްލޮވިޗަށެވެ. އޭނާ އަކީ އެންމެ ފަހުން އެކުލަވާލި ގައުމީ ޓީމުގެ ވެސް ކޯޗެވެ.