Roadha Mihaaru
އިންޑިއާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

އިންޑިއާގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ސަލާމަތްކޮށްފި

22 އޯގަސްޓް 2016

ނިއު ދިއްލީ (އޮގަސްޓް 22) - އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އޮގަސްޓް 22) - އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފެންބޮޑުވެފައިވާ މަދިޔަ ޕްރަދޭޝް ސްޓޭޓުން އެކަނިވެސް ވަނީ 17 މީހުން މަރުވެފަ އެވެ. އިރުމަތީގެ ބިހާރު ސްޓޭޓުގައި ފެންބޮޑުވެ ހާލުގައި ޖެހުމުން ވަނީ 15،000 މީހުން ސަލާމަތްކޮށްފަ އެވެ. ބިހާރުގެ ހަ ކޯރެއްގެ ފެންގަނޑު ވަނީ ނުރައްކާ ލެވެލްއަކަށް ބޮޑުވެފަ އެވެ. ބިހާރުން ހާލުގައި ޖެހުނު މީހުން ވަނީ 80 ކޭމްޕަކުން ހިޔާވަހިކަން ހޯދައިފަ އެވެ.

ވިއްސާރަ މޫސުމުގައި އިންޑިއާގައި ފެންބޮޑުވުމަކީ އާއްމު ކަމެކެވެ. އިންޑިއާގައި ވިއްސާރަ މޫސުން ދިގުލައިގެން ދަނީ ޖޫން އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު މި އަހަރު ވަނީ އާދަޔާޚިލާފަށް ގިނައިން ވާރޭ ވެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

އިންޑިއާގެ ފެންބޮޑުވެފައިވާ ހިސާބެއްގެ ބަޔަކު ގޭގެ ފުރާޅު މައްޗަށް އަރާފައި. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ފެންބޮޑުވެފައިވާ ހިސާބެއްގެ ބަޔަކު ގޭގެ ފުރާޅު މައްޗަށް އަރާފައި. --ފޮޓޯ:އޭއެފްޕީ

ބައެއް އަވަށްތަކުގައި ފެންބޮޑުވެ ގެތައް ފެނުގެ އަޑިއަށް ދިއުމުން ބައެއް މީހުން ވަނީ ރައްކާތެރިވުމަށް ގޭތަކުގެ ފުރާޅު މައްޗަށް އަރައިފަ އެވެ.

"ފެންބޮޑުވުމުން ވަރަށް ގިނަ މައްސަލަތައް ދަނީ ކުރިމަތިވަމުން. ހުރިހާ އެއްޗެއް ވެސް ވަނީ ފެނުއަޑީގައި. ކާނާ އާއި ބޯފެނެއް ނުލިބޭ،" ޕަތުނާ ސިޓީގައި ދިރިއުޅޭ މީހަކު ރޮއިޓާސް އަށް ބުންޏެވެ.

އަވައްޓެރި އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ބިންގަނޑު ތިރި ހިސާބުތަކުގައި އުޅޭ މީހުން ވަނީ ބިންގަނޑު އުސް ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އަދި ގިނަ ހިސާބުތަކެއްގެ ދަނޑުތައް ވަނީ ހަލާކުވެފަ އެވެ.