Roadha Mihaaru
ކެރެލާގެ މޫސުން ގޯސް، ދިވެހިން ސަމާލުވާން އެދިއްޖެ

ކެރެލާގެ މޫސުން ގޯސް، ދިވެހިން ސަމާލުވާން އެދިއްޖެ

09 އޯގަސްޓް 2019

އިންޑިއާގެ ކެރެލާ އަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާތީ އެ ތަނުގައި އުޅޭ ދިވެހިން މޫސުމަށް ސަމާލުކަން ދޭން ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު އެދިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންޑިއާގެ ކެރެލާ އަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާތީ އެ ތަނުގައި އުޅޭ ދިވެހިން މޫސުމަށް ސަމާލުކަން ދޭން ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު އެދިއްޖެ އެވެ.

ކޮންސިއުލޭޓުން ބުނި ގޮތުގައި ކެރެލާ އަށް ކުރަމުންދާ ވިއްސާރައާ ގުޅިިިގެން ބައެއް ހިސާބުތަކުގައި ފެންބޮޑުވެދާނެތީ އެ ގައުމުން އެލާޓު ނެރެފައިވާ ކަމަށެވެ. އަދި އެކަމަށް ސަމާލުވެ، ދިވެހިން ރައްކާތެރިވުމަށް ކޮންސިއުލޭޓުން އެދެ އެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ކުރި ޓްވީޓެއް

ވޭތުވެދިޔަ ދެ ދުވަހު ކެރެލާ އަށް ކުރި ވިއްސާރައިގައި އެ ސްޓޭޓުގެ ނުވަ ޑިސްޓްރިކްޓަކަށް ވަނީ ރެޑް އެލާޓް ނެރެފަ އެވެ. ކެރެލާގެ އެކި ސަރަހައްދުތަކުގައި 330 ރިލީފް ކޭމްޕު ހަދައި، 22،500 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. ކެރެލާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ 22 މީހުން މަރުވެފަ އެވެ.

ފެންބޮޑުވުމާ ގުޅިގެން އެއްވެސް ގެއްލުމެއް ވެއްޖެ ނަމަ، ނުވަތަ އެހީތެރިކަމެއް ދިވެހިން ބޭނުންވާ ނަމަ ދިވެހި ކޮންސިއުލޭޓަށް ގުޅުމަށް އިލްތިމާސްކުރެ އެވެ. ކޮންސިއުލޭޓުގެ ހޮޓްލައިން ނަމްބަރަކީ 919847702554+ އެވެ.

ދިވެހިން ބޭސްފަރުވާ އާއި ވިޔަފާރީގެ ބޭނުންތަކުގައި ގޮސް އުޅޭ ކޮޗިން އަށް ވިއްސާރަކޮށް، ފެންބޮޑުވެފައިވާތީ ކޮޗިން އެއާޕޯޓް ވަނީ އަންނަ އާދިއްތަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ.