Roadha Mihaaru
ކެރެލާގައި ފެންބޮޑުވެ ފަސް މީހުން މަރުވެއްޖެ

ކެރެލާގައި ފެންބޮޑުވެ ފަސް މީހުން މަރުވެއްޖެ

17 އޮކްޓޯބަރ 2021

އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މަދުވެގެން ފަސް މީހަކު މަރުވެ އިތުރު 12 މީހުން ގެއްލިއްޖެ އެވެ.

އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މަދުވެގެން ފަސް މީހަކު މަރުވެ އިތުރު 12 މީހުން ގެއްލިއްޖެ އެވެ.

އަރަބި ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝަރު ކޮޅިގަނޑެއްގެ ސަބަބުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކެރެލާގެ އައްސޭރި ސަރަހައްދަށް ދަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. ގަދަ ވަޔާ އެކުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

ކެރެލާ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުން ވިދާޅުވި ގޮތުގައި މަރުވި ފަސް މީހުންގެ ތެރެއިން ތިން މީހަކު މަރުވީ، ކޮއްޓަޔަމް އަވަށުގައި ބޮޑުވި ފެންގަނޑުގެ ގަދަ އޮއިވަރާއެކު، އެމީހުން ދިރިއުޅޭ ގެ އޮޔާ ދިއުމުގެ ތެރޭގަ އެވެ. އަނެއް ދެ މީހުން މަރުވީ އިއްޑުކީ އަވަށުގައި ބޮޑުވި ފެންގަނޑުގެ ތެރެއަށް ގެނބިގެންނެވެ.

ކުއްލި އެހީތެރިކަން ފޯރުކޮށްދޭ އިދާރާ އިން ބުނި ގޮތުގައި ކެރެލާގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ މަދުވެގެން 12 މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. ބައެއް ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެފައިވަނީ، އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ބަސްތަކަށް ވެސް ދަތުރު ނުކުރެވޭ ވަރަށެވެ.

ކެރެލާގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި މިހާރު ހުރި ގެތަކުގައި ވެސް ރައްކާތެރި ހިސާބުތަކަށް ދެވޭނެ ގޮތެއް ނެތް އެތައް ހާސް ބަޔަކު ތިބިއިރު، އެ މީހުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދިނުމަށް، ސްޓޭޓްގެ ސަރުކާރުން މިހާރު ވަނީ ސިފައިންނަށް ހުށަހަޅައިފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކެރެލާ އަށް 315 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އޭގެ ސަބަބުން މީނަޗިލް ކޯރާއި މަނީމާލާ ކޯރު ފުރިގެން ފެންގަނޑު ވަނީ ބަންޑުން ގޮސްފަ އެވެ.

އުސް ސަރަހައްދުން ކޯރު ބަންޑުންވުމުގެ ސަބަބުން، އެ ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ތިރީ ސަރަހައްދުތަކަށް ފެނާއެކު ކިސަޑާއި ވެލިތައް ފައިބަމުންދެ އެވެ. އޭގެ ސަބަބުން ވަރަށް ގިނަ މަގުތައް ވަނީ ދަތުރު ނުކުރެވޭ ވަރަށް ފެންބޮޑުވެފަ އެވެ. އަދި ބައެއް މަގުތަކުގެ އަޑިން ވެލިގަނޑު އޮޔާ ދަމައިގަތުމުގެ ސަބަބުން، މަގުގެ ތާރުގަނޑު ވަނީ ފޮޅިގެން ނެއްޓި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ހުކުރު ދުވަހުގެ ރޭ ކުރި ވިއްސާރައިގައި، ޓްރިވެންޑްރަމްގެ ގެއެއް ވެއްޓި ބައެއް މީހުން ޒަހަމްވި އެވެ. އެ ގެ ވެއްޓުނީ އެގޭގެ މީހުން ނިދާފައި ތިއްބަ އެވެ. ގޭގެ އެއް ފާރުގެ ބައެއް ކޮޓަރިއެއްގެ ތެރެއަށް ވެއްޓުނު އިރު ކޮޓަރި ތެރޭގައި ނިދާފައި ތިބި ކުޑަ ދެކުދިން ވަނީ ގެއްލުމެއް ނުލިބި ސަލާމަތް ވެފަ އެވެ.

ޓްރިވެންޑްރަމްގެ ދެ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިރު، އިތުރު 113 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. ގެއްލުން ލިބުނު ގޭތަކުގެ މީހުންނަށް ވަގުތީ ހިޔާވަހިކަށް ދިނުމަށް މިހާރު ވަނީ އެހީދޭ 36 ކޭމްޕެއް ހަދައިފަ އެވެ. އެ ތަންތަނުގައި މިހާރު ވެސް 850 މީހަކު ދިރިއުޅެމުން އެބަދެ އެވެ.