Roadha Mihaaru
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މާލޭގައި ހުޅުވައިފި

"ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް" މާލޭގައި ހުޅުވައިފި

21 ޖެނުއަރީ 2019

މިއަހަރުގެ ދިރާސީ އާ އަހަރާ އެކު، މާލޭގައި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލް ހިންގާ ޑްރީމް ކެމްޕަހުގައި، ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް ހުޅުވައިފިއެވެ.

މިއަހަރުގެ ދިރާސީ އާ އަހަރާ އެކު، މާލޭގައި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލް ހިންގާ ޑްރީމް ކެމްޕަހުގައި، ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް ހުޅުވައިފިއެވެ.

ގްރޭޑް 1 އިން 5 އަށް ކިޔަވައިދޭ މި ސްކޫލް ހިންގަނީ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްތައް ގަތަރު އަދި އޮމާންގައި ވެސް ހިންގާ ފިންލަންޑްގެ ކުންފުންޏެއް ކަމަށްވާ އެޑިޔުކްލަސްޓަ ފިންލަންޑާ ގުޅިގެންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ފިންލަންޑްގެ ތައުލީމީ މުގައްރަރުގެ މައްޗަށް ބިނާކޮށް ކިޔަވައިދޭ، މި ސްކޫލަކީ އޭޝިޔާގައި ވެސް ހުޅުވި އެންމެ ފުރަތަމަ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލެވެ. އަދި މި ސްކޫލް ހިމެނިގެންދާނީ ފިންލަންޑްގެ ސަރުކާރުން ފިންލަންޑް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި އެންމެ ފުރަތަމަ އެކްރެޑިޓްކުރާސްކޫލްތަކުގެ ތެރޭގައެވެ.

މި ސްކޫލް ހިންގަނީ ފިންލަންޑްގެ ތަޖުރިބާކާރު ޕްރިންސިޕަލް، ޑރ. އައިޔާ ވެލަންނޭގެ ބެލުމުގެ ދަށުންނެވެ. މި ސްކޫލްގެ ކޮންމެ ކްލާހެއްގައި މާސްޓަސް ޑިގްރީއާ ހަމައަށް ކިޔަވައިގެން ތިބި އަދި ކިޔަވައިދިނުމުގެ ތަޖުރިބާހުރި ފިންލަންޑް މުދައްރިސެއްގެ އިތުރުން، ދިވެހި ދެ މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިންލަންޑްގެ ސްޕެޝަލް އެޑިޔުކޭޓަރެއް ވެސް މަސައްކަތް ކުރައްވާނެ އެވެ.

ޑރ. އައިޔާ ވިދާޅުވިގޮތުގައި، ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުން އަންނަނީ ފިންލަންޑްގެ ތައުލީމީ ނިޒާމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު މީގެ ކުރިން ނުދެކޭ ފަދަ އާ ކަންކަން ތައާރަފްކޮށް، ސްކޫލް ހިންގުމުގައި ބޭނުންކުރެވޭނެ އާ ގޮތްތައް ދައްކުވައިދެމުންނެވެ.

އެގޮތުން، އޯޕަން ކްލާސްރޫމް މާހައުލެއްގައި، ޕްރައިމަރީ ލެވެލްގެ ދަރިވަރުންނަށް، އެކުދިންގެ ކިޔެވުމުގެ ވައްޓަފާޅި ނުވަތަ ލަރނިން ސްޓައިލާ ގުޅޭގޮތަށް، ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދޭ މިއީ ފުރަތަމަ ފަހަރެވެ. ކޮންމެ ކްލާހެއްގައި ފިނިޝް މުދައްރިސަކާއި، ދިވެހި ދެ މުދައްރިސުންނާއެކު، ތިން މުދައްރިސުންގެ ޓީމަކުން، ކިޔަވައިދޭ ވެސް މިއީ ފުރަތަމަ ފަހަރެވެ. ބެލެނިވެރިންނާއެކު އެންމެ ފުރަތަމަ ބޭއްވި އޮރިއެންޓޭޝަން ބައްދަލުވުމުގައި، ދަރިވަރުންގެ ފެންވަރާއި، ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާ ކަންކަން ދެނެގަތުމަށްޓަކައި ހަދާ ބޭސްލައިން އެސެސްޓްމަންޓާ ބެހޭގޮތުން ބެލެނިވެރިންނަށް ވަނީ ސްކޫލްގެ ފަރާތުން މައުލޫމާތު ދީފައެވެ.

މި އެސެސްމަންޓަށް ފަހުގައި، ކޮންމެ ކުއްޖަކަށް ވެސް ކިޔަވައިދެވޭނީ އެ ކުއްޖަކަށް އެންމެ އެކަށޭނެ ގޮތަށެވެ. މި ސްކޫލުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންނަކީ ސްކޫލްގައި ވެސް އަދި ގޭގައި ވެސް ވަރަށް ހަރަކާތްތެރި ބަޔަކަށް ވާންޖެހޭނެއެވެ. އެގޮތުން، ކޮންމެ ސްކޫލް ދުވަހެއްގައި ވެސް، ކުޅިވަރު ކުޅެ، އެހެން ކުދިންނާއެކު ކުޅެލުމުގެ ފުރުސަތު ލިބިދިނުމަށްޓަކައި ގިނަ ހުސްވަގުތުކޮޅުތައް ދަރިވަރުންނަށް މިސްކޫލުން ދެއެވެ. އަދި ދަރިވަރުންނަށް ގޭގައި ހެދުމަށް ހޯމްވޯކް ދިން ކަމުގައި ވިޔަސް، އެފަދަ ކޮންމެ މަސައްކަތެއް ވެސް ދޭނީ، އިތުރު މީހެއްގެ އެހީއަކާ ނުލައި ކޮންމެ ކުއްޖަކަށް ވެސް ފުރިހަމަ ކުރެވޭނެ އަދި އެކަމުގައި 30 މިނެޓަށް ވުރެ ގިނައިރު ހޭދަކުރަން ނުޖެހޭނެ ފަދަ އުސޫލަކުންނެވެ.

ޑރ. އައިޔާ ވިދާޅުވި ގޮތުގައި ވަރަށް ގިނަ ބެލެނިވެރިން މިހާރު ވެސް ސްކޫލްގެ މާހައުލާއި، ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްލޭންތަކާ ބެހޭގޮތުން ހިތްހަމަޖެހުން ފާޅުކުރެ އެވެ.

"އަޅުގަނޑަކީ ކުރިން ވެސް ފިންލަންޑް އެޑިޔުކޭޝަނާއި ބެހޭގޮތުން ރިސާޗްތައް ހަދަމުން ދިޔަ މީހެއް. އަޅުގަނޑަށް ޕްލޭ ބޭސްޑް ލަރނިން ވަރަށް ކަމުދޭ. އެހެންކަމުން، މިފަދަ ގޮތަކަށް ކިޔެވޭނެ ސްކޫލެއް މާލޭގައި ހުޅުވިގެން ދިޔުން އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަދި ކްލާސްރޫމްތައް ވެސް ފަރުމާކޮށްފައި ހުރިލެއް ވަރަށް ހިތްގައިމު. އަޅުގަނޑުގެ ދަރިފުޅު ވެސް ސްކޫލަށް އަންނަނީ ވަރަށް އަންނަހިތުން،" ބެލެނިވެރިޔަކު ކިޔައިދިނެވެ.

ހުޅުވި އިރު، ގާތްގަނޑަށް ހުރިހާ ޖާގަތަކެއް ފުރިފައިވާ މި ސްކޫލުން ކުރިއަށް އޮތް އަހަރުތަކުގައި ޕްރައިމަރީ އަދި މިޑްލް ސްކޫލްގެ ތައުލީމު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"މިއަހަރު ސްކޫލްގައި ކިޔަވައިދެމުން މިދަނީ ގްރޭޑް 1 އިން 5 އަށް. އަންނައަހަރު ގްރޭޑް ހައެއް ވެސް ތައާރަފްކުރެވޭނެ. އެގޮތަށް ހަމަ އަހަރަކު ގްރޭޑެއް އިތުރުކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ހުޅުމާލޭގައި ވެސް ފިންލަންޑް އިންޓަނޭޝަނަލް ސްކޫލެއް ހުޅުވުމަށް އަޅުގަނޑުމެން މިދަނީ ޕްލޭންކުރަމުން،" ޑރ. އައިޔާ ވިދާޅުވިއެވެ.

ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ އެޑްމިޝަންގެ ފުރުސަތު ޖާގަހުރި ވަރަކުން މުޅި އަހަރުތެރޭގައި ވެސް ލިބޭނެއެވެ. އެގޮތުން، ސްކޫލުން ޖާގަ ހޯދުމާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް، ސްކޫލްގެ ވެބްސައިޓަށް، ފޭސްބުކް ޕޭޖަށް ޒިޔާރަތްކުރުމަށް އެ މައުލޫމާތު ލިބިވައިޑައިގަންނަވާނެއެވެ.