Roadha Mihaaru
ކެންގަރޫ ކިޑްސް އާއި ބިލަބޮންގެ އެޑްމިޝަން ހުޅުވާލަނީ

ކެންގަރޫ ކިޑްސް އާއި ބިލަބޮންގެ އެޑްމިޝަން ހުޅުވާލަނީ

09 ސެޕްޓެމްބަރ 2019

ކެންގަރޫ ކިޑްސް ޑްރީމް ކެމްޕަހުގައި އުމުރުން 22 މަހާއި (1 އަހަރާއި 10 މަސް) 6 އަހަރާއި ދެމެދުގެ ކުދިންނަށް ޕްރީސްކޫލް އަދި ބިލަބޮން ހައި ޑެސްޓިނީ ކެމްޕަހުގައި (ކުރީގެ އީޕީއެސް އިމާރާތް) އަންނަ އަހަރު ގްރޭޑް 2 އިން 10 އަށް، އެޑްމިޝަން މި މަހުގެ 15 ގައި ހުޅުވާލަން ނިންމައިފި އެވެ.

ކެންގަރޫ ކިޑްސް ޑްރީމް ކެމްޕަހުގައި އުމުރުން 22 މަހާއި (1 އަހަރާއި 10 މަސް) 6 އަހަރާއި ދެމެދުގެ ކުދިންނަށް ޕްރީސްކޫލް އަދި ބިލަބޮން ހައި ޑެސްޓިނީ ކެމްޕަހުގައި (ކުރީގެ އީޕީއެސް އިމާރާތް) އަންނަ އަހަރު ގްރޭޑް 2 އިން 10 އަށް، އެޑްމިޝަން މި މަހުގެ 15 ގައި ހުޅުވާލަން ނިންމައިފި އެވެ.

ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވީ، ކެންގަރޫ ކިޑްސް ޕްރީސްކޫލް ކަރިކިއުލަމަކީ، ޕްރީސްކޫލް ކުދިންނަށް ވަރަށް އެކަށޭނެ ގޮތަކަށް، ތަފާތު ގިނަ ހަރަކާތްތަކަކަށް ބިނާކޮށްގެން އުފައްދާފައިވާ ކަރިކިއުލަމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކު ވެސް، އެކި ތަފާތު ތީމްތަކަށް ޚާއްސަކޮށްގެން، ޚާއްސަ ދުވަސްތައް ހިންގާފައި ވެއެވެ. މީގެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ އުމުރާއި ގުޅޭނެ ފަދަ ގޮތަކަށް، އެކުދިންގެ ވަށައިގެންވާ މާހައުލުގެ ކަންކަން އެ ކުދިންނަށް ދަސްކޮށްދިނުމެވެ.

"ދަރިވަރުންނަށް ޚާއްސަކޮށް އަޅުގަނޑުމެންގެ ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކަކީ، އެ ކުދިންގެ ހެދިބޮޑުވުމުގައި މުޙިއްމު ރޯލެއް ކުޅެދޭނެ ހަރަކާތްތަކެއް. އަދި މިފަދަ ގޮތަކަށް އެކުލަވާލާފައިވާ ކަރިކިއުލަމެއް އޭގެ އެންމެ ފުރިހަމަގޮތުގައި އުނގަންނައި ދިނުމަށްޓަކައި، އެކަށީގެންވާ ފަދަ ޕްލޭގްރައުންޑަކާއި ކްލާސްތަކެއް ހުންނަ ސްކޫލެއް ލިބިފައިވުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބެއް،" ޕްރިންސިޕަލް ތަޙުމީނާ ވިދާޅުވި އެވެ.

އަދި ސްކޫލްގައި އޮންނަ ހިތްގައިމު ޕްލޭގްރައުންޑަކީ، ތުއްތު ދަރިވަރުން ސްކޫލަށް ގޮސް ހޭދަކުރާ ވަގުތުކޮޅުގެ އުފާވެރިކަން، އެތަނަކާ ވަރަށްބޮޑަށް ގުޅިފައިވާ ތަނެއް ކަމަށް އެ ދަރިވަރުންގެ ވާހަކަތަކާ ހަވާލާދީ، ގިނަ ބެލެނިވެރިން އަބަދުވެސް ފާހަގަކުރާ ކަމަށް ތަހުމީނާ ވިދާޅުވި އެވެ.

ތަހުމީނާ ވިދާޅުވިގޮތުގައި، ސްކޫލްގެ ފަރާތުން ވަނީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިޤްރާގެ ނަމުގައި ދިވެހި، އިސްލާމް އަދި ޤުރުއާން ކަރިކިއުލަމެއް އުފައްދާ ރަޖިސްޓްރީކޮށް، ސްކޫލްގައި ކިޔަވައިދޭން ފަށައިފަ އެވެ. މި ކަރިކިއުލަމްތަކަކީ ދިވެހިރާއްޖޭގައި އަމިއްލަ ފަރާތަކުން އުފައްދައިގެން ކިޔަވައިދޭ ހަމައެކަނި ކަރިކިއުލަމެވެ.

ކެންގަރޫ ކިޑްސްގެ ޕްލޭގްރައުންޑުގައި ކުޑަކުދިން ކުޅެނީ-- ފޮޓޯ: އައިލެންޑާސް

ކެންގަރޫ ކިޑްސްގެ ޕްލޭގްރައުންޑުގައި ކުޑަކުދިން ކުޅެނީ-- ފޮޓޯ: އައިލެންޑާސް

ބިލަބޮން ހައި އާ ދާދިފަހުން ގުޅުނު ފިންލެންޑްގެ ތަޖުރިބާކާރު ޕްރިންސިޕަލް، މައިއްކީ މަހްނޭ ވިދާޅުވި ގޮތުގައި، ގްރޭޑް 2 އިން 10 އަށް، ބައެއް ގްރޭޑްތަކުގެ ޖާގަތައް މިހާރު ވެސް ވަނީ ފުލްވެފަ އެވެ. ނަމަވެސް، ގާޖަ އޮތް މިންވަރަކުން އަދި ޖާގަ ހުސްވާ މިންވަރަކުން ޖާގަ ދޫކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އުފެދުނު އެއް އިންޓަނޭޝަނަލް ސްކޫލް ކަމަށްވާ ބިލަބޮން ހައި ހިންގާތާ 10 އަހަރު ވެފައިވާއިރު، މި ސްކޫލުން އަބަދުވެސް އެންމެ އިސްކަމެއްދޭ ކަމަކީ، މި ސްކޫލުން ކިޔަވައިގެން ނިންމާ ދަރިވަރުންގެ ކިބައިގައި، ހަމައެކަނި ޕާސްޓް ޕޭޕަރު މޮޅަށް ހަދަން ދަސްކޮށްދިނުމުގެ ބަދަލުގައި، އެ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު ދެން ކުރިމަތިލާ ހަރުފަތްތަކަށް ތައްޔާރުކޮށްދިނުން ކަމަށް ޕްރިންސިޕަލް މައިއްކީ ފާހަގަކުރެއްވި އެވެ. މިގޮތުން، ދަރިވަރުން ހަމައެކަނި ޓެސްޓަށް ތައްޔާރުކުރުމަކީ ބައެއް ސްކޫލްތަކުން ވަރަށް ގޯސްކޮށް ކުރާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، 10 އަހަރުން ސްކޫލް ނިންމާ ދަރިވަރެއްގެ އެންމެ ބޮޑު އަމާޒަކީ އެއީ ނޫން ކަމަށް މައިއްކީ ވިދާޅުވި އެވެ.

މީގެ ބަދަލުގައި ސްކޫލްގެ އަމާޒަކަށް އަބަދު ވެސް ވާންވާނީ، ޓެސްޓުތަކުން ފާސްވުމުގެ އިތުރަށް، ސްކޫލް ނިމިގެން އިތުރަށް ކިޔެވުމަށް ނުވަތަ ވަޒީފާގެ މައިދާނަށް ކުރިމަތިލުމަށްޓަކައި އެ ކުދިންނަށް ބޭނުންވާ އުކުޅުތަކަށް ދަސްކޮށްދިނުންކަމާއި، ބިލަބޮން ހައި ގެ އަމާޒަކީ އެއީކަމުގައި މައިއްކީ ފާހަގަކުރެއްވި އެވެ.

މައިއްކީ ވިދާޅުވީ ބިލަބޮން ހައިގެ ކިޔަވައިދިނުމުގެ މާހައުލު ބައްޓަންކޮށްފައި އޮންނަނީ ކުދިންގެ ފަންނުވެރިކަމާއި، "ސޯޝަލް ސްކިލްސް"، އަދި އުފެއްދުންތެރިކަން އިތުރުކޮށްދިނުމުގެ އިތުރުން، ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ފަދަ ގޮތަށް ކަމަށެވެ.

ކެންގަރޫ ކިޑްސް އަދި ބިލަބޮން ހައި އަކީ ވެސް، އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން ހިންގާ ދެ ސްކޫލެވެ. މި ކުންފުނިން މީގެ އިތުރުން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި އަދި ބިލަބޮން ހައިގެ ގްރޭޑް 1 ގެ ފުރުސަތު މީގެ މަހެއްހާ ދުވަސްކުރިން ހުޅުވާލުމާއެކު، މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޖާގަ ފުލްވެފައިވާ ކަމަށް އައިލެންޑާސް އެޑިޔުކޭޝަނުން ބުންޏެވެ. މި ފުރުސަތު އޭރު ހުޅުވާލީ އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން ހިންގާ ޕްރީސްކޫލްތަކުގައި މި ވަގުތު ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ.

ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ހުރިހާ ގްރޭޑްތައް އަދި ބިލަބޮން ހައި ގެ ގްރޭޑް 1 ގެ ޖާގަތައް ފުރިފައިވީ ނަމަވެސް، މި ގްރޭޑްތަކަށް، ސެޕްޓެމްބަރ 15 އިން ފެށިގެން، ވެއިޓްލިސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.

ކެންގަރޫ ކިޑްސް އަދި ބިލަބޮން ހައިގެ 2020ގެ އެޑްމިޝަން ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ރަޖިސްޓްރީކުރާ ގޮތަށެވެ. އަދި މިކަމާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ސްކޫލްތަކުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރާނެ ކަމަށް އައިލެންޑާސް އެޑިޔުކޭޝަނުން މައުލޫމާތު ދެއެވެ.