Roadha Mihaaru
ފުރައިގެން ދާނީ ދަރިފުޅަށް އިންސާފު ލިބުނީމަ: އާއިލާ

ފުރައިގެން ދާނީ ދަރިފުޅަށް އިންސާފު ލިބުނީމަ: އާއިލާ

22 ޖެނުއަރީ 2019

މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މަރުވި ބަންގްލަދޭޝްގެ ރައިޝަން ޖިއާނަށް އިންސާފު ލިބެންދެން ރާއްޖޭގައި ތިބޭނެ ކަމަށް އޭނާގެ މަންމަ އާއި ބައްޕަ މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މަރުވި ބަންގްލަދޭޝްގެ ރައިޝަން ޖިއާނަށް އިންސާފު ލިބެންދެން ރާއްޖޭގައި ތިބޭނެ ކަމަށް އޭނާގެ މަންމަ އާއި ބައްޕަ މިއަދު ބުނެފި އެވެ.

އުނިމާ ގްރޭންޑްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖިއާންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން މިއަދު ބުނީ ދަރިފުޅު މަރުވި ހާދިސާ އަށް ފަހު ރާއްޖެ އިން ފުރައިގެން ދިއުމަށް ފަހު އެނބުރި އައީ ވެސް އިންސާފު ހޯދަން މަސައްކަތް ކުރަން ކަމަށެވެ. ނަމަވެސް ޖިއާން މަރުވި ހާދިސާއާ ގުޅިގެން ކޯޓުގައި ބަޔަކާ ދެކޮޅަށް ދައުވާކުރާނީ ފުލުހުން މިހާރު ކުރަމުން އަންނަ ތަހުގީގު ނިމުމުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ދަރިފުޅު މަރުވި މައްސަލަ [ތަހުގީގު] ނިމެންދެން އަޅުގަނޑުމެން ތިބޭނީ ރާއްޖޭގައި،" އޭނާ ބުންޏެވެ.

ޖިއާންގެ މަރުވި ހާދިސާ އަށް ފަހު ދިވެހި ސަރުކާރާއި ރައްޔިތުން ބެހެއްޓި އޯގާތެރި ކަމަށް ޖިއާންގެ އާއިލާއިން ޝުކުރު އަދާކުރި އެވެ.

ޖިއާންގެ މަންމަ އާއި ބައްޕަ "މިހާރު" އަށް ބުނީ ދަރިފުޅު މަރުވި ހާދިސާ އަށް ފަހު ރާއްޖެ އަށް އަލުން އައުމުން އެނގުނީ އެ ހާދިސާ އަށް ފަހުގައި ވެސް އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ހުރި ގަވައިދާ ހިލާފު ކަންކަމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން ކަމަށެވެ. އެގޮތުން އިމާރާތްކުރާ ސައިޓްތައް އަދިވެސް ފެންނަނީ ނުރައްކާތެރި ތަންތަނުގެ ގޮތުގައި ކަމަށް އެ ދެމަފިރިން ބުންޏެވެ.

ރައިޝަންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކާއިރު، ރައިޝަންގެ ބައްޕަ އެ ނިއުސް ކޮންފަރެންސްގައި ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައިޝަންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކާއިރު، ރައިޝަންގެ ބައްޕަ އެ ނިއުސް ކޮންފަރެންސްގައި ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖިއާންގެ މަންމަ އާއި ބައްޕަ ބުނީ ދަރިފުޅަށް އިންސާފު ހޯދަން ބޭނުން ވަނީ އެހެން ކުއްޖަކަށް އެފަދަ ހާދިސާއެއް ދިމާވިޔަ ނުދިނުމަށްޓަކައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޒިންމާދާރު ކުރުވަން ބޭނުންވާތީ ކަމަށެވެ. އަދި އެ ހާދިސާއަކީ އިހުމާލުވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަން ސާފުކޮށް އެނގޭ ކަމަށް ވެސް އެ ދެމަފިރިން ބުންޏެވެ.

ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ޑިސެމްބަރު 16 ގައި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ޖިއާން މަރުވި ހާދިސާއާ ގުޅިގެން މާލޭގެ ވަރަށް ގިނަ ތަންތަނުގެ މަސައްކަތް މާލޭ ސިޓީކައުންސިލާއި ޕްލޭނިން މިނިސްޓްރީން ހުއްޓުވި އެވެ. އެކަމަކު އެ ފިޔަވަޅު އެޅުމުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އޭރު ބުނީ މަސައްކަތް އެގޮތަށް ހުއްޓުވުމަކީ ހައްލެއް ނޫން ކަމަށެވެ.