Roadha Mihaaru
ފްލެޓް ދިން ގޮތުގެ ލިއުންތަކާ ކޮމެޓީން ހަވާލުވެއްޖެ

ފްލެޓް ދިން ގޮތުގެ ލިއުންތަކާ ކޮމެޓީން ހަވާލުވެއްޖެ

23 ޖެނުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ދެ މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތުގެ ލިއުންތަކާ، ކޮމެޓީން ހަވާލުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ދެ މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތުގެ ލިއުންތަކާ، ކޮމެޓީން ހަވާލުވެއްޖެ އެވެ.

"ހިޔާ" އާއި "ގެދޮރުވެރިކުރުމުގެ" އިތުރުން ގުޅީފަޅު މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތް ބަލަން މި ސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކުރެއްވީ، އެ ތިން މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ބަލައި، ފްލެޓް ދޫކުރީ އެންމެ ހައްގުވެރިންނަށްތޯ ޔަގީން ކުރުމަށެވެ.

ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގައި ކުރީގެ ސަރުކާރުން ދޫކުރީ 700 ފްލެޓެވެ. ދެ ވަނަ މަޝްރޫއުގައި ހުޅުވާލީ 7،000 ފްލެޓަށެވެ. އެ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ބައެއް މީހުންނަށް ލިއުން ހަވާލުކުރި އެވެ. އަނެއް ބަޔަކަށް ލިއުން ހަވާލެއް ނުކުރެ އެވެ.

މި މަޝްރޫއުތަކަށް ހުޅުވާލީ، ޕޮއިންޓް ދޭނެ އުސޫލް އާއްމުކޮށްފަ އެވެ. އެ މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުންގެ ފޯމު ނަމްބަރު ހިމެނޭ ލިސްޓުތައް ވެސް ގެޒެޓްކުރި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު، ފްލެޓްތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުރީ ވަކި ކޮޓަރިއެއްގައި ކަމަށެވެ. މި ސަރުކާރުން ހަވާލުވެ، އެ ކޮޓަރީގައި ތަޅުލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ލިއުމެއް މިހާރު ހުރީ ކޮމެޓީގެ ބެލުމުގެ ދަށުގައި. އެ ތަނުގެ ތަޅުދަނޑި ވަނީ ކޮމެޓީއާ ހަވާލުކޮށްފައި،" ޝާމިން ވިދާޅުވި އެވެ.

ފްލެޓްތަކާ ގުޅޭ ޝަކުވާތަކުގައި އިންސާފުވެރި ހައްލެއް ހޯދޭނީ ކޮމެޓީިގެ މަސައްކަތްތައް ނިމުމުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީގެ އެއްވެސް ދައުރެއް އެ ކޮމެޓީގައި ނޯވެ އެވެ.

ކޮމެޓީގައި ތިއްބަވަނީ، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނާއި ފާތިމަތު ސާއިރާ އާއި ގ. ދާސްތާން، ނުޒުހާ އަލީމާއި މއ. އަންޑާޕޫލްއާގެ، އަހްމަދު ތަލާލްގެ އިތުރުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލް އަލީ ޝުހައިލެވެ.

ފްލެޓު ދިން މީހުންގެ ޝަރުތު ހަމަވޭތޯ އާއި ހުށަހެޅި މައުލޫމާތުތައް ސައްހަތޯ އަދި ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ އެ ކޮމެޓީން ބަލާނެ އެވެ. އަދި ކޮރަޕްޝަނަށްވާ ގޮތަށް ފްލެޓް ދޫކޮށްފައިވާ ނަމަ އެ މައްސަލަތައް ބެލުން ވެސް ހަވާލުކޮށްފައި އޮތީ އެ ކޮމެޓީއާ އެވެ.

ބޭއިންސާފުން ވަކި ބަޔަކަށް ފްލެޓް ބެހި ކަމަށް ކުރާ ތުހުމަތު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވަ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ބޭއިންސާފުން އެއްވެސް މީހަކަށް ފްލެޓް ދީފައެއް ނޯންނާނެ އެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުން ޝަރުތު ހަމަވެ ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް އަތުލަން ނިންމައިފި ނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.