Roadha Mihaaru
އެއް ކޮޓަރީގެ ފްލެޓްތަކަށް މި ހެދީ ކިހިނެއް؟

އެއް ކޮޓަރީގެ ފްލެޓްތަކަށް މި ހެދީ ކިހިނެއް؟

21 ފެބުރުއަރީ 2021

ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ މީހުން މިދިޔަ ބުރާސްފަތިދުވަހާ ހަމައަށް ތިބީ އުއްމީދެއްގަ އެވެ. ކުރީގެ ސަރުކާރުގައި އެ މަޝްރޫއުން ފްލެޓްތައް ދިނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މި ވެރިކަމުގައި އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓު އިއުލާންކުރި އިރު ވެސް މި ފްލެޓްތަކާ މެދު ގޮތެއް ނުނިންމަ އެވެ. އެކަމަކު ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބެލި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ މީހުން މިދިޔަ ބުރާސްފަތިދުވަހާ ހަމައަށް ތިބީ އުއްމީދެއްގަ އެވެ. ކުރީގެ ސަރުކާރުގައި އެ މަޝްރޫއުން ފްލެޓްތައް ދިނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މި ވެރިކަމުގައި އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓު އިއުލާންކުރި އިރު ވެސް މި ފްލެޓްތަކާ މެދު ގޮތެއް ނުނިންމަ އެވެ. އެކަމަކު ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބެލި އެވެ.

އެކަމަކު ފޯމުލީ މީހުންނަށް ކުއްލި ގޮތަށް މިދިޔަ ބުރާސްފަތިދުވަހު އެންގީ އެއް ކޮޓަރި އަށް ހުށަހެޅި ފޯމުތައް ބާތިލްކޮށްލީ ކަމަށެވެ. މިއީ، ހިޔާ މަޝްރޫއުން އެ މީހުން ބާކީކޮށް ވީ ބޭއިންސާފެއް ކަމުގެ ޝަކުވާ ޝޯޝަލް މީޑީއާގައި ވަނީ އޮއްސާލައިފަ އެވެ.

ކުރީގެ ސަރުކާރުގައި އެއް ކޮޓަރީގެ ފްލެޓްތައް ހަމަޖެއްސި ގޮތް.

އެއް ކޮޓަރި އަށް އެދި ހުށަހެޅި ފޯމުތައް ބާތިލްކުރި ސަބަބަކަށް ސަރުކާރުން ދައްކަނީ އެކަށީގެންވާ އަދަދަށް ފްލެޓް ނެތުމެވެ. އެކަމަކު ކުންފުނިތަކާ އެކު ސަރުކާރުން އެއްބަސްވެ، ކުރިމަތިލާން ހުޅުވާލައި ފްލެޓް ލިބޭ ލިސްޓު އިއުލާންކޮށްފައި އޮތް ކަމެއްގައި މި ސަބަބު ނުފުދެ އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތިދުވަހު ގެޒެޓްކުރި އިއުލާނުގައި ހަމައެކަނި ބުނީ ސަރުކާރުން ގަތުމަށް ކުންފުނިތަކުން ލިބެން ހުރީ އެންމެ 36 ފްލެޓް ކަމަށެވެ. އެއީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ޚާއްސަކުރި ސްކީމްގެ ތެރެއިން ސަރުކާރަށް ވިއްކަން ނިންމި ފްލެޓްތަކުގެ ތެރެއިން ބައެކެވެ.

މި ފްލެޓްތައް ދޭން ނިންމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާލޭ ރަށްވެހިންގެ ތެރެއިން އެއް ކޮޓަރި އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.

ފްލެޓަށް އެދި ފޯމުލީ މީހުން 2018 ގައި ހައުސިން މިނިސްޓްރީ ކައިރީގައި، -- ފޮޓޯ/މިހާރު

ފްލެޓަށް އެދި ފޯމުލީ މީހުން 2018 ގައި ހައުސިން މިނިސްޓްރީ ކައިރީގައި، -- ފޮޓޯ/މިހާރު

ދެން ނިންމީ ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލްކުރާށެވެ. އެއީ 11 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ އެއް ކޮޓަރީގެ ފްލެޓްތަކާއި މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އަދި އަލަތު ކައިވެނީގެ ކެޓަގަރީން ހުށަހެޅި ފޯމުތަކެވެ.

އެއް ކޮޓަރީގެ 1،600 އަށް ވުރެ ގިނަ ފްލެޓަށް ހުޅުވާލި

ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ 7،000 ފްލެޓް އިއުލާންކުރުމަށް ފަހު އެއް ކޮޓަރީގެ ފްލެޓްތައް އިއުލާންކުރީ ފަސް ކެޓަގަރީއަކުންނެވެ. އެއީ އުމުރުން 18-40 އަހަރުގެ މީހުންނާއި ދަފުތަރާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަލަތު ކައިވެންޏަށް ހާއްސަ ކޮށްގެންނެވެ.

ހުޅުމާލޭގައި 10،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ބިޔަ މަޝްރޫއުގައި އެއް ކޮޓަރީގެ ފްލެޓްތައް އަޅަން ފެށީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކާ ގުޅިގެން 2017 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި ފެނަކަ އާއި ސްޓެލްކޯ އާއި އެމްޕީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް ވެސް ހިމެނެ އެވެ.

ޔާމީންގެ ސަރުކާރުން ނިންމީ، ކުންފުނިތަކާއި އެކި އިދާރާތައް ބައިވެރިވެގެން އިމާރާތްކުރާ އެއް ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ވަކި މިންވަރެއް ސޯޝަލް ހައުސިންނަށް ނެގުމަށެވެ. ބައެއް ކުންފުނިތަކާ އެކު އެއްބަސްވީ ފްލެޓްތަކުގެ 20 ޕަސެންޓް ސަރުކާރަށް ވިއްކާށެވެ.

އެ އުސޫލުގެ ތެރެއިން އެމްޕީއެލް އިން ކުރިން ނިންމާފައި އިއުލާންކޮށްފައިވާ ގޮތުގައި އެ ކުންފުނިން އަޅާ، އެއް ކޮޓަރީގެ 204 ފްލެޓު ތެރެއިން ސަރުކާރަށް ވަކި އަދަދެއް ދޭނެ އެވެ. ސްޓެލްކޯ އިން ވެސް ހަދާ ފްލެޓުތަކުގެ ތެރޭގައި އެއް ކޮޓަރީގެ 144 ތަން ހިމެނެ އެވެ. މީގެތެރެެއިން ވެސް ވަކި މިންވަރެއް ސަރުކާރަށް ވިއްކަން އޮތީ ހަމަޖައްސައިފަ އެވެ.

ކުންފުނިތަކުގެ އަތުން ގަންނަ މި ފްލެޓްތައް އާއްމުންނަށް ދޭން ސަރުކާރުން ނިންމާފައި އޮތީ ސޯޝަލް ހައުސިން ސްކީމްގެ ތެރެއަށް ފައްތައި ހެޔޮ އަގުގަ އެވެ.

މައްސަލައަކީ އެއް ކޮޓަރީގެ މި ފްލެޓްތަކަށް ވީ ގޮތް މި ސަރުކާރުން ސާފުކޮށެއް ނުދިނުމެވެ. ކުރީގެ ސަރުކާރުގައި އޮތީ ކުންފުނިތަކާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް ކުންފުނިތަކަށް ފްލެޓް ނޭޅުނީ ހެއްޔެވެ؟ ނުވަތަ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓްތައް ބޭނުން ނުވީ ހެއްޔެވެ؟

އެއް ކޮޓަރި ބޭނުން ނުވާ ކަމަށް ފަހި ކޯޕަރޭޝަނުން އެންގި!

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުން ލަސްވުމުގެ ކަންބޮޑުވުންތަކުގެ ތެރޭގައި އަމާޒުވި ފާޑުކިއުންތަކަށް ރައްދެއްގެ ގޮތުގައި، އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރީގެ ސަރުކާރުން ލިއުން ދޫކުރީ "ވުޖޫދުގައި" ނެތީސް ކަަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.

އެކަމަކު، އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ކަން ބައެއް ކުންފުނިތަކުން ހާމަކުރި އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރި އެއް ކޮޓަރީގެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން މާ ކުދި ތަންތަނަށް ވާތީ ބޭނުން ނުވާ ކަމަށް މި ވެރިކަމުގައި އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބައެއް ކުންފުނިތަކަށް އެންގި އެވެ.

މިގޮތަށް ސިޓީއަކުން އެންގުމުން ބައެއް ކުންފުނިތަކުން ވަނީ ސަރުކާރަށް ރިޒާވްކުރި އެއް ކޮޓަރީގެ ފްލެޓްތަށް އަނެއްކާވެސް މުވައްޒަފުންނަށް ހުޅުވާލައިފަ އެވެ. އެ ތަންތަަނަށް މުވައްޒަފުން ކުރިމަތިލައި ފްލެޓް ލިބޭ ދާއިމީ ލިސްޓު އިއުލާންކޮށްފައި ވަނިކޮށް، އެއް ކޮޓަރީގެ ފްލެޓް ލިބެން ހުރިތޯ ރައީސް އޮފީހުގެ ސިޓީއެއް ބައެއް ކުންފުނިތަކަށް ލިބުނެވެ.

ބައެއް ކުންފުނިތަކުން އެންގީ "މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި، މުވައްޒަފުން ނުނަގާ ފްލެޓެއް ހުރެއްޖެ ނަމަ ސަރުކާރަށް އަންގާނެ ކަމަށެވެ.

އެއް ކޮޓަރިއަށް ބަޔަކު ފޯމު ހުށަހަޅާފައި ވަނިކޮށް، އެއް ކޮޓަރީގެ ފްލެޓްތައް ބޭނުން ނުވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބައެއް ކުންފުނިތަކަށް އެންގި ސަބަބެއް އެ ކުންފުނިން އަދި ސާފެއް ނުވެ އެވެ. އެކަމަކު ކުއްލި ގޮތަކަށް ފޯމުތަކެއް ބާތިލްކުރުމަކީ ކުރިމަތިލީ މީހުންނަށް ބަލައިގަނެވުނު ކަމެއް ނޫނެވެ. ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހެ އެވެ.