Roadha Mihaaru
އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި

އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި

28 ޖެނުއަރީ 2019

ޖިއްދާ (ޖެނުއަރީ 28) - ކޮރަޕްޝަނާ ދެކޮޅަށް ސައުދީ އަރަބިއާ އިން ހިންގި ކެމްޕޭނެއްގައި ހައްޔަރު ކުރި ބިލިއަނަރު މުހައްމަދު އަލް އަމޫދީ އަހަރެއްހާ ދުވަސް ފަހުން ދޫކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖިއްދާ (ޖެނުއަރީ 28) - ކޮރަޕްޝަނާ ދެކޮޅަށް ސައުދީ އަރަބިއާ އިން ހިންގި ކެމްޕޭނެއްގައި ހައްޔަރު ކުރި ބިލިއަނަރު މުހައްމަދު އަލް އަމޫދީ އަހަރެއްހާ ދުވަސް ފަހުން ދޫކޮށްލައިފި އެވެ.

ސައުދީގައި ދިރިއުޅުއްވި ނަމަވެސް އަމޫދީ އުފަންވެފައި ވަނީ އިތިއޮޕިއާގަ އެވެ. އެ ގައުމުގެ ބޮޑު ވަޒީރު އަބިޔީ އަހުމަދު ވެސް ވަނީ އަމޫދީ ދޫކޮށްލިކަން ޓްވިޓާ މެދުވެރިކުރައްވައި ޔަގީންކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ މެއި މަހު ސައުދީ އަށް ކުރެއްވި ދަތުރުގައި އަމޫދީ ބަންދުގައި ހުންނަ މައްސަލަ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އާއިލާގެ މެންބަރަކު ވެސް ވަނީ އަމޫދީ މިހާރު ހުންނެވީ ޖިއްދާގައި ހުންނަ އޭނާގެ ގޭގައިކަން ޔަގީންކޮށްދީފަ އެވެ.

އިޕިއޮޕިއާގައި އަމޫދީ އުފަންވި ނަމަވެސް އޭނާގެ ބައްޕަ އަކީ ޔަމަން މީހެކެވެ. މަންމަ އަކީ އިތިއޮޕިއާ މީހެކެވެ. އޭނާގެ ވިޔަފާރި ވަނީ ކޮންސްޓްރަކްޝަން، ހަކަތަ ދަނޑުވެރިކަން، މައިން ނެގުން، ހޮޓެލްސް، ހެލްތުކެއާ އަދި މެނުފެކްޗާރިންގެ ދާއިރާތަކަށް ފުޅާކޮށްފަ އެވެ. ފޯބްސް އިން މިދިޔަ އަހަރު ބުނި ގޮތުގައި އޭނާގެ މިލްކިއްޔާތުގެ އަގު 10.9 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ. ސައުދީ ސަރުކާރަށް ހަވާލުކޮށްފައި ވަނީ އޭނާގެ މުދަލުން ކިހާ މިންވަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ވަލީ އަހުދު މުހައްމަދު ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގައި އަމޫދީ ހައްޔަރު ކުރީ ނޮވެމްބަރު 2017 ގަ އެވެ. ސައުދީގެ މަޝްހޫރު ގިނަ ބިލިއަނަރުންތަކެއް އެ ފަހަރު ބަންދުގައި ބޭތިއްވީ ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގަ އެވެ. ގިނަ މީހުން ފަހުން ދޫކޮށްލި ނަމަވެސް ބައެއް މީހުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ޝަރީއަތަށް ވެސް ފޮނުވައިވެ އެވެ. ސައުދީން ބުނެފައި ވަނީ ބަންދުކުރި ބިލިއަނަރުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ. ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މީހުންގެ ތެރޭގައި މަޝްހޫރު ބިލިއަނަރު އަދި ޝާހީ އާއިލާގެ މެންބަރު ޕްރިންސް ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.