Roadha Mihaaru
ބަންދުކުރި މީހުންގެ އަތުން 107 ބިލިއަން ޑޮލަރު

ބަންދުކުރި މީހުންގެ އަތުން ސައުދީ އަށް 107 ބިލިއަން ޑޮލަރު

31 ޖެނުއަރީ 2018

ރިޔާޒް (ޖެނުއަރީ 31) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން މިދިޔަ ނޮވެމްބަރު މަހު ހައްޔަރު ކުރި މީހުންގެ އަތުން ސަރުކާރަށް 107 ބިލިއަން ޑޮލަރު މިހާތަނަށް ލިބިފައިވާ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖެނުއަރީ 31) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން މިދިޔަ ނޮވެމްބަރު މަހު ހައްޔަރު ކުރި މީހުންގެ އަތުން ސަރުކާރަށް 107 ބިލިއަން ޑޮލަރު މިހާތަނަށް ލިބިފައިވާ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކުރި 381 މީހުންގެ ތެރޭން 56 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ބަންދުގައި މީހުން ތިބި ރިޔާޒުގެ އަގު ބޮޑު ރިޒް ކާލްޓާން ހޮޓާ ވެސް މިހާރު ވަނީ ހުސްކޮށްފަ އެވެ. އަދި އަންނަ މަހު 14 އިން ފެށިގެން އެ ހޮޓަލަށް ގެސްޓުން އަންނަން ފަށާނެ އެވެ.

ބަންދުން ދޫކޮށްލާފައި ވަނީ ސަރުކާރަށް ފައިސާ ދައްކަން އެއްބަސްވި މީހުންނާއި ވިޔަފާރީގެ ހިއްސާ ދޭން އެއްބަސްވި މީހުންނާ އަދި ކޮރަޕްޝަނުގެ ކުށް ސާބިތު ނުވި މީހުންނެވެ. ބަންދުގައި ތިބި މީހުންގެ އަތުން ސަރުކާރަށް ވަނީ 400 ބިލިއަން ރިޔާލް (107 ބިލިއަން ޑޮލަރު) ލިބިފަ އެވެ. އެއީ އެ މީހުންގެ އަތުން ލިބޭނެ ކަމަށް ސަރުކާރުން ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު އަދަދެކެވެ. ކޮރަޕްޝަނާ ދެކޮޅު އޮޕަރޭޝަން ހިންގުމުގެ އިސް މޭސްތިރިއަކަށް ހުންނެވީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ތިބި ރިޔާޒުގެ ފަސް ތަރީގެ ރިޒް ކާލްޓަން ހޮޓާ.

ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ތިބި ރިޔާޒުގެ ފަސް ތަރީގެ ރިޒް ކާލްޓަން ހޮޓާ.

ނިއު ޔޯކް ޓައިމްސް އަށް މިދިޔަ މަހު ދެއްވި އިންޓަވިއުއެއްގައި ވަލީ އަހުދު މުހައްމަދު ވިދާޅުވެފައި ވަނީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވަނީ ސަރުކާރުގެ ފައިސާގެ 10 ޕަސެންޓް ކޮރަޕްޝަނުގެ ގޮތުގައި ގެއްލިފައި ކަމަށެވެ.

ސައުދީ އަރަބިއާގެ މާލީ ވަޒީރު މުހައްމަދު އަލް ޖައްދާން ދާދި ފަހުން ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކުރި މީހުންގެ އަތުން ލިބުނު ފައިސާ ބޭނުން ކުރާނީ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑު ވާތީ އެ ބައި ފޫބައްދަން ދޭ ފައިނޭންސް ޕެކޭޖެއްގެ ގޮތުގައި ކަމަށެވެ. މި ގޮތުން އެ ފައިސާގެ ތެރޭން 13 ބިލިއަން ޑޮލަރު އެ ޕެކޭޖުގައި މި އަަހަރު ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއާގެ މައިގަނޑު އާމްދަނީގެ ވަސީލަތަކީ ތެލެވެ. އެހެންވެ ތެލުގެ އަގު ދަށްވުމުން ސައުދީގެ އިގްތިސާދު ހީނަރުވެ ބަޖެޓުގެ ދަރަނި ދަނީ ބޮޑުވަމުންނެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ތެރޭ ސައުދީގެ ބަޖެޓް ދަރަނި ވަނީ 260 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މި އަހަރު ވެސް 52 ބިލިއަން ޑޮލަރު ދަރަނިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ސައުދީ އަރަބިއާ އިން ދުވާލަކު 10 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ. ސައުދީން މިހާރު ދަނީ ތެލަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދު އެހެން ދާއިރާތަކަށް ހުޅުވާލަން މަސައްކަތް ކުރަމުންނެވެ. މި މަގްސަދުގައި އިއުލާން ކުރި ވިޝަން 2030 ގެ އިސް ބޭފުޅަކީ ވެސް ވަލީ އަހުދު މުހައްމަދެވެ.