Roadha Mihaaru
ޖެނުއަރީ މަހުގެ އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ

ޖެނުއަރީ މަހުގެ އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ

04 ފެބުރުއަރީ 2019

މިދިޔަ މަހު ދައުލަތުގެ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި 1.2 ބިލިއަން ރުފިޔާ ހޭދަވި ކަމަށް، ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ މާލީ ރިޕޯޓުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މަހު ދައުލަތުގެ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި 1.2 ބިލިއަން ރުފިޔާ ހޭދަވި ކަމަށް، ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ މާލީ ރިޕޯޓުން ދައްކައިފި އެވެ.

ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. އެގޮތުން ޓެކްސްގެ އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 434.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސް ނޫން އާމްދަނީތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ނަގާ ފީތަކެވެ. އެއާޕޯޓް ޑިވެޕޮލްމެންޓް ޗާޖާއި ރިސޯޓު ކުލި ހިމެނެނީ މިބައިގަ އެވެ. މި އަހަރަށް ދައުލަތުން ފާސްކުރި ބަޖެޓުގައި އާމްދަނީގެ ގޮތުގައި 23.3 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އަހަރުގެ ފުރަތަމަ މަހުގެ އާމްދަނީއަށް ވުރެ ހަރަދު ކުޑަވެފައިވާ އިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރެންޓް ހަރަދަށެވެ. އެގޮތުން ރިކަރަންޓްގެ ހަރަދުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ސަރުކާރު މުވައްޒަފުންގެ މުސާރައަށް 767.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ޕެންޝަނަށް 126.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ޕްރޮޖެކްޓްތަކުގެ އިތުރުން އެހެނިހެން ކަންކަމަށް ހޭދަކޮށްފައިވަނީ 112.3 މިލިއަން ރުފިޔާ އެވެ. ފަރުނީޗަރާއި މެޝިނަރީ ގަތުމަށް 23.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 10.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ބޮޑެތި މަޝްރޫއުތަކަށް 48.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ލޯނު ރީޕޭމެންޓްގެ ގޮތުގައި 108.3 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިއަހަރު ޖުމްލަ 2.8 ބިލިއަން ރުފިޔާ ދައުލަތުން ލޯނަށް ދައްކަންޖެހެ އެވެ.

މި އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި 27.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ދައުލަތުން މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ.