Roadha Mihaaru
އައްޑޫ މަގުތައް ހަދަން ސާވޭކުރަން ފަށައިފި

އައްޑޫ މަގުތައް ހަދަން ސާވޭކުރަން ފަށައިފި

25 ޑިސެމްބަރ 2019

އައްޑޫގެ މަގުތައް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ މަސައްކަތުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ މަގުތައް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ މަސައްކަތުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމުމާ އެކު މަގުތައް ހެދުމުގެ މަސައްކަތައް ފެށުގެން ދާނެ އެވެ.

އައްޑޫގެ އަވަށްތަކުގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ޖުމްލަ 25 ކިލޯމީޓަރުގެ މަގު ހަދަން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީގެ މަގުތައް ހަދަން މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އާއި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާ އެވެ. މަގު ހެދުމުގެ އިތުރުން މި ކުންފުނިތަކުން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިނިން އާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތްކުރާނެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށެވެ. އެގޮތުން މަގު ހެދުމާއި ބިން ހިއްކުމާ ގުޅޭ މަސައްކަތްތަކަށް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ހަރަދުކުރާނެ އެވެ.

މަސައްކަތް ހަވާލުކުރީ 1221 ދުވަހުގެ ތެރޭގައި (ތިން އަހަރާއި ބައި) ނިންމާ ގޮތަށެވެ.

އައްޑޫގެ މަގުތައް ހަދަން އާ މަޝްރޫއެއް ފަށާ އިރު، ކުރިން ވެސް އައްޑޫގެ އަވަށްތަކުގެ ބައެއް މަގުތައް ތާރު އަޅައިގެން ހަދާފައިވެ އެވެ. އެގޮތުން ސަރުކާރުން ހަރަދުކޮށްގެން އައްޑޫގެ ބައެއް މަގުތައް ހެދި އިރު، އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑު މަގު ހަދާފައި ވަނީ 2011 ވަނަ އަހަރުގެ ސާކް ސަމިޓާ ދިމާކޮށް ސްރީ ލަންކާ ސަރުކާރުގެ އެހީގަ އެވެ.