އަޅުގަނޑު ހުރީ އެމްޓީސީސީ ޓަވަރުގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. ފަހަތުން މީހަކު ކުއްލިއަކަށް "ބޭބޭ" ގޮވާލުމުން ސިހިފައި ބަލައިލި އިރު، ޒުވާނަކު ހުރީ ކައިރީގަ އެވެ.
07 ފެބުރުއަރީ 2019
އަޅުގަނޑު ހުރީ އެމްޓީސީސީ ޓަވަރުގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. ފަހަތުން މީހަކު ކުއްލިއަކަށް "ބޭބޭ" ގޮވާލުމުން ސިހިފައި ބަލައިލި އިރު، ޒުވާނަކު ހުރީ ކައިރީގަ އެވެ.
"މި އުޅެނީ ހުޅުމާލެއަށް ދާން 20ރ ނުލިބިގެން. ބޭބޭ 20ރ ދީ ބަލަ،" އާދޭހުގެ ރާގެއްގައި އޭނާ ބުންޏެވެ.
ވޮލެޓް ނެގި އިރު އޭގައި އޮތީ، ކަން ދިމާކުރި ގޮތުން، އެންމެ 10ރ އެވެ. "މި ވަގުތު އޮތް ވަރޭ" ބުނެފައި ދިއްކޮށްލުމުން އޭގައި ހިފި އެވެ.
ހާލުގައި ޖެހިފައި ހުރި މީހަކަށް އެވަރުގެ އެހީއެއް ދޭން ބޭނުންނުވާނެ ދިވެއްސަކު ވަރަށް މަދުވާނެ އެވެ. އެކަމަކު "20ރ، 10ރ" ނުވަތަ ދެވެން އޮތް އެއްޗެއް (މިދިއަ ބުދަދުވަހު ކަސްޓަމްސް ސަރަހައްދުން ދިމާވި އެކަހަލަ ޒުވާނަކު ބޭނުންވީ އެންމެ 25 ލާރި އެވެ!) ދޭށޭ ބުނެ އާދޭސްކުރާ ޒުވާނުން މިހާރު ގިނަ އެވެ. އެއީ ކޮން ކަހަލަ މައްސަލަތަކެއްގައި އުޅޭ ބައެއްކަން، މާލޭގެ މާހައުލު ދަންނަ މީހަކަށް ވިއްޔާ އެނގޭނެ އެވެ.
އާއެނކެވެ. މަސްތުވާތަކެތީގެ ސަބަބުން ހަލާކުވެފައިވާ ޖީލުގެ މެމްބަރުންނެވެ. އެމީހުން ލަދެއް ނުގަނެ އެވެ. އެފަދަ އިހުސާސެއް ކުރެވޭ ވަރަށް ވުރެ ހާލު ދެރަ އެވެ.
ދިހަ ރުފިޔާ ދިނުމުން އެ ޒުވާނާ ނުގޮސް އިހަށް މަޑުކޮށްލީ އެވެ. އެހެންކަމުން އަޅުގަނޑުގެ ހިތަށްއެރި ވާހަކަ އޭނާއަށް ހިއްސާކުރަން ބޭނުންވި އެވެ.
"ބޭބެ ހަމަ އަސްލު ވެސް ލަދުގަނޭ، އެއީ ތި ކަހަލަ ޒުވާނަކު، އެ އޮތް ހުޅުމާލެއަށް ދާން 20ރ ނުލިބިގެން މީހުން ކައިރީ އާދޭސްކުރާތީ،" އަޅުގަނޑު ބުނީމެވެ.
"މި އުޅެނީ ވަޒީފާއެއް ނުލިބިގެން...." އޭނާ ބުންޏެވެ. އެކަމަކު އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫނެވެ.
"ތި ދައްކަނީ ރަނގަޅު ވާހަކައެއް ނޫން. ވަޒީފާ އެބަ ހުރި، މަސައްކަތް ކުރަން ނުކެރެނީ،" އަޅުގަނޑު ބުނީމެވެ.
އެ ވާހަކައަށް ޖަވާބެއް ނުދީ އޭނާ އަށް ހުރެވުނީ އެވެ. އެކަމަކު އިރުކޮޅެއް ފަހުން އޭނާ ފެށީ ރަށުން ވަޒީފާ ނުލިބިގެން މާލެ އައި ވާހަކަ އާއި މާލޭގައި އުޅޭނެ ތަނެއް ވެސް ނެތް ވާހަކަ އެވެ.
"ތިއީ އަނެއްކާ އަނެއް މައްސަލަ. ރަށްރަށުގައި އެ އުޅެނީ އެތައް ޒުވާނުންނެއް މަސައްކަތްކޮށްގެން. ވަޒީފާއެއް ނެތިއްޔާ އަމިއްލައަށް ވެސް މަސައްކަތްކުރޭ. ދެން ބުނެބަލަ މާލޭގައި އުޅެންޏާ ކުރަން ޖެހޭ މަސައްކަތް ބުރައެއް ނުވާނެތަ؟ މި ތަނުގައި ހުރިހާ ކަމެއް އެހާ އަގުބޮޑު. މިތާކު ނޫޅެވޭނެ ހެސްކިޔާފައި މަސައްކަތް ނުކޮށެއް،" އަޅުގަނޑު ބުނީމެވެ.
"މި އުޅޭ ބަންގާޅީންނާ ހެދި މިހެން ވަނީ،" ކުއްލިއަކަށް އޭނާގެ ރާޑަރަށް ބަންގްލަދޭޝް މީހުން އެރި އެވެ.
"ކާކު ގަބޫލުކުރާނެ ވާހަކައެއް ތި ދައްކަނީ މިހާރު؟ ބަލަ ބަންގްލަދޭޝް މީހުންނޭ ހޭވައްޓާފައި މަސައްކަތެއް އެ ކުރަނީ. އެންމެ ރަނގަޅު، ލޯކަލް މާރުކޭޓުން ގޮޅިއެއް ނަގައިގެން ދިވެއްސަކު އިނިއްޔާ ދިވެހިން އުފަލެއް ނުވާނެތަ؟ އެކަމަކު ކިހިނެއް ދިވެހިން ހަދަނީ؟ ގޮޅި ނަގާފައި 5،000 ރުފިޔާ އަށް ބަންގްލަދޭޝް މީހާއަށް ކުއްޔަށް ދެނީ. ދިވެހި މީހާއަށް އެވަރު ފުދޭ. އެކަމަކު ބަންގްލަދޭޝް މީހާ ބޭނުންވަނީ ކިހާ ވަރެއް، 20 ހާސް، 30 ހާސް، 40 ހާސް ރުފިޔާ. ދޮގެއްތަ؟" އަޅުގަނޑު އޭނާއަށް ސުވާލު ދޫކޮށްލީމެވެ.
"ރަނގަޅު ވާހަކައެއް ތި ބުނީ،" އޭނާ އެއްބަސްވި އެވެ. އަދި ހަމަ އެ ނޭވާގައި "ބޭބޭ! ދެން ވަޒީފާއެއް ހޯދައިދޭންވީނު!" ޒުވާނާ ބުންޏެވެ.
އެކަމަކު ވަޒީފާއެއްގެ ވާހަކަ އޭނާ ދައްކަނީ އެއްޗެކޭ ކިޔަންވެގެންކަން އަޅުގަނޑަށް އެނގެ އެވެ. އޭނާ ހުރި ގޮތާއި އަމިއްލަ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވުމުން، އެއީ ފަރުވާ ބޭނުންވާ ޒުވާނެއްކަން އެނގެ އެވެ. އެކަމަކު އަޅުގަނޑު ދައްކާ ވާހަކަ އޭނާއަށް ރަނގަޅަށް ފަހުމްވެ އެވެ. އެހެންކަމުން އެންމެ ފަހަރަކު ނަސޭހަތެއް ދީގެން އޭނާއަށް ވެސް، އަޅުގަނޑަށް ވެސް ލިބޭނެ ގެއްލުމެއް ނެތެވެ. އެހެންކަމުން އަޅުގަނޑު އަަނެއްކާވެސް ވާހަކަ ފެށީމެވެ.
"ހަމަ ރަނގަޅަށް ވެސް ބޭބެ މި ހުރީ ވަރަށް ދެރަވެ، ލަދުގަނެފައި. ފުރަތަމަ ކަމަކީ ތި އުމުރުގެ ޒުވާނަކު ތިހެން ސަލާން ޖަހަން އުޅޭތީ. ތިއީއެއް ނޫން އުޅެން ޖެހޭނެ ގޮތަކީ. އެއްކަލަ، ތި ކިޔާ ބަންގާޅު މީހާ އެހެރެ މުއްސަނދި ވަނީ މި ގައުމުގައި މަސައްކަތްކޮށްގެން. އެ މީހުންގެ އެބަ އޮތޭ ހުވަފެނެއް. ކޮއްކޮމެންގެ ނެތީ އެ ހުވަފެން. ފުރަތަމަ މުސާރަ ފަށަންވީ ދަށުން. ދެން ތިމާ ކަނޑައަޅަންވީ މިވެނި އަހަރެއްގައި ތިމަންނަ ހުންނާނީ މި ފެންވަރުގައޭ. މިވެނި އުމުރެއްގައި ތިމަންނަ ފަށާނަމޭ އަމިއްލަ މަސައްކަތެއް. ތިމަންނަ މީހަކާ އިނދެގެން، ކުދިން ހޯދާނަމޭ، އާއިލާ ބަލަހައްޓާނަމޭ. އުފަލުގައޭ އުޅޭނީ. އެކަމަކު އެހެންނެއް ނޫން ވަނީކީ. ބައްޕަ އާއި މަންމަ ކާންދިނީމާ ނިމުނީ. ބޭނުންވާ އެއްޗެއް ނުގަނެވުނަސް ވަރިހަމަ. ދެން އުޅެންވީ ރައްޓެއްސެއްގެ އެހީގައި ކޮފީ ބޮމުން،" މި ހުރިހާ ވާހަކައެއް އަޑުއަހަން، ހަމަ އެއްވެސް އެއްޗެކޭ ނުބުނެ، ޒުވާނާ ހުއްޓެވެ.
"ބޭބެ ދޭ ނަސޭހަތަކީ މިއީ. ބޭބެ ވަޒީފާއަކަށް ނުކުތީ 19 އަހަރުގައި. އެ ދުވަހުން ފެށިގެން މިއަދު ވެސް މި ހުރީ ވަޒީފާގައި. މަސައްކަތް ކުރާކަށް ފޫސެއްނުވޭ. ބުރަވެގެން މިކަމެއް ނުވާނެއޭ ކިޔާފައި ގެޔަކަށް ނުދަން. ނުނިދާ ވެސް އުޅެން ޖެހޭ. ބޭބެމެން ވަޒީފާއަށް ނުކުތް އިރަށް ވުރެ މިހާރު ކުރެވެން ހުރި މަސައްކަތްތައް ވެސް ގިނަ. ފުރުސަތު ވެސް ބޮޑު. ގިނަ ލާރި ވެސް ލިބޭނެ. ދެން ކޮން ކަމަކާ ފަސްޖެހެންވީ؟ ވަޒީފާ ލިބޭނެ ހޯދަން އުޅެންޏާ. އެކަމަކު ފުރަތަމަ ޖެހޭނީ ތިމާ ރަނގަޅުވާން. ތިމާގެ އެބަ އޮންނަން ޖެހޭ އުއްމީދެއް."
އެހާ ހިސާބަށް ވާހަކަ ދިޔަ ތަނުން އަޅުގަނޑުގެ ރައްޓެހިން އެތަނަށް އަތުވެއްޖެ އެވެ. އެފަދަ އެންމެ ޒުވާނަކަށް ވެސް ނަސޭހަތެއް ދެވިއްޖެ ކަމުގެ އިހުސާސާ އެކު، ރައްޓެހިންނާ އެކު އަޅުގަނޑު ހިނގައިގަތީ އެވެ.
ޒުވާނާ އެ ހުރި ގޮތަށް ހުރީ އެވެ. އަޅުގަނޑާ މެދު އޭނާ ވިސްނަނީ ކަމެއް، އަޅުގަނޑު ދެއްކި ވާހަކައާ މެދު ވިސްނަނީ ކަމެއް، ނުވަތަ އޭނާގެ އަމިއްލަ ނަފުސާ މެދު ވިސްނައި، އިސްލާހުވާންވީ ވަގުތު ޖެހުނީ ކަމެއް، ނުވަތަ ދޮގެއް ހަދާފައި އިތުރު ބައެއްގެ އަތުން ލާރި އަތުލަން ހިޔާލު ކުރަނީ ކަމެއް، އަޅުގަނޑަކަށް ނޭނގެ އެވެ. އަޅުގަނޑަށް ވިސްނޭހާ ވެސް އެއްޗަކީ އެއީ މަސްތުވާތަކެތީގެ ތެރެއަށް ގެއްލުނު ޖީލުގެ އެކަކު ކަމެވެ. ހިތާމަހުއްޓެވެ!
މުސްކުޅިވަމުންދާ އާބާދީއާ އެކު، ތަރައްގީ މަޑުޖެހެނީ!
ހެޔޮކަމާއެކު، ޒުވާންކަމުގެ ފައިދާ ހޯދާނެ ގޮތްތައް
ހިޖުރައިގެ ދަތުރުފުޅުން ފެނުނީ ޒުވާނުންގެ މުހިންމުކަން
ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާ އެކު އެމްޕީއެލް
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
ގްރޭޑް-2ގައި ޑްރަގަށް، 19 އަހަރުގައި އޭގެ ބޮޑަކަށް
ޑްރަގް ފަރުވާ ހޯދާ މީހުން ތަމްރީނު ކުރަން މަރުކަޒެއް
ދިވެހިންނަށް އިންޒާރެއް: ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ
ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކުން ފެންނަނީ ގޯސްތައް