Roadha Mihaaru
ފީއަލީގައި 14 ކުއްޖަކަށް ޑެންގީ ޖެހި ސްކޫލް ބަންދު

ފީއަލީގައި 14 ކުއްޖަކަށް ޑެންގީ ޖެހި، ސްކޫލު ބަންދުކޮށްފި

09 ފެބުރުއަރީ 2019

ފ. ފީއަލީގައި 12 ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ. އަދި ރަށުގައި އާދަޔާ ހިލާފަށް ހުން ފެތުރެމުން ދާތީ ސްކޫލުގެ ކިޔެވުން ވެސް ވަނީ ހަފުތާއަކަށް ބަންދުކޮށްފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. ފީއަލީގައި 12 ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ. އަދި ރަށުގައި އާދަޔާ ހިލާފަށް ހުން ފެތުރެމުން ދާތީ ސްކޫލުގެ ކިޔެވުން ވެސް ވަނީ ހަފުތާއަކަށް ބަންދުކޮށްފަ އެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޮބްޒަވޭޝަނަށް މަރުކަޒުގައި އެއް ކުއްޖަކު ބާއްވާފައިވާއިރު މިއަދު ވެސް އިތުރު ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ފާއިތުވި ހަފުތާއެއްގެ ތެރޭގައި ފީއަލިން ޑެންގީ ހުމަށް 14 ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ޑެންގީ ހުން ޖެހިގެން އިތުރު ފަރުވާ އަށް ފީއަލީން ރޭ ވަނީ ބައެއް ކުދިން މާލެ ގެނެސްފަ އެވެ. އޭނާ ވިދާޅުވީ ޑެންގީ ހުން ޖެހުނު ކުދިންގެ ތެރެއިން ތިން ކުއްޖަކީ އެ މަރުކަޒުން ލަފާދީގެން މާލެ ގެންދިޔަ ކުދިން ކަމަށެވެ. ބާކީ ތިބި ނުވަ ކުދިންނަކީ އާއިލާ އިން އަމިއްލަ އަށް ބޭނުންވެގެން މާލެ ގެންދިޔަ ކުދިންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި ޑެންގީ ހުން ފެތުރެން ފެށީ އެ ރަށަށް ދިޔަ ބޭރު މީހެއްގެ ފަރާތުންނެވެ.

"ފުރަތަމަ ބޭރު މީހަކަށް ހުން ޖެހުނީ. އޭގެ ފަހުން ފެތުރެން ފެށީ ފާއިތުވި ހަފުތާގެ ތެރޭގައި. މިހާތަނަށް ޑެންގީ ހުން ޖެހިގެން ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިން،" އާބާދީގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން ދިރިއުޅޭ ރަށުގެ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.

ޑެންގީ ހުން ކޮންޓްރޯލްކުރަން ފީއަލީގައި މިހާރު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ފޮގުކުރަން ވަނީ ފަށައިފަ އެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒުން އަންނަނީ ކުރަމުންނެވެ.

ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވީ ރަށުގައި އާދަޔާ ހިލާފަށް ޑެންގީ ފެތުރޭތީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ސްކޫލުގެ ކިޔެވުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑެންގީ ޖެހިފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކުދިންގެ ތެރޭގައި ވެސް ފީއަލީ ސްކޫލުގެ ދަރިވަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލުގައި 275 ދަރިވަރުން އުޅެ އެވެ.