Roadha Mihaaru
ރުއްތައް މުސްކުޅިވީ، އެއްވެސް އަޅާލުމެއް ނެތް!

ރުއްތައް މުސްކުޅިވީ، އެއްވެސް އަޅާލުމެއް ނެތް!

13 ފެބުރުއަރީ 2019

ދައުލަތުގެ ނިޝާނުގެ ދިމާ މެދުގައި ބޮޑުކޮށް ރުކެއް އެ އިންނަނީ ސަބަބަކާ ހެދި އެވެ. ރުކަށް ވުރެ ބޮޑަށް ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އެއްޗެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ބޭނުންކުރެވެން ހުރި ގޮތްތައް ގިނަކަމުން އެއްވެސް އެއްޗެއް އެއްލާލަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ދިވެހިން ދަންނަ ރުކަކީ ރާއްޖޭގެ އައިޑެންޓިޓީގެ ވެސް ބައެކެވެ. އެކަމަކު ދިވެހިންގެ ރަސްމީ "ގައުމީ ގަސް" ވަރަށް ބޮޑަށް މުސްކުޅިވެ ގައިބާރު ދެރަވެފައިވާ އިރު ރުކުގެ އާ ޖީލެއް ގެނައުމުގެ އެއްވެސް ރޭވުމެއް އަދި ނެތެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ދައުލަތުގެ ނިޝާނުގެ ދިމާ މެދުގައި ބޮޑުކޮށް ރުކެއް އެ އިންނަނީ ސަބަބަކާ ހެދި އެވެ. ރުކަށް ވުރެ ބޮޑަށް ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އެއްޗެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ބޭނުންކުރެވެން ހުރި ގޮތްތައް ގިނަކަމުން އެއްވެސް އެއްޗެއް އެއްލާލަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ދިވެހިން ދަންނަ ރުކަކީ ރާއްޖޭގެ އައިޑެންޓިޓީގެ ވެސް ބައެކެވެ. އެކަމަކު ދިވެހިންގެ ރަސްމީ "ގައުމީ ގަސް" ވަރަށް ބޮޑަށް މުސްކުޅިވެ ގައިބާރު ދެރަވެފައިވާ އިރު ރުކުގެ އާ ޖީލެއް ގެނައުމުގެ އެއްވެސް ރޭވުމެއް އަދި ނެތެވެ.

ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ރުއްތަކުގެ އުފެއްދުންތެރިކަން ދަށަށް ދިޔުމާއި ރުކުން ލިބޭ ބާވަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރާއްޖެ މި އޮތީ "އަލުން ބަލުން" ރުއް އިންދަން ފަށަން ޖެހޭ ހާލަތަކަށް އައިސްފަ އެވެ. އަދި މިހާރު އެކަމާ ނޫޅެއްޖެ ނަމަ ފަހުން ހިތާމަކުރަން ޖެހޭނެ އެވެ.

"ތަރައްގީގެ ނަމުގައި މި ހުރިހާ ކަމެއް މި އަންނަނީ ވަރަށް ބާރަށް. ވަރަށް ގިނަ ކަންތައްތައް އެއްފަހަރާ އެބަ ހިނގާ. އެހެންވީމާ، އެކި ބާވަތްތަކުގެ މަސް ވެސް މެނޭޖުކުރާ ފަދައިން، ރުކަށް ވެސް މެނޭޖްމެންޓް ޕްލޭނެއް ރާއްޖޭގައި އޮންނަން ޖެހޭނެ."

ބޭނުންވާ ވަރަށް ކާއްޓާއި ކުރުނބާ ނުލިބުމާއި އެ އެއްޗެހީގެ އަގު އުފުލުމުގެ ދަތިތައް މިހާރު ވެސް ކުރިމަތިވަމުންދާ އިރު، ތަޖުރިބާކާރުންގެ ނަޒަރުގައި، ރުއްތައް މުސްކުޅިވުމުގެ ނަތީޖާ ދެން ދާނީ ހައްތަހާ ގޯސްވަމުންނެވެ. ކާބޯތަކެތީގެ އިތުރުން، ރުކުން ލިއްބައިދޭ ހިޔަލާއި ރީތިކަމަށް ބެލިޔަސް، މިހާރު ހުރި ރުއްތަކުގެ ބޭނުންތެރިކަން ދަނީ ކުޑަވަމުންނެވެ.

"މުސްކުޅިވީމަ ރުކުގެ ރީތިކަން ގެއްލޭ އަދި ދިފާއީ ބާރު ދަށްވީމަ ވަރަށް އަވަހަށް ބަލިބަލި ޖެހޭ. ދެން އެންމެ ބޮޑު ކަމަކީ ރުކުގައި އެއްޗެހި އަޅާ މިންވަރު މަދުވެފައި އަޅާ އެއްޗެހީގެ ފެންވަރު ދަށްވުން،" ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަދި ގިނަ ދުވަސްތަކެއް ވަންދެން އެގްރިކަލްޗާގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ ޑރ. އާމިނަތު ޝާފިއާ ފާހަގަކުރެއްވި އެވެ.

"މި ކަމާ މެދު ވިސްނައި ރަނގަޅުކުރަން ޕްލޭންތަކެއް ފައްޓަން ވެފައި މި އޮތީ. މިހާރު ޕްލޭންކޮށްގެން ނުކޮށްފިއްޔާ މީގެ ނޭދެވޭ އަސަރުތައް މިހާރަށް ވުރެ ބޮޑުވެގެންދާ ތަން ފެންނަން ފަށާނެ."

އެއްވެސް ޕްލޭނެއް ނެތް

ރުކާ ބެހޭ ސްރީ ލަންކާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އެޗް. އޭ. ޖޭ ގުނަތިލަކެ އެގްރިކަލްޗަ މިނިސްޓްރީ އަށް ދިރާސާއެއް ހައްދަވައިދެއްވުމަށް ފަހު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ގިނަ ރުއްތައް ވަނީ މުސްކުޅިވެ، ބަލިކަށިވެފަ އެވެ. އަދި ވަކި އިންތިޒާމެއް ނެތި އެއް ތަނެއްގައި ބޮނޑިއަކަށް މާ ގިނަ ރުއް ހުންނާތީ ކާށި އުފެދޭ މިންވަރު މަދެވެ. އެހެންކަމުން، ވަކި އުސޫލެއްގެ ތެރެއިން އެ ރުއްތައް ކަނޑައި ލަކުޑީގެ ގޮތުގައި ބޭނުންކުރުމަށާއި ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އޭނާ ވަނީ ލަފާދެއްވައިފަ އެވެ.

އދގެ ފުޑް އެންޑް އެގްރިކަލްޗަ އޮގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީގައި 2012 ވަނަ އަހަރު ތައްޔާރުކުރި އެ ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރުކުގެ އިގްތިސޯދީ އުފެއްދުންތެރިކަމުގެ މުއްދަތަކީ 60 އަހަރެވެ.

"ރާއްޖޭގައި މި ހުރި ރުއްތަކުގެ އުމުރެއް އަޅުގަނޑުމެންނަށް ޔަގީންކޮށެއް ނޭނގޭ. އެކަމަކު ސިލޯނުގެ ކޮންސަލްޓެންޓު އަޅުގަނޑުމެން ގާތު ބުނި ގޮތުން ނަމަ ގިނަ ރުއްތަކުގެ އުމުރު ހުރީ 60 އަހަރާއި 100 އަހަރާ ދެމެދުގައި،" ޑރ. ޝާފިއާ ވިދާޅުވި އެވެ.

"ރަނގަޅަށް މެނޭޖުކުރެވޭ ނިޒާމެއްގައި 30 އަހަރަށް ވުރެ ގިނަ ދުވަހަކު ނުބަހައްޓާނެ ރުއްތަކެއް."

ސްރީ ލަންކާ ފަދަ ގައުމުތަކުގައި ސަރުކާރުން ރުއް މެނޭޖުކޮށް ރުކުން ލިބޭ ފައިދާ ބޮޑުވާނެ ސިޔާސަތުތައް ގެންގުޅުނަސް ރާއްޖޭގައި އަދި އެފަދަ ކަމެއް ނެތެވެ. ޝާފިއާ ވިދާޅުވީ 2012ގައި ހެދި ދިރާސާ ފިޔަވައި "އެހެން އެއްވެސް ކަމެއް ކުރެވިފައި ނެތް" ކަމަށެވެ. މާނައަކީ، ރުއްތަކަށް ބައްޔެއް ޖެހިއްޖެއްޔާ ފިޔަވަޅު އެޅުން ނޫން ކަމެއް ސަރުކާރުން މި ދާއިރާ އިން ކޮށްފައި ނުވުމެވެ.

"ރާއްޖެ އަށް މުހިއްމު ބާވަތަކަށް ވާތީ އެގްރިކަލްޗަ މިނިސްޓްރީގައި، ކޮކޮނަޓް ޑިވެލޮޕްމެންޓް ޕްލޭންސް ހެދިފައި މިހާރު ހުންނަން ޖެހޭނެ،" ޝާފިއާ ވިދާޅުވި އެވެ.

"އެކަމަކު، ލިބޭ ބަޖެޓުކޮޅާ އެއްޗެހި ކުޑަކަމުން، އެކަހަލަ ބޮޑު ކަމެއް ކުރާ ވަރަކަށް ލާރިއެއް ނުލިބޭ ދުވަހަކު ވެސް. ދެން ތިން ޑޯނާއަކަށް ޕްރޮޖެކްޓް ވެސް ހުށަހަޅާފައިވޭ މިހާތަނަށް. އެކަމަކު ރާއްޖޭގެ މި ކަން ބަލައި ހެދުމަކީ ވަރަށް ބޮޑު ޕްރޮޖެކްޓަކަށް ވާތީ ޑޯނާސް ވެސް ނެތް މާ ބޮޑު ޝައުގުވެރިކަމެއް ދައްކާފައެއް، މި ކަހަލަ ކަމެއް ކުރާކަށް."

ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ބޭނުންވޭ

ރުއްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުން މުހިއްމުވާ ގިނަ ބޭނުންތަކެއް ރާއްޖޭގައި ހުރިކަން ގުނަތިލަކެ ފާހަގަކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ކާން ލިބޭ ކާށި ގިނަކޮށް ކުރުނބާގެ ސަޕްލައި އިތުރުކުރުމާއި ކާށި ތެޔޮ އުފެއްދުމާއި ދިޔާ ހަކުރު ހަދަން ރުކު ރާ ނެގުމާއި ގޭގެ އާއި އެހެނިހެން ތަންތަން އިމާރާތްކުރަން ބޭނުންވާ ލަކުޑި ހޯދުން ހިމެނެ އެވެ.

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް: ދޭތެރެދޭތެރެ އިން ކާށި ލިބުން ދަތިވެ އަގު ވަރަށް ބޮޑަށް އުފުލޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް: ދޭތެރެދޭތެރެ އިން ކާށި ލިބުން ދަތިވެ އަގު ވަރަށް ބޮޑަށް އުފުލޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާސާ އަށް ބިނާކުރައްވައި ގުނަތިލަކެ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ރުކުން އެއްޗެހި ލިބޭ މިންވަރު ވަރަށް ބޮޑަށް އިތުރުކުރެވެން އެބަ އޮތެވެ.

"އެހެންކަމުން، ރުއް އާލާކުރުމުގެ ފުރިހަމަ ޕްރޮގްރާމެއް ރާވައި ހިންގަން ޖެހެ އެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.

އެގޮތުން ކުރުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މިހާރު ރާއްޖޭގައި ހުރި ރުކުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅު މުޑުވައްތަކެއް ތައާރަފްކުރުމެވެ. ސަރުކާރުގެ ބެލުމުގެ ދަށުން އަދި ހަރުދަނާ ގަވާއިދުތަކެއްގެ ތެރެއިން އެފަދަ ޕްރޮގްރާމެއް ހިންގުމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ރުކުގެ ދެ ނާސަރީ ހެދުމަށް ވެސް ލަފާދީފައިވެ އެވެ. އޭގެ އިތުރުން، އާ ބާވަތްތަކުގެ ރުއް ތައާރަފްކުރުން ވެސް މުހިއްމުކަން ވަނީ ފާހަގަކޮށްފަ އެވެ.

"އެހެން ތަންތަނުގައި، އެކި ބޭނުންތަކަށް ވަކިން ބްރީޑްކޮށްގެން ރުއް ހައްދަނީ. މިސާލަކަށް އަވަހަށް ކުރުނބާ ލިބޭ ގޮތާއި އެ ހުރިހާ ކަމަކަށް ބަލާފައި ޖީންސް ނަގައިގެން ލެބޯޓްރީގައި އެކި ވައްތަރުތައް ތައްޔާރުކުރަނީ. އެކަމަކު ރާއްޖޭގައި ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރޭ. ހަމަ އެއް ވައްތަރުތަކެއް މި ހުންނަނީ،" ޝާފިއާ ވިދާޅުވި އެވެ.

ގުނަތިލަކެ ފާހަގަކުރައްވާފައިވާ ގޮތުގައި އަލަށް ރުއް އިންދުމާއި މުސްކުޅި ރުއްތަކުގެ ބަދަލުގައި ޅަ ރުއް އިންދުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ނެތް އިރު، އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި އަލުން ރުއް އިންދާނީ އެ ގައުމެއްގައި ނުވަތަ އެ ސަރަހައްދެއްގައި ރުއް ހުރި އަދަދަށް ބަލައިގެން ކަމަށާއި ރުކުގެ އިގްތިސޯދީ އުމުރަކީ 60 އަހަރު ކަމަށް ވާއިރު، އަލުން އިންދާ ރޭޓް، ޖުމްލަ ރުކުގެ ނިސްބަތުން އެންމެ މަދުވެގެން ދެ ޕަސެންޓަށް އަރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އެކަމަކު ރާއްޖޭގައި މިފަދަ ތަފާސްހިސާބުތަކެއް ލިބެން ނެތުމުން، އުފެއްދުންތެރި ނޫން ބަލިކަށި ރުއްތަކާއި މުސްކުޅިވެފައިވާ ރުއްތައް ނަގައި 'އެކްސެލެރޭޓެޑް ރީޕްލާންޓިން ޕްރޮގްރާމެއް' ހިންގަން" ތަޖުރިބާކާރު ވަނީ ލަފާދެއްވައިފަ އެވެ. އަދި އެއީ ފަސޭހަ އިން ކުރެވިދާނެ ކަމެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ، ފަޅު ރަށްތައް ބެލެހެއްޓުމަށް ޚާއްސަ ޔުނިޓެއް އެގްރިކަލްޗާ މިނިސްޓްރީގައި އޮންނަ ކަމެވެ.

"އެހެންކަމުން، ނަގާ ރުއްތަކުގެ ބަދަލުގައި ރުއް އިންދުން ނުވަތަ އަލަށް ރުއް އިންދުމުގެ ޕްރޮގްރާމެއް މި ޔުނިޓުގެ ދަށުން ފަސޭހަކަމާ އެކު ތަންފީޒުކުރެވިދާނެ އެވެ،" ރިޕޯޓުގައިވެ އެވެ.

އެކަމަކު ރުއްތައް ޒުވާންކުރަން ބަލާ އިރު، ރުކެއް ފޯދެން އެތައް އަހަރެއް ނަގާނެ އެވެ. އެހެންކަމުން ޝާފިއާ ވިދާޅުވީ ރުއް އާލާކުރަން ޖެހޭނީ ޕްލޭނެއްގެ ދަށުން މަޑުމަޑުން ކަމަށެވެ.

"ރާއްޖޭގައި މި ހުރި ރުކުގެ ވައްތަރުތައް ކިރިޔާ ރަނގަޅު ސައިޒަކަށް ދަނީ 5-10 އަހަރު ފަހުން. އެހެންވީމާ ވަރަށް ގިނަ ދުވަސް އެބަ ނަގާ. އެކަމަކު އޭގެ މާނައަކީ އެކަން ނުކުރެވޭނެއެކޭ ނޫން. މިސާލަކަށް، ބޮނޑިއަކަށް ރުއްތައް ހުންނަ އިރު އެންމެ ރަނގަޅު ރުއް ބަހައްޓާފައި ދެން ހުންނަ ރުއްތައް ނެގިދާނެ. އެކަހަލަ ގޮތަކަށް ޕްލޭންކުރަން ޖެހޭނީ. ޓަސް ލާފައެއް ނުކުރެވޭނެ،" އޭނާ ފާހަގަކުރެއްވި އެވެ.

ދެން އޮތީ މުސްކުޅި ރުއްތައް ކަނޑާލާ އިރު ތިމާވެށީގެ ގޮތުން ގެއްލުންތަކެއް ލިބިދާނެތޯ އުފެދޭ ސުވާލެވެ.

"ޖަންގަލި ގޮތަށް (މުސްކުޅި ރުއް) ބަހައްޓަން އެންމެ ރަނގަޅު. އެކަމަކު ވަކި ބޭނުންތަކަކަށް ރުއް ގެންގުޅެންޏާ މުސްކުޅި ރުއް ޖެހޭނެ ބަދަލުކުރަން،" ޝާފިއާ ވިދާޅުވި އެވެ.

"ޕްލޭންޑް ގޮތަކަށް މުސްކުޅި ރުއްތައް ނަގައި އެ ތަންތަނުގައި އާ ރުއް ޖަހަމުން ގެންދިޔުމަކީ މައްސަލައެއް ނޫން، އަޅުގަނޑު ދެކޭ ގޮތުގައި."

ކުރުނބައެއް ކަނޑާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރުނބައެއް ކަނޑާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބޭރުން ވެސް ރުއް ގެންނަނީ!

ފަޅު ހިއްކައިގެން ރިސޯޓު ހަދާ ތަންތަން ފެހިކުރަން ރަށްރަށުން ރުއް ނަގައިގެން ގެންދާ މައްސަލަ ހޫނުވެގެންދިޔަ އިރު އެހާ ބޮޑަށް ހާމަނުވެ އޮތް ކަމަކީ އެފަދަ ބޭނުންތަކަށް ރުއް ހޯދޭނެ ރަނގަޅު އުސޫލެއް ނެތް ކަމެވެ.

ރުކަކީ ޓޫރިޒަމްގައި ވެސް ރާއްޖޭގެ ރީތިކަމާއި ދިވެހިވަންތަކަމުގެ މުހިއްމު ރަމްޒަކަށް ވެފައި އޮތް އިރު، ރުއް މެނޭޖުކުރުމުގެ ސިޔާސަތެއް އޮވެ، ވަކި ނިޒާމެއްގެ ދަށުން އާ ރިސޯޓުތަކަށް ރުއް ލިބޭނެ ގޮތް ހަމަޖެހިފައި އޮތް ނަމަ އެތަންމިތަނުން ރުއް އުފުރައިގެން ގެންދަން ނުޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. މިސާލަކަށް، ނާސަރީތަކަކުން ރުއް ފޯރުކޮށްދިނުމެވެ. އެހެންކަމުން، ރުއް އުފުރާ މައްސަލަ ބޮއްސުންލުމުގައި ވެސް، އެގްރިކަލްޗާ މިނިސްޓްރީގެ ދައުރު އަދާ ނުކުރެވުން ހިމެނޭ ކަމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ދެކެ އެވެ.

"އެގްރިކަލްޗާ މިނިސްޓްރީން އެބަ އޮތްތޯ އެއްވެސް ބަޔަކަށް، ރުއް އިންދައި ހައްދަން ނާސަރީ ރެޖިސްޓްރީކޮށްދީފައި؟ ނެތް. އެބަ އޮތްތޯ މީހުންނަށް މިކަން ވިސްނައިދީގެން ރުއްތައް އާލާކުރުމުގެ މަޝްރޫއުތަކެއް ހިންގާފައި؟ ނެތް،" ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިބްރާހިމް މުހައްމަދު (އިއްބެ) ފާހަގަކުރެއްވި އެވެ.

ރަށަކުން ބޭރުކުރާ ކޮންމެ ރުކަކަށް ދެ ރުއް އަދި ކޮންމެ ގަހަކަށް ދެ ގަސް އެ ރަށެއްގައި އިންދައި ހައްދަން ޖެހޭނެ ކަމަށް ބުނާ ގަވާއިދެއް އޮއްވާ، އެ އަށް އަމަލު ނުކުރާތީ ވެސް، މި ގޮތަށް ރުއްގަސް ނެގުމުގެ ގެއްލުން އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.

ދ. އަތޮޅު އަލުވިފުށީގައި ހަދަމުންދާ ރިސޯޓަށް ގެންދިޔަ ރުއްތަކެއް.

ދ. އަތޮޅު އަލުވިފުށީގައި ހަދަމުންދާ ރިސޯޓަށް ގެންދިޔަ ރުއްތަކެއް.

ރުއް ހޯދަން ބޭނުންވިލެއް ގިނަކަމުން އެންމެ ފަހުން ބޭރު ގައުމުތަކުން ރާއްޖެ އަށް ރުއް އެތެރެކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެތައް ޒަމާނެއް ވަންދެން އެކަން މަނާކޮށްފައި އޮތް އޮތުން ސަރުކާރުން އުވާލީ، ޑރ. ޝާފިއާ ވިދާޅުވި ގޮތުގައި، ރިސޯޓު ހަދަން ފަޅު ހިއްކުމުގެ ބޮޑު ރާޅެއް މި ފަހުން ނަގައިގަތް ދަނޑިވަޅުގަ އެވެ.

"މި ހިސާބުގަނޑުގައި ރުކުގެ ވަރަށް ނުރައްކާތެރި ބަލިތައް ހުންނާތީ ރުއް އެތެރެކުރުން މަނާކޮށްފައި އޮތީ ވަރަށް ގިނަ ދުވަސް ވަންދެން. އެކަމަކު 2017ގައި ވަނީ ޝަރުތަކާ އެކު އިމްޕޯޓްކުރެވޭ ގޮތަށް ހުއްދަ ދީފައި،" އޭނާ ވިދާޅުވި އެވެ.

"ތަންތަން ހިއްކަން ނުފައްޓާ އިރު އެކަހަލަ [ރުއް އެތެރެކުރުމުގެ] ބޭނުމެއް ނޯވޭ. މިހާރު އެހާ ގިނައިން ތަންތަން ހިއްކަން ފެށީމަ ވާ ގޮތަކީ އެ ތަންތަން ނުލާހިކު އަވަހަށް ފެހިކުރަން ޖެހޭތީ ބޮޑެތި ގަސް އިމްޕޯޓްކޮށްގެން ގެންނަނީ. އޭގެ ތެރޭގައި ވަރަށް ގިނައިން މިހާރު ރުއް ގެންނަން ރިކުއެސްޓް ކުރޭ."

ޝާފިއާ ފާހަގަކުރެއްވި ގޮތުގައި ރުއް އެތެރެކުރަން އެގްރިކަލްޗަ މިނިސްޓްރީން ހުއްދަ ދެނީ ޝަރުތުތަކަކާ އެކު، "ވަރަށް ސްޓްރިކްޓް" އުސޫލެއްގެ ދަށުންނެވެ. ލެބޯޓްރީ ޓެސްޓުތަކެއް ހަދައި ހުށަހަޅަން ޖެހެ އެވެ. އެކަމަކު "މިހާރު އެތަންމިތަނުން ފޭކު އެއްޗެހި ވެސް" ގެންނަ ކަމަށް އެ މިނިސްޓްރީ އަށް ޝައްކުކުރެވެ އެވެ. އެހެންކަމުން ދެން އޮތީ، އެ ގޮތަށް ގެންނަ ރުއްތަކަކާ އެކު ބަލިތައް ވެސް އެތެރެވެދާނެ ކަމަށް ކުރިންސުރެ އޮތް ކަންބޮޑުވުން ހަގީގަތަކަށް ވެދާނެ ކަމުގެ ބިރެވެ.

"އަޅުގަނޑުމެންނަށް ޝައްކެއް ވަނީ. އަދި ޔަގީނެއް ނޫން އެހެން ކަމެއް މި ވަނީ. އެކަމަކު އެ ކަމަށް ބޭނުންވާ ލެބޯޓްރީ ޓެސްޓުތައް ހަދައި ރިޕޯޓުތައް ތައްޔާރުކުރުމާ އެ ކަންތައްތައް ކުރަން ވަރަށް އުނދަގޫވާނެ ހަގީގަތުގައި. އެކަމަކު މީހުން ވަރަށް ފަސޭހަ އިން އެކަން ކޮށްލައިގެން އެބަ ގެނޭ. އެހެންވީމާ އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ކޮންމެވެސް ކަހަލަ ކަންތައްގަނޑެއް ވާ ހެން،" ޝާފިއާ ވިދާޅުވި އެވެ.

އަނެއްކޮޅުން، ރާއްޖޭގައި މި ހުންނަ ކަހަލަ "ކޮކޯސް ނުސިފެރާ" ރުކުގެ ކޮންމެ ބާވަތެއް ވެސް ގެނެވޭ ގޮތަށް އޮތް އިރު، ޝާފިއާ ފާހަގަކުރެއްވި ގޮތުގައި، ގެންނަނީ "މާ ރަނގަޅު ވެރައިޓީތަކެއް" ކަމެއް ވެސް އެނގޭކަށް ނޯވެ އެވެ.

"ހަމައެކަނި ރުއް، މި އޮންނަނީ. އެހެންވީމާ އަޅުގަނޑުމެންނަކަށް ނޭނގޭ ރަނގަޅު ވެރައިޓީސްކަމެއް މި އަންނަނީ. އެހެން ގެންނަ އިރު ވެސް ތަންކޮޅެއް ރަނގަޅު ވައްތަރުތައް ގެންނަ ނަމަ އެ ރަށެއްގެ ވެޖިޓޭޝަން ރަނގަޅުވާނެ. އެކަހަލަ ވިސްނުމެއް ނުހުރޭ އަދިވެސް،" އޭނާ ވިދާޅުވި އެވެ.

ރުއްތައް މުސްކުޅިވެ ރުއް އާލާކުރުމުގެ ރޭވުމެއް ނެތުމުގެ އަނެއް ނަތީޖާއަކަށް ވާނީ ދިވެހިންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ފޯރާނެ އަސަރެވެ. ކާށި ލިބުން ދަތިވަމުން ގޮސް އެހެނިހެން ކާބޯތަކެއްޗެކޭ އެއްގޮތަށް އިމްޕޯޓަށް ބަރޯސާވާން ނުޖެހި ހިނގައިދާނެ ހެއްޔެވެ؟

"މިހާރު ވަރަށް ބައިވަރު މީހުން ބޭނުންވޭ ކާށި ވެސް އިމްޕޯޓްކުރަން. ކުރީގައި ރާއްޖޭގައި އުފެދޭ ކާށިން ރާއްޖެ އަށް ފުދޭ،" ޝާފިއާ ވިދާޅުވި އެވެ.

ރުއްތައް މުސްކުޅިވުމާއި ރުއްތަކަށް ބަލި ޖެހުމާ އެކުއެކީގައި، އެކި މަޝްރޫއުތައް ހިންގަން ފުޅާ ދާއިރާއެއްގައި ރުއްގަސް ކެނޑުމާއި އާ ރިސޯޓުތައް ފެހިކުރަން ރަށްރަށުން ރުއް އުފުރަން ފަށައި ރުކަށް ބޮޑު ޑިމާންޑެއް އުފެދި މީހުންގެ އަމިއްލަ ރުއްތައް ވިއްކުން އާއްމުވެ އެއީ ބޮޑު ވިޔަފާރިއަކަށް ވެސް މިހާރު މި އޮތީ ވެފަ އެވެ. ގަހަކަށް ރާއްޖޭގައި އެންމެ ގިނައިން ހެދިފައިވާ ރުއް މަދުވުމަކީ ތިމާވެށީގެ ގެއްލުމެއް އެކަންޏެއް ނޫނެވެ. ރުކުން ލިބޭ ހިޔަލާއި ރައްކާތެރިކަމާއި ރީތިކަމުގެ ތެރެއަށް، ރުކުގެ ބާވަތްތަކަށް ބަރޯސާވެފައިވާ މިންވަރު އެއްކޮށްލާ އިރު، ކެއިންބުއިމާއި ސަގާފީ އަދި އިގްތިސޯދީ ގޮތުން ވެސް ރުކަކީ ދިވެހިންގެ ދިރިއުޅުމާ ވަކި ނުކުރެވޭނެ އެއްޗެކެވެ. އެކަމަކު ވެސް، ކަންކަން ބޮއްސުންލަމުން މި ދަނީ ރުކުގެ މައްސަލަ އަށް އެއްވެސް ކަހަލަ އަޅާލުމެއް ނެތުމުގެ ސަބަބުންނެވެ.

"ތަރައްގީގެ ނަމުގައި މި ހުރިހާ ކަމެއް މި އަންނަނީ ވަރަށް ބާރަށް. ވަރަށް ގިނަ ކަންތައްތައް އެއްފަހަރާ އެބަ ހިނގާ. އެހެންވީމާ، އެކި ބާވަތްތަކުގެ މަސް ވެސް މެނޭޖުކުރާ ފަދައިން، ރުކަށް ވެސް މެނޭޖްމެންޓް ޕްލޭނެއް ރާއްޖޭގައި އޮންނަން ޖެހޭނެ،" ޝާފިއާ ވިދާޅުވި އެވެ.

އޭނާގެ ކަންބޮޑުވުމަކީ "އެއްވެސް މީހަކު އެ ގޮތަކަށް ނުވިސްނާ" ކަމެވެ.