14 ފެބުރުއަރީ 2019
އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މެޗަކީ ރާއްޖޭގެ ކްރިކެޓަށް އުއްމީދީ ފެށުމެއް ކަމަށް އިންޑިއާގެ ކްރިކެޓް ތަރި ޔުވްރާޖް ސިންގް ބުނެފި އެވެ.
އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މެޗަކީ ރާއްޖޭގެ ކްރިކެޓަށް އުއްމީދީ ފެށުމެއް ކަމަށް އިންޑިއާގެ ކްރިކެޓް ތަރި ޔުވްރާޖް ސިންގް ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެޕްޓަންކުރައްވާ ޓީމަކާއި ގައުމީ ކްރިކެޓް ޓީމާ އެކު މާދަމާ ކުޅޭ މެޗުތަކަށް އެއާ އިންޑިއާ ޓީމު ރާއްޖެ މިއަދު އައިއިރު، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) އަދި ކްރިކެޓް ބޯޑާއި ކްރިކެޓްގެ ކުޅުންތެރިން ބައިވެރިވި އެވެ.
މެޗު ކުޅެން އައި އެއާ އިންޑިއާ ޓީމުގައި ޔުވްރާޖްގެ އިތުރުން އިންޑިއަން ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. މި މެޗު ކުޅެން އިންޑިއާގެ ސްޕިން ބޯލިންގެ ސްޕެޝަލިސްޓް ހަރްބަޖަން ސިންގް ނާދެ އެވެ. އެއާ އިންޑިއާ ޓީމުން އޭނަ ގެންނަން އަދިވެސް މަސައްކަތްކުރާ ކަމަށް މައުލޫމާތު ދެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލައުންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުވްރާޖް ބުނީ މި ފަދަ ފުރުސަތެއް ތަނަވަސްކޮށްދިނީތީ ރާއްޖޭގެ ސަރުކާރާއި އެއާ އިންޑިއާ އަށް ޝުކުރުއަދާކުރާ ކަމަށެވެ.
"ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ކްރިކެޓް އިހުތިޔާރު ކުރީތީ ވަރަށް ހިތްހަމަ ޖެހޭ. ރައީސް އާއި ނައިބު ރައީސްއާ ދެކޮޅަށް ކުޅުމަކީ އަދި ހާއްސަ އުފަލެއް،" 2011 ވަަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާ ޓީމުގައި ހިމެނުނު ޔުވްރާޖް ބުންޏެވެ.
"މިއީ ވަރަށް ރަނގަޅު އިސްނެގުމެއް. ޒުވާން ކުޅުންތެރިން މީގެއިން ހިތްވަރު ލިބިގަންނަންވީ މި ކުޅިވަރުން ކުރިއަށްދާން. ކުރިއަރާފައި ހުރި ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަހަންނަށް ވެސް މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކުޅިވަރު ތެރެއިން އެހެން ގައުމުތަކަށް ހިދުމަތެއް ކޮށްދިނުމަކީ. ރާއްޖެ އާއި އިންޑިއާގެ ގުޅުން އަބަދުވެސް ބަދަހި. ރާއްޖެ ވަރަށް ރީތި،"
މަހުލޫފް (ކ) އާއި އިންޑިއާ ޓީމު މީޑިއާ އަށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުމުރުން 37 އަހަރުގެ ޔުވްރާޖަކީ އިންޑިއާ ގައުމީ ޓީމަށް 247 ޓެސްޓް މެޗު ކުޅެދީފައިވާ ކުޅުންތެރިޔެކެވެ. އައިޕީއެލްގައި މި އަހަރު ވެސް މުމްބާއީ އިންޑިއަންސް އަށް ކުޅެން ނިންމާފައިވާ ޔުވްރާޖަކީ، ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.
އެއާ އިންޑިއާ ޓީމާ އެކު އައި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ ނިކިލް ޗޯޕްޅާ ބުނީ ރާއްޖޭގެ ކްރިކެޓަށް އެހީތެރިވުމަކީ އިންޑިއާ އަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"މިއީ ރާއްޖޭގެ ކްރިކެޓް ޓީމަށް ވެސް އެހީތެރިވުމުގެ ފެށުމެއް. އަހަރެމެންގެ ދޮރު އަބަދުވެސް ވަނީ ހުޅުވިފައި. އަހަރެމެން އަބަދުވެސް އެހީތެރިވާނަން. އެއީ ރާއްޖޭގައި ކްރިކެޓް ވަރުގަދަ ވުމަކީ އަހަރެމެންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް. މަސައްކަތްކޮށްފިނަމަ ރާއްޖެ އަށް ވެސް ކްރިކެޓުން އިތުރު ކުރިއެރުން ލިބޭނެ،" 1999 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އަށް ކުޅުނު ނިކިލް ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިން ވެސް އިންޑިއާ އަށް މެޗުތަކެއް ކުޅެން އައުމަށް އެދޭ ކަމަށެވެ.
ކުޅިވަރު އެކުވެނީ އެއް ނަމްބަރު ދަނޑުގައި މާދަމާ ހެނދުނު ކުޅޭނީ ރައީސްގެ ޓީމާއި އިންޑިއާގެ ޓީމުގެ މެޗެވެ. ދިހަ އޯވަރަށް ކުޅޭ މި މެޗުގައި ސްކޫލް ދައުރުގައި މޮޅަށް ކްރިކެޓް ކުޅުއްވި ރައީސް ސޯލިހު ކެޕްޓަންކަންކުރައްވާ މި ޓީމަށް ސަރުކާރުގެ އިސްވެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިން ވެސް ކުޅޭނެ އެވެ.
އޭގެ ތެރޭގައި ކްރިކެޓް ބޯޑުގެ އަފޫ އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ހިމެނެ އެވެ. މީގެ އިތުރުން ޗަމްޕާ ހުސެއިން އަފީފާއި ކެރަފާ އަހުމަދު ނަސީމާއި އިބްރާހިމް އިބްރާހިމް ނޫރައްދީން ވެސް މި މެޗުގައި ކުޅުއްވާނެ އެވެ. އިންޑިއާ ޓީމާއި ގައުމީ ޓީމުގެ މެޗު އޮންނާނީ މާދަމާ މެންދުރުފަހު އެވެ.
ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފު ވިދާޅުވީ މިއީ މި ދެ ގައުމުގެ ގުޅުން ކުޅިވަރު ދާއިރާގައި ބަދަހި ކުރުމުގެ ވެސް ފެށުމެއް ކަމަށެވެ.
"މިއީ ވަރަށް ގިނަ ދިވެހިންނަށް ލިބޭނެ އުފާވެރިކަމެއް. އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަވައްޓެރިން. މި ކްރިކެޓް ސީރީސް އަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކޮށްދޭނެ ކަމެއް ކަމަށް އުއްމީދުކުރަން. އަދި ރާއްޖޭގެ ކުޅިވަރަށް ވެސް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.
ޔުވްރާޖް (މ) ކްރިކެޓް ބޯޑުގެ ރައީސް އަފްލާހްއާ ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކްރިކެޓް ބޯޑުގެ ރައީސް އަފްލާހް ވިދާޅުވީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށާއި އަދި އިންޑިއާ ދެކޮޅަށް މި ސީރީސްގައި ކުޅޭ މެޗުތަކުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ދިވެހި ކްރިކެޓް ކުޅުންތެރިންނަށް ފަހިވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"ރާއްޖޭގެ ކޮމިއުނިޓީ އަށް މެސެޖެއް ދޭން ބޭނުން. މިއީ ވަރަށް ރަނގަޅު ގުޅުމެއްގެ ފެށުން. އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެކުވެރިއެއް. އުއްމީދަކީ ރާއްޖޭގެ ކުޅުންތެރިންނަށް އިންޑިއާގައި ފުރުސަތުތަކެއް ލިބުން އިންޑިއާގެ އެކެޑަމީތަކާއި ހައި ޕަފޯމަންސިން ސެންޓަރުތަކުން،" އަފޫ ވިދާޅުވި އެވެ.
ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
މި ސަރުކާރުގެ އެއް އަމާޒަކީ ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުން ކަމުގައި ބުނެފައިވާއިރު، ރާއްޖޭގައި ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއް ބިނާކުރުމުގެ މަސައްކަތްތަކެއް އެކި ފަރާތްތަކާއި ގުޅިގެން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި
ކެޕްޓަން އަޒްޔާން ފުރަތަމަ މެޗުގައި ސެންޗަރީ ހަދައިފި
ކޯޓަށް ގެންދިއުން ލަސްވުމުން ކްރިކެޓް ކޯޗް ދޫކޮށްލައިފި
ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ މުބާރާތުގައި ވާދަކުރަނީ
ކްރިކެޓް ޓީމު ފުރަތަމަ ފަހަރަށް ދުނިޔޭގެ މައިދާނަށް
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި