Roadha Mihaaru
އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން

އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން: ނިޔާޒު

15 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭގޮތުން އޭސީސީ އިން އިއްޔެ ނެރުނު ރިޕޯޓް ފުރިހަމަ ނޫން ކަމަށް، އެ ހިޔާނާތް ފަޅާއަރުވާލި އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭގޮތުން އޭސީސީ އިން އިއްޔެ ނެރުނު ރިޕޯޓް ފުރިހަމަ ނޫން ކަމަށް، އެ ހިޔާނާތް ފަޅާއަރުވާލި އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީއިން ކޮށްފައިވާ ތަހުގީގީ ރިޕޯޓް އިއްޔެ ހާމަ ކޮށްފައިވާއިރު ރިޕޯޓުން އެނގޭ ގޮތުގައި ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއްވެފަ އެވެ. އެގޮތުން ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުންކުރައްވާފައި ވަނީ، ކުރިން ވެސް އެނގޭ ގޮތަށް، އެސްއޯއެފް ކިޔާ ކުންފުންޏެކެވެ. އެގޮތުން ރިޕޯޓުން ހާމަވާ ގޮތުގައި ބައެއް ފަޅުތަކާއި ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ވެސް އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވެ އެވެ. އެކުންފުނިން އެ ފައިސާ އެކިއެކި ކުންފުނިތަކަށާއި ސިޔާސީ މީހުންނަށް ވަނީ ބަހައިފަ އެވެ.

ކުރީގެ ސަރުކާރުގެ ހިޔާނާތާ ގުޅޭ އޮޑިޓް ރިޕޯޓެއް ނެރުމުން، މަގާމުން ވަކިކުރި ނިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތިން ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އޭސީސީ އަށް އެ މައުލޫމާތުތައް އޭނާ އޮޑިޓާ ޖެނެރަލްއަކަށް ހުންނެވިއިރު ދީފައިވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވަނީ ހަމައެކަނި އެސްއޯއެފްގެ އެކައުންޓަށް ނޫން ކަމަށާއި އަދީބުގެ އަމިއްލަ އެކައުންޓާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވެސް އެފައިސާ ވަދެފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެ މައުލޫމާތުތައް އޭރު އޮޑިޓް އޮފީހުން އޭސީސީއާ ހިއްސާކޮށްފައިވީ ނަމަވެސް އިއްޔެ ނެރުނު ރިޕޯޓުގައި އެ މައުލޫމާތުތައް ނެތް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު--

ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު--

"އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު އޭސީސީ އަށް ހިއްސާކޮށްފައިވާނެ. އެ ފަރާތްތަކުގެ ނަންތައް އޭސީސީ އިން ހާމަ ނުކުރީ ކީއްވެ ކަމެއް ނޭނގޭ،" މިދިޔަ ސަރުކާރުގެ ދުވަސްވަރު އިންޒާރުތަކާ ގުޅިގެން ރާއްޖޭން ބޭރުގައި އުޅުއްވި ނިޔާޒު ވިދާޅުވި އެވެ.

އޭގެތެރެއިން ބައެއް ފައިސާ އޭރުގެ ސަރުކާރުގެ ވެރިންނަށާއި މަޖިލީހުގެ މެމްބަރުންނަށް ވެސް ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވެސް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު އަނެއްބައި މެމްބަރުން މި އަހަރު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ތައްޔާރު ވަމުން އަންނަ ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ތެރެއިން އޭސީސީގެ ބައެއް މެމްބަރުންނާ އާއިލީ ގޮތުން ގުޅުން އޮތް ފަރާތްތައް ހިމެނޭއިރު، އެ ބޭފުޅުންގެ މައުލޫމާތު އޭސީސީއާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް ރިޕޯޓުގައި އެ މީހުންގެ މައުލޫމާތު ހިމަނާފައި ނެތް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ހުރިހާ ކަމެއް އެ ރިޕޯޓުގައި ހިމެނޭނެ ކަމަށެވެ. އަދި ތަހުގީގު ރިޕޯޓް ތައްޔާރު ކުރީ އޭސީސީގެ މެންބަރުން ނޫން ކަމަށާއި އެ ތަނުގެ އިންވެސްޓިގޭޓަރުން ކަމަށް ވިދާޅުވި އެވެ.

"އޭސީސީގެ ފުލް ތަހުގީގީ ރިޕޯޓް އެއީ،" މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީގެ ބައެއް މެމްބަރުންނަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭއިރު ނިޔާޒު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލާގެ ފުރިހަމަ ރިޕޯޓެއް ހަދަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ފުލުހުން މެދުވެރިކޮށްގެން ޖިނާއީ ތަހުގީގެއް ކޮށްގެން، ނުވަތަ އޭސީސީ އަށް ނަޒާހާތްތެރި މެމްބަރުން ލައިގެން ކަމަށް ނިޔާޒު ވިދާޅުވި އެވެ.