Roadha Mihaaru
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި

އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި

12 ސެޕްޓެމްބަރ 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރާ މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިއްޔެ ހާޒިރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރާ މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިއްޔެ ހާޒިރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބު އޭސީސީއަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ކޮމިޝަނުން ވަކި އެއްޗެއް ނުބުނެ އެވެ.

އޭސީސީން އަންނަނީ ދިވެހި ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. މި ވެރިކަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ބެލި މައްސަލަތައް ފަހުން އޭސީސީއާ ހަވާލުކުރީ އެވެ.

ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދޭން ނިންމާފައި އޮތީ އެމްއެމްޕީއާރުސީ މެދުވެރިވެ ނުއަގުގައި މީހުންނަށް ދޫކުރި ރަށްތަކުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމެވެ. އެއާއެކު ހިޔާނާތުން މަންފާވި މީހުންގެ މައްސަލަތައް ތަހުގީގު ކުރުން ވެސް ކުރިއަށް ގެންދާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމެވެ. މި ހިޔާނާތުން މަންފާވި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި އޭރުގެ މިނިވަން މުއައްސަސާތަކުގެ ބައެއް މެމްބަރުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

މި ހިޔާނާތް ހިންގި ކަމަށް އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އެ މީހުންގެ މައްޗަށް މި މައްސަލައިގައި ހުކުމް އިއްވާފައިވާ އިރު ހިޔާނާތާ ގުޅޭ ދައުވާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައި ޝަރީއަތް ދަނީ ހިނގަމުންނެވެ.

ހިޔާނާތާ ގުޅިގެން ޔާމީނަށް ފުރަތަމަ އުފުލި ދައުވާގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓާ ހިސާބުން މިނިވަންވެވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރި، އަދީބުގެ އެކުވެރިންގެ ކުންފުނި ކަމަށްވާ އެސްއޯއެފް އިންނެވެ.

ހިޔާނާތް ހިންގުމުގައި މި ކުންފުނީގެ އިސްވެރިން އަމަލީ ގޮތުން ބައިވެރިވެފައި ވިޔަސް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. މި ސަރުކާރުގައި ހިޔާނާތް ބަލަން ހެދި އެސެޓްރިކަވަރީ ކޮމިޝަނާއި އޭސީސީ އަދި ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުގައި ވެސް އެ މީހުންގެ މައްސަލަތަކެއް ނުބަލަ އެވެ.

އެއީ، ތަހުގީގަށް މައުލޫމާތު ދިނުމާއި ހެކި ހޯދައިދިނުމުގައި އެއްބާރުލުންދޭތީ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.