Roadha Mihaaru
ރާއްޖެ އަތުން އެއާ-އިންޑިއާ އަށް ވިކެޓުން މޮޅުވެއްޖެ

ރާއްޖެ އަތުން އެއާ-އިންޑިއާ އަށް ވިކެޓުން މޮޅުވެއްޖެ

15 ފެބުރުއަރީ 2019

އިންޑިއާގެ މަތީ ފަންތީގެ ކްރިކެޓް ކުޅުންތެރިން ހިމެނޭ އެއާ އިންޑިއާގެ ޓީމުން މިއަދު ހެނދުނު މާލޭގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު އަތުން އަށް ވިކެޓުން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއާގެ މަތީ ފަންތީގެ ކްރިކެޓް ކުޅުންތެރިން ހިމެނޭ އެއާ އިންޑިއާގެ ޓީމުން މިއަދު ހެނދުނު މާލޭގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު އަތުން އަށް ވިކެޓުން މޮޅުވެއްޖެ އެވެ.

އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިންނާއި މިހާރު ވެސް އެންމެ މަތީ ލެވެލުގައި ކުޅެމުން އަންނަ ކުޅުންތެރިންނާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމު ނެރުނު ނަތީޖާ އާއި ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށް ކޯޗު ދެކުނު އެފްރިކާގެ އާސިފް ހާން ބުންޏެވެ.

މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒްގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ރޭވި މި މެޗަށް ރާއްޖެ އައި އިންޑިއާގެ މަޝްހޫރު ކުޅުންތެރިޔާ ޔުވްރާޖް ސިންގް މި މެޗުގައި ނުކުޅެ އެވެ. އެކަމަކު މިއަދު މެންދުރުފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމާ ދެކޮޅަށް އޭނާ ކުޅޭނެ އެވެ. އިންޑިއާގެ މަޝްހޫރު ސްޕިން ބޯލަރު ހަރްބަޖަން ސިންގް މި މެޗުގައި ބައިވެރިވާ ގޮތަށް އޮތް ނަމަވެސް އަމިއްލަ ސަބަބަކާ ހެދި އާދެވޭ ގޮތެއް ނުވި އެވެ.

ރާއްޖޭގެ ކުޅުންތެރިން ގައުމީ ސަލާމުގައި ބައިވެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ކުޅުންތެރިން ގައުމީ ސަލާމުގައި ބައިވެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅިވަރު އެކުވެނީ އެއް ނަމްބަރު ދަނޑުގައި، ފަނަރަ އޯވަރަށް ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ގަސްދުކުރީ ކުޅޭށެވެ. އެކަމަކު ރާއްޖެ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހަތަރު އޯވަރުގެ ތެރޭގައި ރާއްޖޭގެ އޯޕަނިން ތިން ބެޓްސްމަނުން ކަމަށްވާ އާދަމް ނާސިފް އުމަރާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ޝާހިދު އަދި މުހައްމަދު ރިޝްވާން ނުބައިވުމެވެ.

ކުރީ އޯވަރުތަކަކީ ހަމަޖެހިލައިގެން ކުޅެ މެޗުގެ ތެރެއަށް ރަނގަޅަށް ވަންނަން ލިބޭ ފުރުސަތެއް ނަމަވެސް، އޭގެ ބޭނުން ނުހިފި އެ ކުޅުންތެރިން އަވަހަށް ނުބައިވީ މެޗުގެ ވަރުގަދަކަމާ އެކު ފޯރީގައި މާ މަތީ ސްކޯއަކަށް ޓާގެޓްކުރެވުން ކަމަށް ބެލެވެ އެވެ.

ރާއްޖެ އަށް 15 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި އަހުމަދު ހަސަން އާއި 24 ލަނޑު ހެދި ނާސިފެވެ. އެންމެ ފާހަގަކޮށްލެވެނީ 20 ލަނޑު ހެދި އުމުރުން 18 އަހަރުގެ އަޒްޔާން ފަރުހަތުގެ ކުޅުމެވެ. ރާއްޖޭގެ ކުޅަދާނަ އުކުންތެރިޔާ ހަސަން އިބްރާހިމްނުބައިނުވެ ފަސް ލަނޑު ހެދިއިރު ޝައުފް ހަސަން ނުބައިނުވެ 12 ލަނޑު ހެދި އެވެ.

ރާއްޖޭގެ ހަސަން އިބްރާހިމް އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ހަސަން އިބްރާހިމް އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަވާބުގައި އެއާ އިންޑިއާ އިން ކުޅެން އަރައި 14.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދައި މޮޅުވެގެން ފޭބީ އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ބޯޅައިން 68 ލަނޑު ހެދި ޕްރަކާޝް ރޯހިތު އެވެ. އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އަށް ކުޅޭ މަންވިދާ ބިސްލާ ވަނީ ނުބައިނުވެ 22 ބޯޅައިން 37 ލަނޑު ހަދައިފަ އެވެ. މީގެ އިތުރުން އިންޑިއާގެ ޓެސްޓް ގައުމީ ޓީމަށް ކުޅެފައިވާ ނަމަން އޮހްޖާ ވަނީ 27 ބޯޅައިން 18 ލަނޑު ހަދައިފަ އެވެ.

އެއާ އިންޑިއާ ޓީމުގައި ދެން ހިމެނުނު ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އާސާމާއި ނިއު ދިއްލީ ޓީމަށް ކުޅެފައިވާ ސުކްވިންދާ ސިންގާއި އައިޕީއެލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އަށް ކުޅޭ ސަޗިން ރާނާ އާއި ޓެސްޓް ކުޅެފައިވާ ނަރެންދްރާ ހިރްވާނީ އަދި ޖޫނިއާ ގައުމީ ޓީމަށް ކުޅެފައިވާ ރީތިންދާ ސިންގް ސޯދީ އެވެ.

ރާއްޖޭގެ ކޯޗު އާސިފް ހާން ބުނީ އެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ރާއްޖޭން ނެރުނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި ހަމައެކަނި މައްސަލައަކަށްވީ ތަޖުރިބާނެތުން ކަމަށެވެ. ކެޕްޓަން މުހައްމަދު މަހަފޫޒް ވެސް ފާހަގަކުރީ އެ މައްސަލަ އެވެ.

ރާއްޖޭގެ ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާ އެކު ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާ އެކު ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވަރަށް މޮޅަށް ކުޅުނު. ރާއްޖޭގެ ކްރިކެޓުގައި އުއްމީދެއް އޮތްކަން ދައްކުވައިދީފި. ވަރަށް ރަނގަޅު އެފޯޓެއް ކުޅުންތެރިން މިވަނީ ލާފައި. ތަޖުރިބާ ނެތިގެން ދިމާވި މައްސަލަތަކެއް. މިއީ މި ފެންވަރުގެ ކުޅުންތެރިންތަކާ ދެކޮޅަށް ކުޅުނު ފުރަތަމަ ފަހަރު. މިފަދަ ފުރުސަތުތަކާ އެކު ވަރަށް ބޮޑު ކުރިއެރުން ލިބޭނެ،" މަހަފޫޒް ބުންޏެވެ.

މި މެޗު ބައއްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި ކުރީގެ ކުޅުންތެރިން ހާޒިރުވެ އެވެ. އާއްމުންނަށް ވެސް ހުޅުވާލާފައި އޮތް މި މެޗު ބެލުމަށް ގިނައިން ވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނެވެ.