Roadha Mihaaru
މެލޭޝިއާ މުބާރާތަށް ކްރިކެޓް ޓީމު ފައިނަލްކޮށްފި

މެލޭޝިއާ މުބާރާތަށް ކްރިކެޓް ޓީމު ފައިނަލްކޮށްފި

13 ޖޫން 2019

މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން މިމަހު ބާއްވާ ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމު ފައިނަލްކޮށްފި އެވެ

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން މިމަހު ބާއްވާ ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމު ފައިނަލްކޮށްފި އެވެ

ދެކުނު އެފްރިކާގެ އާސިފް ޚާން ކޯޗުކޮށްދޭ ރާއްޖޭގެ ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި ތިން ރިޒާވް ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންނެވެ. ޓީމުގައި ސްރީ ލަންކާގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެ ގައުމެއްގައި ދިރިއުޅޭތާ ތިން އަހަރުވެފައިވާ ބިދޭސީންނަށް ވެސް އެ ގައުމެއްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ކްރިކެޓުގައި އޮވެ އެވެ. ރާއްޖޭގެ ކެޕްޓަނަކަށް މުހައްމަދު މަހަފޫޒް ހަމަޖައްސާފައިވާއިރު ވައިސް ކެޕްޓަނަކީ ޝަރްފާޒް ޖަލީލެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރުހުން ދީގެން ޖޫން 22-30 އަށް ކުއާލަމްޕޫރުގައި މުބާރާތުގައި ވާދަކުރާނީ ދުނިޔޭގެ ލެވެލް ތިނެއްގައި އޮތް މެލޭޝިއާ އާއި ރާއްޖެއާ ދާދި އެއް ފެންވަރެއްގެ ގައުމެއް ކަމަށްވާ ތައިލެންޑެވެ.

ރާއްޖޭން މެލޭޝިއާ އަށް އާދީއްތަ ދުވަހު ގޮސް 22 ވަނަ ދުވަހުގެ ނިޔަލަށް ތަމްރީން ހަދައި ތަމްރީން މެޗުތައް ކުޅޭނެ އެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މި މަހު 25 ގައި މެލޭޝިއާއާ ދެކޮޅަށް ނުކުތުމަށް ފަހު ދެ ވަނަ މެޗުގައި 26 ގައި ވާދަކުރާނީ ތައިލެންޑާ އެވެ. އަދި 28 ގައި މެލޭޝިއާއާ ދެކޮޅަށް ދެ ވަނަ މެޗު ކުޅުމަށް ފަހު ތައިލެންޑާ ދެކޮޅަށް ދެ ވަނަ މެޗުގައި ނުކުންނާނީ 29 ގަ އެވެ. ޗެމްޕިއަންކަން ލިބޭނީ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް ވިދާޅުވީ މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބިއްޖެ ނަމަ ރާއްޖެ އަށް ދުނިޔޭގެ ގަދަ 40 ގައުމުގެ ރޭންކިން އަށް ވަދެވި ކުރިއެރުން ވެސް ލިބޭނެ ކަމަށާއި ރާއްޖޭގެ ޓާގެޓަކީ ސީދާ ޗެމްޕިއަންކަން ކަމަށެވެ.

"މިއީ އިންޓަނޭޝަނަލް ޓީޓްވެންޓީ މުބާރާތެއްގެ ގޮތުގައި ކުޅޭ، އައިސީސީގެ ގްލޯބަލް ރޭންކިން ކުއަލިފައިން މުބާރާތެއް،" އަފްލާހު ވިދާޅުވި އެވެ.

ރާއްޖޭން ބައިނަލްއަގްވާމީ މުބާރާތަކާ ކުރިމަތިލަނީ އާ ސަރުކާރާ އެކު ކްރިކެޓަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ފަށާފައިވަނިކޮށެވެ. އެގޮތުން ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދާދި ފަހުން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއް ބައްލަވާލެއްވުމުގެ އިތުރުން ބީސީސީއައި އާއި އައިޕީއެލްގެ އިސް އޮފިޝަލުނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު، ރާއްޖޭގައި ކްރިކެޓް ފުޅާކުރުމަށް އެސެސްމަންޓެއް ހަދައި ސްޓްރެޓެޖިކް ޕްލޭނެއްގެ މަސައްކަތްކުރުމަށް ބީސީސީއައި ގެ ވަފުދެއް ރާއްޖެ ޒިޔާރަތްކުރި އެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ރާއްޖެ މިހާރު އޮތީ އޭޝިއާގެ މުބާރާތްތަކުގެ ކޮލިފައިން ލެވެލްގަ އެވެ. އޭޝިއާގެ މުބާރާތްތަކަކީ ޓެސްޓް ސްޓޭޓަސް އާއި ވަންޑޭ އިންޓަނޭޝަނަލް ސްޓޭޓަސް އަދި ކްރިކެޓް ވޯލްޑް ކަޕް ނެގުމަށް ފަހު އެންމެ މަތީ ލެވެލެވެ.

ގައުމީ ކްރިކެޓް ޓީމު:

މުހައްމަދު މަހަފޫޒް، އިބްރާހިމް ނަޝާތު، ހަސަން ހާޒިގް ރަޝީދު، އަހުމަދު އަމީލް މައުރޫފް، އާދަމް ނާސިފް އުމަރު، އަހުމަދު ހަސަން، މުއާވިއަތު އަބްދުލްގަނީ، ނިލާންތަ ކޫރޭ (ސްރީ ލަންކާ)، ހަސަން އިބްރާހިމް، ޖަނަކަ މަލިންދާ (ސްރީ ލަންކާ)، މުހައްމަދު ރިޝްވާން، ޝަފްރާޒް ޖަލީލް، ތަރަކަ (ސްރީ ލަންކާ)، ޗަންދަނާ (ސްރީ ލަންކާ).