Roadha Mihaaru
ސީނިއާ ކްރިކެޓް ކުޅުންތެރިންނާ މެދު ބޮޑު ބޭއިންސާފެއް؟

"ބޮޑު ބޭއިންސާފެއް"، ހުރިހާ އަދަބެއް ސީނިއާ ކުޅުންތެރިންނަށް؟!

27 އޮކްޓޯބަރ 2019

ސަރުކާރުން މުސާރަ ދީގެން ގައުމީ ސީނިއާ ކްރިކެޓް ޓީމުގެ 14 ކުޅުންތެރިން މި އަހަރު ފެށުނީއްސުރެ އައީ ގަވާއިދުން ފަރިތަކުރަމުންނެވެ. އެ ޓީމުން ޖޫން މަހު މެލޭޝިއާގައި އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ވެސް ހޯދި އެވެ. އާ ސަރުކާރުން އިންޑިއާއާ އެކު ބަދަހި ކުރި ގުޅުމާ އެކު ކްރިކެޓަށް ފަހިވި ފުރުސަތުތަކާ އެކު އެ ކުޅުންތެރިން ތިބީ ވަރަށް އުއްމީދުގަ އެވެ. އިންޑިއާ އިން ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމުމުންނާއި ހައި ޕާފޯމަންސް ސެންޓަރެއްގައި އެއް މަސް ދުވަހުގެ ތަމްރީން ހެދުމުގެ ފުރުސަތު ދިނުމުންނެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސަރުކާރުން މުސާރަ ދީގެން ގައުމީ ސީނިއާ ކްރިކެޓް ޓީމުގެ 14 ކުޅުންތެރިން މި އަހަރު ފެށުނީއްސުރެ އައީ ގަވާއިދުން ފަރިތަކުރަމުންނެވެ. އެ ޓީމުން ޖޫން މަހު މެލޭޝިއާގައި އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ވެސް ހޯދި އެވެ. އާ ސަރުކާރުން އިންޑިއާއާ އެކު ބަދަހި ކުރި ގުޅުމާ އެކު ކްރިކެޓަށް ފަހިވި ފުރުސަތުތަކާ އެކު އެ ކުޅުންތެރިން ތިބީ ވަރަށް އުއްމީދުގަ އެވެ. އިންޑިއާ އިން ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމުމުންނާއި ހައި ޕާފޯމަންސް ސެންޓަރެއްގައި އެއް މަސް ދުވަހުގެ ތަމްރީން ހެދުމުގެ ފުރުސަތު ދިނުމުންނެވެ.

އެ ފޯރީގައި ކުޅުންތެރިން ތައްޔާރުވަމުން އައީ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސް އަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ 23 އަހަރުން ދަށުގެ ޓީމުތައް ވާދަކުރާ މުބާރާތަކަށްވީ ނަމަވެސް، ރާއްޖެ އަކީ ޓެސްޓް ކްރިކެޓް ނުކުޅޭ ގައުމަކަށްވާތީ އޮލިމްޕިކް ކޮމިޓީގެ މަސައްކަތުން ރާއްޖޭގެ ސީނިއާ ޓީމަށް އެ ގޭމްސް އަށް ދެވޭނެ ފުރުސަތު އޭރު އޮތީ ފަހިވެފަ އެވެ. މެލޭޝިއާ މުބާރާތަށް ފަހު ޕްރެކްޓިސްތައް އަލުން ފަށަން ވެގެން ކުޅުންތެރިން އެއްކުރުމަށް ފަހު ކްރިކެޓް ބޯޑުން ބުނެފައި އޮތީ، ބޯޑުން ބޭނުންވަނީ ސައުތު އޭޝިއަން ގޭމްސްގެ ކުރިން އެ ގޭމްސް އަށް ތައްޔާރުވާން އިންޑިއާ ޓުއާގައި ދާ ގޮތަށެވެ. އެހެންވެ އެ ކަމަށް 45 ދުވަހު ޓީމު ކޭމްޕްކުރަން ޖެހޭތީ ކުޅުންތެރިން ތިބީ ވަޒީފާ އިން ރިލީޒް ވެސް ހޯދައިގެންނެވެ.

ދުނިޔޭގެ ކްރިކެޓުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި އަރަމުން އަންނަ އަފްގާނިސްތާނާ ވާދަކޮށްލުމަކީ ރާއްޖޭގެ ސީނިއާ ޓީމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ސީނިއާ ޓީމަށް އޮލިމްޕިކް ކޮމިޓީން ފުރުސަތު ހޯދައިދިނީ ވެސް އެހެންވެ އެވެ. އަދި އެ ގޭމްސްގެ ކުރިން އިންޑިއާގެ ޗެންނާއީގައި ހައި ޕާފޯމަންސް ޓްރެއިނިން ހަދާލުމަކީ އެ ކުޅުންތެރިންގެ ހުވަފެނެއް ހަގީގަތަކަށް ވުމެވެ.

އެކަމަކު ޗެންނާއީ ޓުއާ އަށް ދާން މިއަދު އެކުލަވަލައި ސްކޮޑުގައި ސީނިއާ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. މެލޭޝިއާ މުބާރާތުން ދެ ވަނަ ހޯދި ޓީމުގެ ކުޅުންތެރިޔަކު ނެތެވެ. މުޅިން ވެސް ތިބީ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

މިވީ ކިހިނެއް؟

ސީނިއާ ޓީމުގެ ކުޅުންތެރިން ތުހުމަތުކުރަނީ މިއީ، ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން ކުޅުންތެރިންތަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ބޯޑާ ދެކޮޅަށް އެ ކުޅުންތެރިން ތެދުވުމުން ދިން އަދަބެއް ކަމަށެވެ.

އާސިފް ޚާން: އޭނާގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުން.

އާސިފް ޚާން: އޭނާގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުން.

އާސިފް ޚާން ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން އެކަން ބޯޑުން އާއްމެއް ނުކުރެ އެވެ. މައްސަލައެއް ދިމާވެގެން އުޅޭކަން އާއްމުނަށް އެނގުނީ އޭނާ ފުރަން ގޮސް ހުއްޓާ އެއާޕޯޓުން ހައްޔަރުކުރުމުންނެވެ. އެ މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ކުޅުންތެރިން ބުނެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ބުނެފައިވެ އެވެ.

ކޯޗުގެ މައްސަލަ މިހާރު އަންނަނީ ފުލުހުން ތަހުގީގުކުރަމުންނެވެ. އެކަމަކު ސީނިއާ ކުޅުންތެރިން ދެކޭ ގޮތުގައި އެ މައްސަލައިގައި އަޑުއުފުލުމުން އެ ކުޅުންތެރިންނަށް ބޯޑުން މިވަނީ ނުސީދާކޮށް އަދަބު ދީފަ އެވެ. އެކަމަށް ބާރު ލިބެނީ ސީނިއާ ޓީމުގެ ޕްރެކްޓިސްތައް މިމަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ހުއްޓާލުމަށް އަދި ވެސް ފަށާފައިނުވުމުންނެވެ. ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) އޭރު ވިދާޅުވީ ޕްރެކްޓިސް މެދުކަނޑާލި އެއް ސަބަބަކީ މިވަގުތު ކޯޗެއް ނެތުން ކަމަށެވެ. އަނެއް ސަބަބަކީ އެންމެ އަވަހަށް ވާދަކުރަން އޮތް މުބާރަތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ރަސްމީ ތާރީހުތަކެއް ލިބިފައިނުވުމާއި އިންޑިއާ އިން ދީފައިވާ ތަމްރީން ދަތުރު ވެސް އެއްކޮށް ފައިނަލްނުވާތީ ކަމަށެވެ.

އެކަމަކު އެ ހުރިހާ ކަމެއް ކަށަވަރުވެ ޗެންނާއީ ޓުއާގެ ސްކޮޑް މިއަދު އިއުލާންކުރި އިރު ސީނިއާ ޓީމަށް ހިލަމެއް ނުވެ އެވެ. ސީނިއާ ޓީމުގެ ފަރާތުން ވާހަކަދެއްކި ކުޅުންތެރިޔަކު ބުނި ގޮތުގައި ސަރުކާރުން މުސާރަދީގެން އެ ކުޅުންތެރިން ގައުމީ ޓީމުގެ ނަމުގައި ތައްޔާރުވަމުން އަންނަނިކޮށް، މިގޮތަށް ލިބޭ މަތީ ފަންތީގެ ފުރުސަތެއް އެ ކުޅުންތެރިންނަށް ނުދިނުމަކީ ބޭއިންސާފެއް ކަމަށެވެ.

"ސަރުކާރުން މުސާރަ ދީގެން ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިންގެ ގޮތުގައި އަޅުގަނޑުމެން މިހާތަނަށް ތައްޔާރުވަމުން އައީ އަދި މެލޭޝިއާ އަށް ގޮސް ކާމިޔާބު ހޯދީ. އެ ހުރިހާ ހަރަދެއްކޮށް ތައްޔާރުވަމުން އައީ ސައުތު އޭޝިއަން ގޭމްސް އަށް ދާން. އަދި އޭގެ ކުރިން އިންޑިއާގައި މަތީ ފެންވަރުގެ ތަމްރީން ހަދަން. އެހެން އެކަން އޮއްވާ ކުއްލި ގޮތަކަށް ސީނިއާ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނާ ސީނިއާ ޓީމުގެ ނަމުގައި މި ގެންދަނީ ޖޫނިއާ ކުޅުންތެރިން،" އޭނާ ބުންޏެވެ.

"ސިލެކްޝަން ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު ބުނި ކަމަށް ވަނީ، ސީނިއާ ކުޅުންތެރިންގެ އަމަލުތައް ހުރި ގޮތުން އެ ކުޅުންތެރިން ގެންދަން ބޭނުންނުވެޔޭ. އެހެންވެ ސީނިއާ ކުޅުންތެރިންގެ ބަދަލުގައި ޖޫނިއާ ކުޅުންތެރިން ގެންދަނީ."

މި މައްސަލައިގައި "މިހާރު" އިން މިއަދު ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) އާ ސުވާލުކުރުމުން ވިދާޅުވީ އިންޑިއާގެ ޓުއާގެ ސްކޮޑް އަދި ނުނިންމާ ކަމަށައި އެކަން ނިންމާނީ ސިލެކްޝަން ކޮމިޓީން ކަމަށެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ ސްކޮޑާ މެދު އަދި ނުވިސްނާ ކަމަށާއި ގޮތް ނިންމާނީ ޗެންނާނީ ޓުއާގައި ކަމަށެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ބޯޑުގެ ފޭސްބުކް ޕޭޖުގައި ވަނީ ސްކޮޑް އިއުލާންކޮށްފަ އެވެ.

ސީނިއާ ޓީމުގެ ކުޅުންތެރިން ވަނީ މިކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ. ކޯޗުގެ މައްސަލައިގައި ބޯޑާ ދެކޮޅަށް ވާހަކަދެއްކުމުން، މުހިއްމު ފުރުސަތެއް ގެއްލުވާލުމަކީ އެ ކުޅުންތެރިން ދެކޭ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ. މިއީ ސަރުކާރުން ބޮޑު ހޭދައެއްކޮށް އެ ކުޅުންތެރިން ކުރިއަރުވަން ކުރި މަސައްކަތް ފެނަށް ދުއްވާލުން ކަމަށް ވެސް އެ ކުޅުންތެރިން ދެކެ އެވެ. މި ހުރިހާ ދުވަހު ބޮޑެތި އުއްމީދުތަކެއްކޮށް ކުރަމުން އައި މަސައްކަތް، މިފަދަ ގޮތަކަށް ބޭކާރުވުމުން އެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.