Roadha Mihaaru
ރާއްޖެ އިން އިންޑިއާގެ ކްރިކެޓް ޓީމަކާ އެކު މެޗުތަކެއް

ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން ރާއްޖެ އިން އިންޑިއާގެ ކްލަބަކާ އެކު މެޗުތަކެއް

05 ސެޕްޓެމްބަރ 2021

ކްރިކެޓުގެ ޓީ 20 ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅޭ މެޗުތަކަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމުން، އިންޑިއާގެ ކްލަބަކާ ދެކޮޅަށް ސިލްސިލާ މެޗުތަކެއް މާލޭގައި ކުޅެން ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްރިކެޓުގެ ޓީ 20 ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅޭ މެޗުތަކަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމުން، އިންޑިއާގެ ކްލަބަކާ ދެކޮޅަށް ސިލްސިލާ މެޗުތަކެއް މާލޭގައި ކުޅެން ހަމަޖައްސައިފި އެވެ.

ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު މުނާޒު ވިދާޅުވީ، އިންޑިއާ އިން މެޗުތަކެއް ކުޅެން އަންނަ ކްލަބުގައި އެ ގައުމުގެ ލޯކަލް މުބާރާތްތަކުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ހިމެނޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓީމު ރާއްޖެ ދަތުރު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ.

"ހުރިހާ ކަަމެއް މުޅިން ފައިނަލްވެ ނިމުނީމަ އަޅުގަނޑުމެން ހާމަ ކުރާނަން އިންޑިއާގެ ކޮން ކްލަބެއްކަން،" މުނާޒް ވިދާޅުވި އެވެ. "އިރާދަ ކުރެއްވިއްޔާ ވޯލްޑް ކަޕް ކޮލިފައިންއަށް ރާއްޖެ ފުރުމުގެ ކުރިން މާލޭގައި ފަސް ވަރަކަށް މެޗު ކުޅޭނަން. އެ ޓީމު ވެގެންދާނީ އިންޑިއާގެ ލޯކަލް ލެވަލްގައި ވަރުގަދަ ޓީމަކަށް. ކޮލިފައިންގެ ކުރިން ރާއްޖެ އަށް ރަނގަޅު ތަޖުރިބާ އަކަށް ވާނެ."

އޭޝިއާގެ ކްރިކެޓްގައި ރާއްޖެ ހިމެނެނީ، ހުޅަނގު އޭޝިއާ ޒޯންގަ އެވެ. އެ ޒޯންގައި ދެން ހިމެނޭ ގައުމުތަކަކީ ގަތަރު، ސައުދީ އަރަބިއާ، ކުވައިތު އަދި ބަހްރެއިން އެވެ. މި ޒޯންގެ ކޮލިފައިން މެޗުތައް ކުރިއަށްދާނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެމްއޯސީ

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެމްއޯސީ

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތައް

- އޮކްޓޯބަރު 23: ދިވެހި ރާއްޖެ - ސައުދީ އަރަބިއާ

- އޮކްޓޯބަރު 24: ގަތަރު - ދިވެހިރާއްޖެ

- އޮކްޓޯބަރު 27: ބަހްރެއިން - ދިވެހިރާއްޖެ

- އޮކްޓޯބަރު 28: ދިވެހިރާއްޖެ - ކުވައިތު

މި ޒޯންގެ ޓީ20 ކްރިކެޓް މުބާރާތުގައި 2019 ގައި ރާއްޖެ އިން ވަނީ އެ ގައުމުތަކާ ދެކޮޅަށް ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ. ރާއްޖެ އިން ވަނީ ކުރިން ސައުދީ އަރަބިއާ ބަލިކޮށްފަ އެވެ.

މިފަހަރުގެ ކޮލިފައިން މެޗުތަކަކީ ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު ރާއްޖެއިން ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް މެޗުތަކެވެ. ކުރިން ހަމަޖައްސާފައި އޮތީ ކޮލިފައިންއަށް ގަތަރަށް ފުރުމުގެ ކުރިން އިންޑިއާގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެކަންކުރަން އުނދަގޫތަކެއް ހުރިކަން މުނާޒު ފާހަގަ ކުރެއްވި އެވެ.

ޗެންނައީގައި ހުންނަ ޕްރިމިއަ ސެންޓަ ފޯ ސްޕޯޓްސް ސައިންސްގައި ހައިޕާފޯމަންސް ޓްރޭނިން ކޭމްޕެއް ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް ހަމަޖައްސާ ގޮތަށް ކުރިން ވެސް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އެކަން ވެސް މަޑުޖެހިފައި އޮތީ ކޮވިޑް-19 އާ ގުޅިގެންނެވެ.

އޭސީސީ ދެކުނު އިރުމަތީ އޭޝިއާގެ އިމާޖިން ނޭޝަންސް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން 2005 ގައި ހޯދިއރު، ޓީމުގެ މެނޭޖަރަކަން ކުރެއްވި އަލި މަނިކު (އަލިބެ) ވަނީ އަލުން ގައުމީ ޓީމުގެ މެނޭޖަރުކަމަށް ހަމަޖައްސައިފަ އެވެ. ކޮލިފައިން އަށް ގައުމީ ޓީމު ތައްޔާރު ވަމުން ދަނީ، ކުރީގެ ކެޕްޓަން ނީޝާމް ނާސިރުގެ ކޯޗުކަމުގެ ދަށުންނެވެ.