Roadha Mihaaru
ޒުވާން ކްރިކެޓް ކުޅުންތެރިންގެ ހުނަރު ފެނިއްޖެ: ރައީސް

ޒުވާން ކްރިކެޓް ކުޅުންތެރިންގެ ހުނަރު ފެނިއްޖެ: ރައީސް

16 ފެބުރުއަރީ 2019

އެއާ-އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު އިއްޔެ މާލޭގައި ކުޅުނު މެޗުން، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިގެން ހިނގައްޖެ ކަމަށާއި މިފަދަ ފުރުސަތުތައް އިތުރުކުރެވިއްޖެ ނަމަ ރާއްޖޭގެ ކްރިކެޓުގެ މުސްތަގުބަލް ވަރަށް އުޖާލާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެއާ-އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު އިއްޔެ މާލޭގައި ކުޅުނު މެޗުން، ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިގެން ހިނގައްޖެ ކަމަށާއި މިފަދަ ފުރުސަތުތައް އިތުރުކުރެވިއްޖެ ނަމަ ރާއްޖޭގެ ކްރިކެޓުގެ މުސްތަގުބަލް ވަރަށް އުޖާލާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެއާ-އިންޑިއާ އަށް ވިކެޓުން މޮޅުވި މެޗު ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންގެ ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންގެ، ނެޝަނަލް ޓީމުގެ ޒުވާން ކުޅުންތެރިންގެ ހުނަރު އަޅުގަނޑުމެންނަށް މިއަދު ފެނިގެން ހިނގައްޖެ. މިފަދަ ގިނަ މެޗުތަކެއްގެ ޕްރެކްޓިސް އަޅުގަނޑުމެންގެ ޓީމަށް ލިބިއްޖެއްޔާ ކުރިއެރުންތައް ލިބިގެންދާނެ ކަން މިއަދު ފެނިގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފާސްޓްބޯލަރު ހަސަން އިބްރާހިމް އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފާސްޓްބޯލަރު ހަސަން އިބްރާހިމް އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުގައި ރާއްޖެ އަށް ދިމާވީ ތަޖުރިބާގެ މައްސަލަ އެވެ. އެގޮތުން ވަރަށް ކުރީކޮޅު އޯޕަނިން ތިން ބެޓްސްމަނުން ނުބައިވީ އެވެ. އާއްމުކޮށް ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ކުރީ އޯވަރުތަކަކީ މެޗުގެ ތެރެއަށް ވަންނަން، ހަމަޖެހިލައިގެން ކުޅޭ އޯވަރުތަކެކެވެ. އެކަމަކު އިންޑިއާގެ ގައުމީ ޓީމާއި އެންމެ މަތީ ފަންތީގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުނު ފުރަތަމަ ފުރުސަތަށް ވުމުން، ކުޅުންތެރިންގެ ފޯރި ތަންކޮޅެއް ބޮޑުވީ އެވެ.

ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި އަހުމަދު ހަސަން އާއި 24 ލަނޑު ހެދި އާދަމް ނާސިފް އުމަރެވެ. ރާއްޖޭގެ އުމުރުން 18 އަހަރުގެ އަޒްޔާން ފަރުހަތު 20 ލަނޑު ހެދި އެވެ. އުކުންތެރިންގެ ތެރެއިން ފާސްޓްބޯލަރު ހަސަން އިބްރާހިމާއި ވާތު ސްޕިނާ އަދި ކެޕްޓަން މުހައްމަދު މަހަފޫޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް މަހަފޫޒްގެ ކުޅުން އިންޑިއާ ޓީމުން ވެސް ފާހަގަކުރި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިކަހަލަ ހިނަ މެޗުތަކެއް އިންތިޒާމްކޮށްގެން ކުޅެވޭނެ ގޮތް ހަދާނެ ކަމަށާއި ރާއްޖެއާ އަވަށްޓެރި ގައުމުތަކަކީ ކްރިކެޓުގެ އެންމެ ކުރީގައި ތިބި ގައުމުތައް ކަމުން އޭގެ ފައިދާ ހޯދިދާނެ ކަމަށެވެ.

"ސްރީ ލަންކާ ވިޔަސް، ޕާކިސްތާން ވިޔަސް، ބަންގްލަދޭޝް ވިޔަސް މިތިބީ ހަމަ އިންޓަނޭޝަނަލް ލެވެލްގެ (ގައުމުތައް). އެހެންވީމާ އެ ގައުމުތަކާ މިއޮތް ގުޅުމުގެ ތެރެއިން ރަނގަޅު މެޗުތަކެއް ލިބިއްޖެއްޔާ ރާއްޖޭގެ ކްރިކެޓުގެ މުސްތަގުބަލް ވަރަށް އުޖާލާކަމަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބެޓްކުރައްވަނީ. -- ފޮޓޯ: ހުސައިން ވަހީދު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބެޓްކުރައްވަނީ. -- ފޮޓޯ: ހުސައިން ވަހީދު

ރައީސް ސޯލިހަކީ ސްކޫލް ދައުރުން ފެށިގެން ކްރިކެޓަށް ލޯބިކުރެއްވި އަދި ކްލަބް ލެވެލްގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުއްވާފައިވާ ކުޅުންތެރިޔެކެވެ. އިއްޔެ މެންދުރުފަހު ރައީސްގެ ޓީމާއި އެއާ-އިންޑިއާ ޓީމު ބައްދަލުކުރި މެޗުގައި ރައީސް ކުޅުއްވި އެވެ.

އެއާ އިންޑިއާ ޓީމު ހަ ވިކެޓުން މޮޅުވި މި މެޗުގައި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގްގެ އުކުމަށް ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ ބެޓިން ޕާޓްނާޝިޕެއް ފެނިގެން ދިޔަ އެވެ. ޔުވްރާޖުގެ އުކުމުގައި، ފައިސަލް 13 ލަނޑު ހެއްދެވިއިރު ރައީސް ސޯލިހު ނުބައިނުވެ ތިން ލަނޑު ހެއްދެވި އެވެ.

"މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ރޭވި މި ހަރަކާތް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.