Roadha Mihaaru
ފަނޑިޔާރުގެ އިސްލާހު ކުރެވޭނެ، ބޭނުމީ އިހްލާސްތެރިކަން

ފަނޑިޔާރުގެ އިސްލާހު ކުރެވޭނެ، ބޭނުމީ އިހްލާސްތެރިކަން

21 ފެބުރުއަރީ 2019

މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ފަނޑިޔާރެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދެވި ޗެކް ރިޕަބްލިކަށް އުފަން ފަނޑިޔާރު އިވާނާ ރިލިކޯވާ ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ޖުޑިޝަރީންނެވެ. އެކަމަކު، އޭނާ ގަބޫލުކުރައްވާ ގޮތުގައި މުޅި މުޖުތަމައު ސަލާމަތް ކުރެއްވޭނީ ވެސް ފަނޑިޔާރުންނަށެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ފަނޑިޔާރެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދެވި ޗެކް ރިޕަބްލިކަށް އުފަން ފަނޑިޔާރު އިވާނާ ރިލިކޯވާ ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ޖުޑިޝަރީންނެވެ. އެކަމަކު، އޭނާ ގަބޫލުކުރައްވާ ގޮތުގައި މުޅި މުޖުތަމައު ސަލާމަތް ކުރެއްވޭނީ ވެސް ފަނޑިޔާރުންނަށެވެ.

ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ހެދި ދިރާސާތައް ދައްކާ ގޮތުގައި ރާއްޖޭގެ ފަނޑިޔާރުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަނާއި ސިޔާސީ ނުފޫޒެވެ. ޝަރުއީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް ކޮރަޕްޝަނެވެ. އެކަމަކު ޝަރުއީ ނިޒާމު މިނިވަންކޮށް، އެހެން ބައެއްގެ ނުފޫޒެއް ނެތި ފަނޑިޔާރުން މަސައްކަތް ކުރާ ގޮތް ހެދުމަކީ އެންމެންގެ ވެސް މިއަދުގެ އަމާޒެވެ.

ޝަރުއީ ދާއިރާ މިނިވަންކޮށް ހަރުދަނާ ކުރުމުގެ ވާހަކަ މި ފަހަކަށް އައިސް މާ ބޮޑަށް ދެކެވެން ފެށީ ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި އެހެން ވިދާޅުވުމުންނެވެ.

ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭ ގޮތުން ބޭއްވި ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައެއް ފަނޑިޔާރުންނާ ސަލާމްކުރައްވަނީ---. ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭ ގޮތުން ބޭއްވި ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައެއް ފަނޑިޔާރުންނާ ސަލާމްކުރައްވަނީ---. ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ ފަހުން، "އެޖެންޑާ 19" ނަމުގައި އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި ކަރުދާހެއްގައި ވެސް ޝަރުއީ ނިޒާމު ހަރުދަނާ ކުރުން އެބަ އޮތެވެ. އަދި ޝަރުއީ ނިޒާމު އިސްލާހުކޮށް، ހަރުދަނާ ކުރުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) އިން "ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ނަމުގައި މަހާސިންތާއެއް ބާއްވައި ހިޔާލު ހޯދުމަކީ އެ ދާއިރާ މިނިވަންކުރަން އެޅޭނެ ބާރެއް ކަމަށް ބައެއް މީހުން ބަޔަކު ގަބޫލުކުރެ އެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނުގެ ވެރިކަން ނަގަހައްޓާ ފަރާތަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ބާރެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދޭ ފަރާތަކީ ވެސް ޝަރުއީ ނިޒާމެވެ. އަނިޔާ ދިން ފަރާތްތަކަށް ހައްގު އަދަބު ދެނީ ވެސް ފަނޑިޔާރުންނެވެ. އެ ނިޒާމު މިނިވަން ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، ކަށަވަރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.

އިވާނާ ރިލިކޯވާ ސެޝަނެއް ނަންގަވައި ދެއްވަނީ. ---

އިވާނާ ރިލިކޯވާ ސެޝަނެއް ނަންގަވައި ދެއްވަނީ. ---

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގުގެ ޗާލްސް ޔުނިވަސިޓީން މަތީ ތައުލީމް ހާސިލްކުރެއްވި އިވާނާ، އެ މަހާސިންތާގައި ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަށް ހިމާޔަތް ލިބިގެންދާނީ މިނިވަން ޖުޑިޝަރީއެއް އޮވެގެންނެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށް އެންމެ މުހިންމު އެއް ކަމަކީ ގާބިލް، މުސްތަގިއްލު ފަނޑިޔާރުން އައްޔަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން އެ ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ނޯންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ..

"ޝަރުއީ ދާއިރާ މިނިވަންވުމޭ ބުނެވޭނީ އަމިއްލަ ތަޖުރިބާ އާއި ލިބިފައިވާ ހެއްކަށް ބަލާފައި ގޮތް ނިންމުން،" މަހާސިންތާގެ ސެޝަނެއް ނަންގަވައި ދެއްވަމުން އިވާނާ ވިދާޅުވި އެވެ.

ގާނޫނީ ބައެއް ވަކީލުން ފާހަގަކުރައްވާ ގޮތުގައި ފަނޑިޔާރުންނަށް މިއަދު މުހިންމީ އާ ގާނޫނުތަކެއް ނުވަތަ ގާނޫނުތަކަށް އިސްލާހު ގެނެސް ޖުޑިޝަރީ މިނިވަން ކުރުމެއް ނޫނެވެ. ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކަށް ފަނޑިޔާރުން އަމަލުކޮށް، ތަންފީޒު ކުރުމެވެ. އަދި ފަނޑިޔާރުންނަކީ އިހްލާސްތެރި ބަޔަކަށް ވެއްޖެ ނަމަ، މިހާރު އޮތް މައްސަލަތައް ވެސް ހައްލުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. ވަކީލުންގެ ނަޒަރުގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ ފަނޑިޔާރުން މަދީ އެވެ.

ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޖުޑިޝަރީ ނުވަތަ އެހެން ބަޔަކު އިސްނަގައިގެން ވިޔަސް، ޝަރުއީ ދާއިރާ އިސްލާހު ކުރަން ނުކުތުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އެކަމަކު ޝަރުއީ ނިޒާމު އިސްލާހު ކުރަން ވާނީ އެއް ކޯޓު، އަނެއް ކޯޓުގެ މައްޗަށް ނުފޫޒު ނުފޯރުވެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް، ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ސުޕްރީމް ކޯޓުގެ ބާރުގެ ދަށުން މިނިވަންކޮށް، މިނިވަންކަމާ އެކީގައި މަސައްކަތް ކުރެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކީ މަޖިލީހުން ހޮވާ މީހަކަށް ވާން ޖެހޭ،" ހިސާން ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތާ މެދު ކުރެވޭ ބަހުސް

ގާނޫނުއަސާސީގައިވާ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަން އެކުލެވިފައި އޮންނަ ގޮތުން ނަމަ، ގިނައީ ސިޔާސީ ބޭފުޅުންނެވެ. ޖޭއެސްސީ އަށް ލިބިގެންވާ ބައެއް މުހިންމު ބާރުތަކުގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ބަދަލުކުރުން ހިމެނެ އެވެ. އަދި ފަނޑިޔާރުން މަގާމުން ވަކިކުރަން ހުށަހެޅުމުގެ ބާރު ވެސް ލިބިގެންވެ އެވެ.

މަހާސިންތާގައި އެންމެ ބޮޑު ބަހުސެއް ކުރިއަށް ދިޔަ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތާ މެދުގަ އެވެ. ބައެއް މީހުންގެ ނަޒަރުގައި ޖޭއެސްސީ މިހާރު އެކުލަވާލާފައި އޮންނަ ގޮތުން، އެ ކޮމިޝަންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރަ އެވެ. އެކަމަކު، އެހެން ބައެއް މީހުން ފާހަގަކުރެއްވި ގޮތުގައި ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރާކަށް ނުފެނެ އެވެ.

ފަނޑިޔާރުންގެ ބޮޑު ދައުރެއް ޖޭއެސްސީގައި އޮންނަ ކަން ފާހަގަކުރައްވައި، ހިސާން ވިދާޅުވީ ޖޭއެސްސީ އެކުލަވައިލުމުގައި ފަނޑިޔާރުންގެ އަތެއް އޮތުމަކީ ޝަރުއީ ނިޒާމުގެ މިނިވަންވުމަށް އެޅޭ ހުރަހެއް ކަމަށެވެ. ޖޭއެސްސީ ބައްޓަންކޮށްފައި އޮތީ ބާރުގަދަ ސިޔާސީ ފަރާތްތަކުގެ ނުފޫޒު ވަންނަ ގޮތަށް ކަމަށް ވާތީ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖޭއެސްސީ އެކުލަވާލެވޭ ގޮތް ބަދަލު ގެނައުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޭއެސްސީގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި، ގާބިލް، ތައުލީމީ ބޭފުޅުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހަށް ވެސް ޖޭއެސްސީ އެކުލަވައިލެވިދާނެ. މަޖިލިސް ނޫން އެހެން މުއައްސަސާއެއް ނުފެނޭ ޖޭއެސްސީ އެކުލަވާލާނެ،" ސިޔާސީ ބައެއް ބޭފުޅުންގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވި ހިސާން ވިދާޅުވި އެވެ.

ނަމަވެސް ހިސާންގެ ވާހަކައާ ހިޔާލު ތަފާތުވާ ވަކީލަކު ވިދާޅުވީ ޖޭއެސްސީ އެކުލަވައިލަން އޮންނަ އޮނިގަނޑަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. އެގޮތުން ޖޭއެސްސީގައި މަޖިލިހުގެ ރުހުން ލިބިގެން އަންނަ ތިން ބޭފުޅަކާއި ތަންފީޒީ ބާރުތަކުގެ ފަރާތުން ތިން ބޭފުޅަކާއި ޝަރުއީ ކޯޓުތަކުގެ ފަރާތުން ތިން ބޭފުޅަކު ތިއްބަވާ އިރު، ވަކީލުންގެ ފަރާތުން ވެސް ބޭފުޅަކު ހުންނަވާ ކަމަށެވެ. މިހާ ހަމަހަމަކޮށް މެމްބަރުން ތިއްބެވުމަކީ މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް އެޅޭ ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުޑީޝަލް އިޔާ 2019" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައެއް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޖުޑީޝަލް އިޔާ 2019" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައެއް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުޑިޝަރީ އިސްލާހު ކުރުމުގެ ނިޔަތުގައި އެތައް ހިޔާލެއް!

ދަރުބާރުގޭގައި ދެ ދުވަހަށް ކުރިއަށް ދިޔަ ކޮންފަރެންސްގައި ޝަރުއީ ދާއިރާ އިސްލާހުކޮށް މިނިވަން ކުރާނެ ގޮތްތަކާ މެދު އިލްމީ ބަހުސްތަކާއި ހިޔާލުތައް ދީފައިވެ އެވެ. އެގޮތުން، ހިޔާލުތައް ދިން ބޭފުޅުންގެ ތެރޭގައި ބޭރުގެ ދެ ތަޖުރިބާކާރުންނާއި ބައެއް ފަނޑިޔާރުންނާއި ވަކީލުން ހިމެނިވަޑައިގަންނަވަ އެވެ. ޖުޑިޝަރީން މިހާރު ވަނީ އެބޭފުޅުންގެ ރައުޔު ހިމެނޭ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ.

މަހާސިންތާގައި ބައިވެރިވެ، ހިޔާލު ހުށަހެޅުއްވި ގިނަ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ޝަރުއީ ދާއިރާ އަށް ރައްޔިތުންގެ އިތުބާރު ހޯދައި ދިނުމަށް ކުރަން ޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރާއިރު، ކުރިއަރާފައިވާ ގައުމުތަކުގައި އެތަން އެކުލެވޭ ގޮތާއި މަސައްކަތް ކުރާ ގޮތް ދިރާސާ ކުރަން އެބޭފުޅުން އެދިވަޑައިގެންނެވި އެވެ.

ބައެއް ބޭފުޅުން ހުށަހެޅުއްވި ގޮތުގައި ފަނޑިޔާރުން ވަކިކުރުމާއި އައްޔަން ކުރުން މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހެ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރައްޔިތުންގެ މަޖިލިހުން ވަކިކުރުމުގައި އެ މަޖިލިހުގެ އަޣުލަބިއްޔަތު ބޭނުންވާ ގޮތަށް ހެދުން މުހިންމުކަން ފާހަގަކުރެއްވި އެވެ.

ރިޕޯޓުގައި ހިމެނޭ މުހިންމު ރިކޮމަންޑޭޝަންތައް:

- ޝައްކު އުފެދޭ ގޮތަށް ނިންމާފައި ހުރި މައްސަލަތައް ތަހުގީގު ކުރުން.

- ގާނޫނީ އޮނިގަނޑުގައި ހުރި މައްސަލަތައް ދެނެގަނެ ރަނގަޅު ކުރުން.

- ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން.

- ފަނޑިޔާރު ކަމަށް މީހުން ނެގުމުގައި ބަލާ މިންގަނޑުތައް ހަރުދަނާ ކުރުން.

- ފަނޑިޔާރުން ކޯޓުތަކަށް ބަދަލު ކުރާއިރު، ރުހުން އޮތްތޯ ކަށަވަރު ކުރުން.

- ޝަރުއީ ނިޒާމު ހަރުދަނާކޮށް ހިންގުމަށް އެކަށީގެންވާ ބަޖެޓެއް ދިނުން.

މީގެ އިތުރުން ފަނޑިޔާރުންގެ ކޯޑް އޮފް ކޮންޑަކްޓެއް އެކުލަވާލައި މިނިވަން މުސްތަގިއްލު ބާ އެސޯސިއޭޝަން ރާއްޖޭގައި ގާއިމު ކުރުމާއި އިތުބާރު ހިފޭ ޝަރުއީ ނިޒާމެއް ބިނާ ކުރުމަށް ގައުމީ ފެންވަރުގައި އިތުރަށް މަސައްކަތް ކުރުން ފަދަ ކަންކަން، ރިޕޯޓްގައި ހިމެނެ އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ކަމާ ގުޅޭ ދާއިރާގެ ބޭފުޅުންނަށް ތަމްރީން ދިނުން ވެސް، ކުރަން ޖެހޭ ކަންކަމުގެ ތެރެއަށް ވެއްދި އެވެ.

ބައެއް ބޭފުޅުން ފާޅުކުރެއްވި ހިޔާލުތަކުގެ ތެރޭގައި މައްސަލަތައް ބެލުމުގައި ފަނޑިޔާރުން ފަރުވާތެރިވާން ޖެހެ އެވެ. މައްސަލަތައް ބަލައި ނިންމުމަށް އެކަށީގެންވާ މުއްދަތެއް ހޭދަކުރަން ޖެހޭ އިރު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމުމަކީ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމަން ލާޒިމް ކުރުމާއި ނުނިންމާ ނަމަ، ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އަޅަން ބައެއް ބޭފުޅުން ގޮވާލެއްވި އެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކޯޓުތަކާ ދެމެދު އިލެކްޓްރޯނިކް ޕޯޓަލެއް ވީ އެންމެ އަވަހަށް ގާއިމު ކުރުމަށް ވެސް ބައެއް ބޭފުޅުން އެދިވަޑައިގެންނެވި އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އިއްވެވި ރިޕޯޓުގައި ވިދާޅުވީ އަދުލު އިންސާފުގެ މިނިވަންކަން ގާއިމްކުރުމަކީ ގާނޫނުގެ ހުކޫމަތު ލާޒިމް އަސާސެއް ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރަން އެންމެން އެދޭ އިރު، އެކަން ކުރަން ޖެހޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

"މިނިވަން ކަމުގެ ނަމުގައި ދައުލަތުގެ އެއްވެސް ބާރަކުން ނުފޫޒު ފޯރުވާ ގޮތަށް ނުވަތަ ނުފޫޒުތަކަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރުން ވެގެންދާނީ ރާއްޖޭގެ ގާނޫނުއަސާސީގެ ތެރޭގައި ގާއިމުކުރެވިފައިވާ ހަމަތަކުން ބޭރުން، އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ މިންގަނޑުތަކުން އެއް ފަރާތަށް ޖެހި، އަދުލުއިންސާފު ގާއިމުކުރުމުގެ ނިޒާމު އިތުރަށް ބަލިކަށި ކުރުވާ ކަމެއް ކަމުގައި ނޫނީ ނުވާނެ،" މަހާސިންތާ ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ހަސަން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމަކީ ދައުލަތުގެ އެންމެ މުހިންމު އަސާސް ކަމަށް ވީ އިރު، މިކަމުގައި އެއްވެސް ފަރާތަކުން އިހުމާލުވެ، ސިޔާސީ ކަމަކަށް ހަދައިފި ނަމަ، ދިވެހި ވަތަން ގައުމެއްގެ ގޮތުގައި އޮތުމަކީ ދުރު ކަމެއް ކަމަށް ވެދާނެ ކަމަށް ހުރިހާ ފަރާތްތަކުން ވިސްނަން ޖެހޭ ކަމަށެވެ.

ވަކީލުން އިއްތިފާގުވާ އެއް ކަމެއް އެބަ އޮތެވެ؛ ފަނޑިޔާރުން މަގާމުން މުސްކުޅި ކުރުން ފިޔަވައި ވަކި ކުރެވޭނީ އެކަށީގެންވާ ސައްހަ ސަބަބެއް އޮވެގެން ކަމެވެ. މީގެ އިތުރުން، ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލައި އެ ފަނޑިޔާރަކު ޖަވާބުދާރީ ކުރުވައި ހެދުމަކީ މުހިންމު ކަމެއް ކަމަށާއި ފަނޑިޔާރުންނާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވި އެވެ.

ޑީޖޭއޭ އިން ބުނީ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ޝަރުއީ ނިޒާމުގެ ތެރޭގައި އިސްލާހުކުރަން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އަމަލު ކުރަންވީ ގޮތްތައް ދެނެގަނެ، އެކްޝަން ޕްލޭނެއް ތައްޔާރު ކުރުން ކަމަށެވެ.

ދިވެހިން އެންމެ އިތުބާރު ނުކުރާ އެއް ބާރަކީ ޝަރުއީ ނިޒާމު ކަމަށް ވާ އިރު، ޑީޖޭއޭ އިން ތައްޔާރު ކުރި އެކްޝަން ޕްލޭން ތަންފީޒު ކުރުމަކީ އެ އިތުބާރު ބޮޑުވާނެ ކަމެކެވެ.