Roadha Mihaaru
ޝަރުއީ ދާއިރާގެ ކަންކަން ބެލުމުގެ ބާރު ކޮމިޓީ އަށް

ޝަރުއީ ދާއިރާގެ ބައެއް ކަންކަން ބެލުމުގެ ބާރު ޖުޑިޝަރީ ކޮމިޓީ އަށް

10 ޖޫން 2019

ފަނޑިޔާރުން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ދިނުމަށް ވަގުތީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފަނޑިޔާރުން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ދިނުމަށް ވަގުތީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުވާކުރި ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޖުޑިޝަރީ ކޮމިޓީއެއް ހަދައި އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ވަނީ ތަފްސީލްކޮށްފަ އެވެ.

އެގޮތުން ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބަލައި، ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. މީގެކުރިން ޝަރުއީ ދާއިރާގެ ބައެއް ކަންކަން ބެލުމުގެ ބާރު ދީފައި އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އެކަމަކު، މިއީ މިހާ ތަފްސީލްކޮށް، ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ގަވައިދުގައި ހިމެނި ފުރަތަމަ ފަހަރެވެ.

އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އެޓާނީ ޖެނެރަލް އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ކަންކަން ބެލުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެ އެވެ. އަދި މި ނޫން ވެސް ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން ބަލަން ހިމެނި އެވެ.

މީގެއިތުރުން ކޮމިޓީތަކުގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާގެ މެމްބަރުން ޖަވާބުދާރީ ކުރުވުމާއި އަހަރީ ރިޕޯޓު ހުށަހަޅާތޯ ބެލުމާއި ކޮމިޓީ އަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ލަފާ ދިނުމަކީ ވެސް ކޮމިޓީ އަށް ކުރެވިދާނެ ކަމެކެވެ.

ޝަރުއީ ދާއިރާއާ ގުޅުން ހުރި ބިލްތައް ދިރާސާކޮށް، ފުރިހަމަ ކުރުމަށް ފަހު، މަޖިލިހަށް ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމަކީ ވެސް ކޮމިޓީގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި މުއައްސަސާތަކަށް އައްޔަން ކުރުމަށް މަޖިލިހުން ރުހުން ދީފައިވާ ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރަން ޖެހޭ ބޭފުޅަކާ ގުޅޭ ގޮތުން މަޖިލިހަށް ލަފާ ދިނުން ވެސް ހިމެނެ އެވެ.

މަޖިލިހުގެ ވަގުތީ ކޮމިޓީން ވަނީ ދާއިމީ 16 ކޮމިޓީ އާއި ގާނޫނުއަސާސީގެ ދަށުން ހެދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މަސްއޫލިއްޔަތުތައް ވެސް ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި އަލަށް ހެދި ލާމަރުކަޒީ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ ހިމެނެ އެވެ.

މަޖިލިހުގެ ވަގުތީ ކޮމިޓީން ދާއިމީ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި ނަމަވެސް އެކަމާ މެދު މަޖިލިހުގައި ތަޅުމުގައި ގޮތެއް ނިންމަން ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި ކޮމިޓީގެ ރިޕޯޓަށް މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.