Roadha Mihaaru

މިފްކޯގެ އާ ސީއީއޯއަކަށް އިސްމާއިލް އައްޔަންކޮށްފި

އެސްޓީއޯގެ ދަށުން ހިންގާ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އިސްމާއިލް ފައުޒީ އިއްޔެ އައްޔަންކޮށްފި އެވެ.

މިފްކޯގެ އާ ސީއީއޯއަކަށް އިސްމާއިލް އައްޔަންކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

22 ފެބުރުއަރީ 2019

އެސްޓީއޯގެ ދަށުން ހިންގާ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އިސްމާއިލް ފައުޒީ އިއްޔެ އައްޔަންކޮށްފި އެވެ.

ގއ. ކޮލަމާފުށީ ރޯޝަނީގެ އިސްމާއިލް އަކީ މިފްކޯގައި 22 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ، މިފްކޯގެ ސީއީއޯއަކަށް ހަމަޖެއްސީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

އިސްމާއިލް، މިފްކޯގެ ސީއީއޯއަކަށް ހަމަޖެއްސިއިރު، އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ފާތިމަތު އާޝާން ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފަ އެވެ. އާޝާން އަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބުކޮށް ދިނުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އާޝާން މިފްކޯ އަށް ބަދަލުކުރިއިރު، އެސްޓީއޯގެ ޕްރޮކިއުމެންްޓް ޑިޕާޓްމެންޓުގެ އިސްވެރިއަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި އެނާޖީ އަދި ސްޓޭޕަލް ފުޑްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ރަމްޒީ އަބޫބަކުރު ވަނީ ވަޒީފާ އިން އިއްޔެ ވަކިކޮށްފަ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި ބައެއް މަގާމުތަކަށް ބަދަލު ގެނައީ އެސްޓީއޯގެ ހިންގުން ހަރުދަނާކުރަން އޮނިގަނޑަށް ގެނައި އިސްލާހުތަކަކާ ގުޅިގެންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ވެސް އެ ކުންފުނީގައި މަސައްކަތް ކުރެއްވި ހުސެއިން އަމްރެވެ.

ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯ އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. އެއާ އެކު، ކުރީގެ ސަރުކާރުގައި، ސިޔާސީ ކަންކަމުގައި އެސްޓީއޯގެ ދައުރު ބޮޑުކޮށް، ކުންފުންޏަށް ގެއްލުންވަމުންދާ ގޮތަށް އަމަލުކުރި ކަމުގެ ޝަކުވާ ވެސް ބޮޑުވި އެވެ.

އެކަންކަމުން އަރައިގަނެ، އެސްޓީއޯ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައިދާވާ ކުންފުންޏަށް ހެދުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ. ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އަމިއްލަ ވިޔަފާރިތަކަށް ގޮންޖެހުމަކަށް ނުވާނެ ފަދަ ގޮތަކަށް އެސްޓީއޯގެ ވިޔަފާރިތައް ބައްޓަން ކުރައްވާނެ ކަމަށް ވެސް އަމްރު ވިދާޅުވެފައި ވެ އެވެ.