Roadha Mihaaru
ޕީއެންސީ ޕްރައިމަރީން ފުރުސަތު ނުދިނުމުން ހޫނުވެއްޖެ

ޕީއެންސީ ޕްރައިމަރީން ފުރުސަތު ނުދިން މައްސަލަ ޒުވާބަކަށްވެ ހަމަނުޖެހުން ހިންގައިފި

22 ޖެނުއަރީ 2024

ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި އެ ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެ ބައެއް މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމި މައްސަލަ ހޫނުވެ ހަމަނުޖެހުމެއް ރޭ ހިންގައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި އެ ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެ ބައެއް މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމި މައްސަލަ ހޫނުވެ ހަމަނުޖެހުމެއް ރޭ ހިންގައިފި އެވެ.

އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ނިންމުމާ ގުޅިގެން ބައެއް ކެންޑިޑޭޓުންނާއި އެ މީހުންނަށް ސަޕޯޓްކުރާ މީހުން ރޭ ވަނީ ޕީއެންސީގެ އޮފީހަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އޮފީސް ތެރޭގައި ޒުވާބު ބޮޑުވެ ހަމަނުޖެހުން ވެސް ހިންގައިފައި ވެ އެވެ. ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ވެސް ޕާޓީއަށް ނުރުހުން ފާޅުކުރަމުންނެވެ.

ނަމަވެސް، ޕީއެންސީގެ އިސް ބޭފުޅަކު މިހާތަނަށް މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. ޕްރައިމަރީން ފުރުސަތު ނުދޭން ނިންމީ ކިތައް ކެންޑިޑޭޓުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕީއެންސީން ޕްރައިމަރީ އަށް އިއުލާންކުރީ ވެސް ހަރުކަށި ޝަރުތުތަކެއް މަތިކޮށް، ޓިކެޓް ދިނުމުގައި އެ ކަންކަމަށް ބަލާނެކަން ހާމަކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި އަބުރުވެރި، ނަޒާހަތްތެރި މީހަކަށް ވުމާއި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ ވަރާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ ވަރު އަދި ޕާޓީ އަށް ހިދުމަތް ކޮށްފައިވާ ވަރު ބެލުން ހިމެނެ އެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް ބައެެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި ނިންމުން ރިވިއު ކުރަން ހުށަހަޅަން ވެސް ބައެއް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް މީހުންނަށް ޕީއެންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

އެނގިފައިވާ ލިބިފައިވާ ގޮތުގައި އެންމެ ގިނަ މީހުންނަށް ސިޓީ ފޮނުވާފައިވަނީ އެ ސަބަބު ބަޔާންކުރުމަށް ފަހު، އެވެ. އެގޮތަށް ބަޔާންކޮށް ސިޓީ ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ޕްރައިމަރީ އަށް ޕީއެންސީއާ ގުޅުނު މީހުންނާއި ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީއާ ގުޅުނު މީހުންނެވެ.

އެހެން ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހި، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. އެގޮތަށް ސިޓީ ފޮނުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމާ ފެއަށް ޖެހިވަޑައިގެންނެވިއިރު، އެ މަނިކުފާނާ އެކު ތިއްބަވައި ފަހުން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި މީހުންނަށެވެ.

ޕީއެންސީ ބައެއް މީހުންނަށް ޕްރައިމަރީގެ ފުރުސަތު ނުދޭން ނިންމިއިރު، ޕްރައިމަރީގައި ވާދަކުރާ މީހުންނާ އެކު ވަރަށް ގިނަ އާންމު މެންބަރުން ވެސް އެ ޕާޓީއާ ގުޅިފައިވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރިއިރު 6،000 މެންބަރުންގެ ދަފުތަރެއް އޮތް، ޕީއެންސީގެ މެންބަރުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.