Roadha Mihaaru
މޯމޯ ޗެލެންޖަށް ސަމާލުވާތި، ނުރައްކަލެއް

މޯމޯ ޗެލެންޖަށް ސަމާލުވާތި، ނުރައްކަލެއް

28 ފެބުރުއަރީ 2019

އިންޓަނެޓްގެ ތެރެއިން މިހާރު ކުރިމަތި ނުވާ މައްސަލައެއް ނެތެވެ. އެހެންވެ މީގެ ނުރައްކާތަކުން ދަރިން ސަލާމަތް ކުރަން ބެލެނިވެރިން ކޮންމެވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެ އެވެ. އެހެން ނޫން ނަމަ ހީވެސް ވަރުގެ ހިތާމައަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނެޓްގެ ތެރެއިން މިހާރު ކުރިމަތި ނުވާ މައްސަލައެއް ނެތެވެ. އެހެންވެ މީގެ ނުރައްކާތަކުން ދަރިން ސަލާމަތް ކުރަން ބެލެނިވެރިން ކޮންމެވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެ އެވެ. އެހެން ނޫން ނަމަ ހީވެސް ވަރުގެ ހިތާމައަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

އިންޓަނެޓަށް ވަނުމުގެ ފުރުސަތު ކުދިންނަށް ދިނަސް ވާނުވާ ބަލާށެވެ. ކުދިން ކުރަނީ ކީއްތޯ، ބަލަނީ ކޯއްޗެއްތޯ ބަލަން ވާނެ އެވެ. މިކަމަކަށް އިތުރަށް ސަމާލުވާން ޖެހޭ ކަމެއް މި ދުވަސްވަރު ވަޓްސްއެޕާއި ޔޫޓިއުބް ކަހަލަ ޕްލެޓްފޯމްތައް މެދުވެރިކޮށް ދަނީ ހިންގަމުންނެވެ. އެއީ ކުޑަކުދިންނަށް އަމާޒުކޮށްގެން "މޯމޯ ޗެލެންޖް"ގެ ނަމުގައި ހިންގާ ހަރަކާތަކާ އެކުގަ އެވެ. މިއީ ކުޑަކުދިންނަށް އެ މީހުންގެ ނަފުސަށް އެކި ކަހަލަ ގެއްލުންތައް ދޭން ހިތްވަރު ދޭ ހަރަކާތެކެވެ.

އެކި ކަހަލަ މެސެޖިން އެޕްތަކުގެ ތެރޭގައި މި ޗެލެންޖުގެ ކަންތައް ބޮޑުވުމަށް ފަހު މިހާރު މިކަން ކުރާ ބަޔަކު އަންނަނީ ޔޫޓިއުބްގައި ކުޑަކުދިން ބަލާ ވީޑިއޯތަކުގެ ތެރެއަށް ވެސް މި "މޯމޯ" ވައްދަމުންނެވެ. އެގޮތުން، ފޯޓްނައިޓް އަދި ޕެޕަޕިގް ފަދަ މަގުބޫލު ވީޑިއޯތަކާ އެކު، މި ޗެލެންޖުގެ ތެރެއަށް ކުދިން ވައްދަ އެވެ.

މި ޗެލެންޖުގައި ކުދިންނަށް ހިތްވަރު ދެނީ އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ކަންކަން ކުރުމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސި ވިލާތުގައި ދެ ކުއްޖަކު މި ކަމުގެ ތެރޭގައި މަރުވި ކަމަށް ވެސް މިހާރު ވަނީ ބެލެވިފަ އެވެ.

"މޯމޯ ޗެލެންޖް"ގެ ނަމުގައި މި ކުޅޭ ކުޅިގަނޑު އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ސިފަ ހުތުރުކޮށް ހަދާފައި ހުރި ސޫރައަކުންނެވެ. ދެ ލޯ ނުކުމެ އަނގަޔާއި ނޭފަތް ވެސް އޭލިއަން ގޮތަށް ހުންނަ މޯމޯ އަށް ސަމާލުވާން ދުނިޔޭގެ ގައުމުތަކުން މިހާރު އަންނަނީ ގޮވައިލަމުންނެވެ. އަދި ބައެއް ގައުމުތަކުގެ ފުލުހުން ވެސް ވަނީ މޯމޯ ޗެލެންޖަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުގައި މިއީ ހެކަރުންތަކެއް އަޑީގައި ތިބެގެން މީސްމީހުންގެ މައުލޫމާތު ވެސް އެއްކުރަން ހިންގާ ޖަރީމާއެކެވެ. މި މައްސަލަ މިހާރު އެންމެ ބޮޑަށް ފާހަގަ ކުރެވިފައި އޮތް އަޔަލެންޑްގައި އަންނަނީ "މޯމޯ ޗެލެންޖް" އާ ދެކޮޅަށް ފުލުުހުން އިސްކޮށް ތިބެގެން މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.

އަނެއްޅުން ވަރަށް ގިނަ ބަޔަކު ދަނީ މި ޗެލެންޖަށް ކުދިން ހެއްލި، މީގެ އަވާގައި ޖެހެމުންދާތީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. އެގޮތުން "މޯމޯ ޗެލެންޖް" ގެ ތެރެއިން އަމިއްލަ އަށް މަރުވާން ހިތްވަރު ދިނުން ފަދަ ނުރައްކާތެރި ކަންކަން ކުރަން ކުދިންނަށް ހިތްވަރުދޭތީ، މިއީ އިންޓަނެޓަށް ދަރިފުޅު އެކަނި ދޫކޮށްލައިފައި ބައިންދަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.

ފުލުހުން ވަނީ މިކަމަށް ރައްކާތެރި ވެވިދާނެ ކަހަލަ ބައެއް އިރުޝާދުތައް ވެސް ހިއްސާކޮށްފަ އެވެ.

* ދަރިފުޅު އިންޓަނެޓަށް އެކްސެސްވޭތޯ ބެލުން

* ޒާތީ މައުލޫމާތުތައް ހިއްސާ ނުކުރަން ކުދިންނަށް ހަނދާންކޮށް ދިނުން

* މީސްމީހުން ބުނާހާ ކަންކަން ކުރަން ނުޖެހޭކަން ކުދިންނަށް އަންގައި ދިނުން

* ދަރިން އުޅޭނޫޅޭ ގޮތް ގާތުން ބެލުން

ދެހާސް ސަތާރަ ވަނަ އަހަރު ވެސް ހަމަ މިގޮތަށް ކުޑަކުދިންނަށް އަމާޒުކޮށްގެން "ބްލޫ ވޭލް" ގެ ނަމުގައި ވެސް ވަނީ ނުރައްކާތެރި ޗެލެންޖެއް ކުރިއަށް ގެންގޮސްފަ އެވެ. މިކަމަށް ސަމާލުވާން އިރުޝާދު ދޭ ފަރާތްތަކުން ބުނާ ގޮތުގައި މިކަހަލަ ކަންކަން ފުލުފުލުގައި ކުރިމަތިވާނެކަން ދެނެތިބެގެން، އިންޓަނެޓަކީ ކޮންޓްރޯލެއް ނެތް އެއްޗަކަށް ހަދައިގެން ނުވާނެ އެވެ. މުހިއްމީ ރައްކާތެރިކަމުެގ ފިޔަވަޅު އަޅައިގެން އިންޓަނެޓް ބޜނުން ކުރަން ހިތްވަރު ދިނުމެވެ.