Roadha Mihaaru
އާސަންދަ އަށް ބިލްކުރި އިރު މަކަރާއި ހީލަތް!

ހޮސްޕިޓަލްތަކުން އާސަންދަ އަށް ބިލްކުރި އިރު މަކާރާއި ހީލަތް، އެކަމަކު ފައިސާ ހުރީ ދައްކާފައި!

28 ފެބުރުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރުން ހޯދާ ސިއްހީ ފަރުވާ އަށް ހޮސްޕިޓަލްތަކުން ބިލްކުރާ އަދަދަށް ވުރެ އެތައް ގުނަ އިތުރަށް ބައެއް ހޮސްޕިޓަލްތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރުން ހޯދާ ސިއްހީ ފަރުވާ އަށް ހޮސްޕިޓަލްތަކުން ބިލްކުރާ އަދަދަށް ވުރެ އެތައް ގުނަ އިތުރަށް ބައެއް ހޮސްޕިޓަލްތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

"މިހާރު" އަށް ލިބިފައިވާ އެ ރިޕޯޓްގައި، ބޭރުގެ ހޮސްޕިޓަލްތަކުން ނުދޭ ޚިދުމަތްތަކަށް ބިލް ހަދައި ފޮނުވުމުން އާސަންދަ އިން ފައިސާ ދޫކުރުމާއި ހޮސްޕިޓަލްތަކުން ބިލް ކުރުމުގައި ބޭހާއި އެހެނިހެން ޚިދުމަތްތަކުގެ އަގު އެކަށީގެންވާ މިންވަރަކަށް ވުރެ ބޮޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. އާސަންދަ އިން ހޮސްޕިޓަލްތަކަށް އިތުރަށް ދޫކުރާ ފައިސާ އިން އެތަނުގެ އިސްވެރިންނާއި ހޮސްޕިޓަލްތަކުގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން ފައިދާ ނަގަމުންދާ ކަމަށް ހުށަހެޅި މައްސަލަ އޭސީސީން ވަނީ ތަހުގީގު ކޮށްފަ އެވެ.

އެ ތަހުގީގަށް ފަހު، އެކުލަވާލި ރިޕޯޓުގައި އޭސީސީން އެއް ކަމަކަށް ފާހަގަކޮށްފައި ވަނީ، ރާއްޖެ އިން ލިބެން ހުންނަ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާ މައްސަލަ އެވެ. އާސަންދަ އެހީގައި، ބޭރަށް ފޮނުވާ ގޮތަށް އުސޫލްގައި އޮންނަނީ، ރާއްޖެ އިން ލިބެން ނުހުންނަ ޚިދުމަތްތަކަށެވެ.

ރިޕޯޓުގައި ބުނީ ބިލްތަކަށް އިތުރަށް ފައިސާ ދައްކާ ކަމުގެ ތުހުމަތާ ގުޅިގެން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް އާސަންދަ ބިލްތައް ދިރާސާކުރި ކަމަށެވެ.

އެ މުއްދަތުގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހުނީ 1.4 މިލިއަން ޑޮލަރު (21.5 މިލިއަން ރުފިޔާ) އެވެ. އެކަމަކު، އެ ބިލްތަކަށް އާސަންދަ އިން ދެއްކީ 1،444،086 ޑޮލަރު (22.2 މިލިއަން ރުފިޔާ) އެވެ. އެއީ، ހަތަރު މަސް ދުވަހުގެ އެ ބިލްތަކުން އެކަނި ވެސް ދައުލަތަށް 43،520 ޑޮލަރު (671،078 ރުފިޔާ)ގެ ގެއްލުމެއް ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އެ ގެއްލުން ދައުލަތަށް ލިބުނީ، އާސަންދަ އިން ކަނޑައަޅާފައި އޮންނަ އުސޫލާ ޚިލާފަށް ހޮސްޕިޓަލްތަކުން ބިލް ހަދައި ފޮނުވުމުން ފައިސާ ދައްކާފައިވާތީ އެވެ.

އާސަންދަ އިން ބަލާ ބެލުންތަކަށް ފަހު، ހޮސްޕިޓަލްތަކުން ބިލް ހަދަން އޮންނަނީ، އާސަންދަ ކުންފުނިން ޑޮލަރު މާރުކުރަން ހުއްދަ ދޭ ރޭޓުންނެވެ. އެކަމަކު، އެ ރޭޓަށް ބެލުމެއް ނެތި ހޮސްޕިޓަލްތަކުން ބިލް ހަދައި ފޮނުވުމުން އާސަންދަ އިން ފައިސާ ދޫކޮށްފައިވެ އެވެ.

ބައެއް ހޮސްޕިޓަލްތަކަށް އިތުރަށް ފައިސާ ދޫކުރި މިންވަރު ވެސް ރިޕޯޓުގައި ވެ އެވެ.

އޭސީސީން ބުނިގޮތުގައި އިންޑިއާގެ ގަންގާ ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް ފޮނުވި ބިލަކަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަކީ 2،039 ޑޮލަރު (31،441 ރުފިޔާ) އެވެ. އެކަމަކު އެ ބިލަށް އާސަންދަ އިން 5،212 ޑޮލަރު (80،369 ރުފިޔާ) ދޫކުރި އެވެ. އެހެންވެ އެ ބިލުން އެކަނި ވެސް 48،928 ރުފިޔާ ދައުލަތަށް ވަނީ ގެއްލިފަ އެވެ.

މީގެއިތުރުން، ލަންކާ ހޮސްޕިޓަލުން ފޮނުވި 328 ޑޮލަރު (5،057 ރުފިޔާ)ގެ ބިލަކަށް އާސަންދަ އިން 1،441 ޑޮލަރު (22،220 ރުފިޔާ) އިތުރަށް ދެއްކި ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

"އާސަންދަ ކުންފުނިން ބަލި މީހާ އަށް ދީފައިވާ އޮތޮޒައިޒޭޝަން ލެޓާގައި ޚަރަދު ކުރުމަށް ހުއްދަ ދީފައިވާ އަދަދަށް ވުރެން ބޮޑުކޮށް ބައެއް ހޮސްޕިޓަލްތަކުން ބިލް ކޮށްފައި ހުންނަ ކަމާއި މިގޮތަށް ހުށަހަޅާ ބިލްތަކަށޤ ފައިސާ ދައްކާފައިވާ އިރު އިތުރަށް ކޮށްފައިވާ ޚަރަދަށް ދީފައިވާ ހުއްދަ ބިލާ އެކު އެޓޭޗްކޮށްފައި ނުހުންނަ ކަން ފާހަގަ ކުރެވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނީ ބައެއް ހޮސްޕިޓަލްތަކުން ބިލް ހުށަހަޅާ އިރު ޑޮކްޓަރުންގެ އުޖޫރައިގެ ގޮތުގައި ވެސް ބޮޑެތި އަދަދުތަކެއް ހިމަނާފައި ހުރެ އެވެ. އެކަމަކު ބިލްތަކުގައި އެއްވެސް ތަފްސީލެއް ނުހުންނަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލުގެ ބިލްތަކުން އޭސީސީ އަށް ފާހަގަވި އެއް ކަމަކީ، އެ ހޮސްޕިޓަލުން ބަލި މީހުން ހޯދާ ހަމައެކަނި ޚިދުމަތަކީ ލެބޯޓްރީ ޓެސްޓު ހެދުމެވެ. އެއީ، ރާއްޖެ އިން ކުރެވޭ ޓެސްޓުތަކެއް ކަން އިތުރަށް ބެލި ބެލުމުން ސާފުވި ކަމަށް އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.

އެ މައްސަލަތައް ހުރި ކަމުގައި ވި ނަމަވެސް އޭސީސީން ތަހުގީގު ނިންމާފައި ވަނީ އާސަންދަ ކުންފުނީގެ ނުވަތަ އެންސްޕާގެ އެއްވެސް މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ހޯދާފައި ނުވަތަ އެހެން ފަރާތަކަށް ހޯދައިދޭން ވެސް މަސައްކަތް ކޮށްފައިވާ ކަން ތަހުގީގަށް ހާޒިރުކުރި މީހުން ދިން މައުލޫމާތުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ނިންމާފައި އޮތީ، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްގެ ގޮތުގަ އެވެ.