Roadha Mihaaru
ހުޅުމާލޭގައި ހިނގާ ހާދިސާތައް ބެލުން ކައުންސިލަށް

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ހާދިސާތަކަށް ފިޔަވަޅު އަޅާނީ ސިޓީ ކައުންސިލުން

28 ފެބުރުއަރީ 2019

ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތުގައި ހިނގާ އެކްސިޑެންޓުތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތުގައި ހިނގާ އެކްސިޑެންޓުތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް ދީފި އެވެ.

މި ބަދަލު ގެނައީ މި މަހު 18 ވަނަ ދުވަހު ހުޅުމާލޭގެ ލޮޓް 10799 ގައި އައިއެންއެންއެފް ކޮންސްޓްރަކްޝަނުން ހަދަމުން ދާ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މަރުވި ބިދޭސީ މީހާއަށް ފިޔަވަޅު އަޅާނެ ފަރާތެއް ނިންމުމުގެ ގޮތުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ކުރިން އޮތް އުސޫލުގެ ދަށުން ހުޅުމާލޭގައި ހިނގާ މިކަހަލަ ހާދިސާތައް ބެލީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށެވެ. އަދި ފިޔަވަޅު އަޅަމުން އައީ ނެޝަނަލް ޕްލޭނިން މިނިސްޓްރީން ކަމަށާއި ނަމަވެސް މި ކަހަލަ ހާދިސާތަކުގައި މީގެ ފަހުން ފިޔަވަޅު އަޅާނީ މާލެ ސިޓީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅޭ ރިޕޯޓު ލިބުމުން އިމާރާތްކުރުމުގެ ގާނޫނާއި އެއާ ގުޅޭ ގަވާއިދުތަކުގައި ވާ ގޮތަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ އެވެ.

މިކަހަލަ މައްސަލަތަކުގައި 5،000ރ. އިން ފެށިގެން 500،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ދީފައި އޮވެ އެވެ.

"އަޅުގަނޑުމެންނަށް އެކަމާ ގުޅޭ ރިޕޯޓު ލިބުމުން އެކަށީގެންވާ ފިޔަވަޅު އަޅާނަން،" ޝަމާއު ވިދާޅުވި އެވެ.

މި ބަދަލު ގެނައުމުގެ ކުރިން މި މައްސަލަ ބަލަމުން އައި ޕްލޭނިން މިނިސްޓްރީން ބުނީ އެ ހާދިސާގެ ރިޕޯޓް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓު ސިޓީ ކައުންސިލަށް މިހާރު ފޮނުވާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.

މިދިޔަ ޑިސެމްބަރު މަހު މާލޭގައި ޑަބަލިއު ކޮންސްޓްރަކްޝަނުން ހަދަމުން އައި އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝް އަށް އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލާގައި މާލެ ސިޓީ ކައުންސިލުން ވަނީ އެ ކުންފުނި 500،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ހަ މީހަކަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓަށް ފޮނުވައިފަ އެވެ.