Roadha Mihaaru
އައިޔޫއެމުން ފައިސާ ޖަމާކުރުމުގައި މައްސަލަތަކެއް!

އިސްލާމިކް ޔުނިވާސިޓީން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްވި: އޮޑިޓް އޮފީސް

28 ފެބުރުއަރީ 2019

އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްވީ މައްސަލައެއް، އޮޑިޓް ރިޕޯޓްގައި ހާމަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްވީ މައްސަލައެއް، އޮޑިޓް ރިޕޯޓްގައި ހާމަކޮށްފި އެވެ.

އޮޑިޓް އޮފީހުން ނެރުނު އެ ޔުނިވާސިޓީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން އެ އަހަރު ބަލައިގަތް ފައިސާގެ ތެރެއިން 6.4 މިލިއަން ރުފިޔާ ގިނަ ދުވަސްތަކެއް ވަންދެން ބޭންކަށް ޖަމާނުކޮށް ބެހެއްޓި އެވެ. އޭގެ ތެރެއިން ދެ މިލިއަން ރުފިޔާ ބޭންކަށް ޖަމާކުރީ ތިން މަސް ދުވަސް ވަންދެން އިސްލާމިކް ޔުނިވާސިޓީގައި ބަހައްޓާފައިވާ ކަމަށް، ރިޕޯޓްގައިވެ އެވެ.

މިއީ ސަރުކާރުގެ ތަންތަނަށް ވަންނަ ފައިސާ ޖަމާކުރަން ކަނޑައަޅާފައި އޮންނަ އުސޫލާ ހިލާފު ކަމެކެވެ.

އިސްލާމިކް ޔުނިވާސިޓީއަށް ލިބޭ ފައިސާ އެއްކޮށް ޖަމާކުރުމުގެ ބަދަލުގައި ބައެއް ފަހަރަށް ޖަމާކުރަނީ އެއްބައި ކަން ވެސް އޮޑިޓް އޮފީހުން ބުނެ އެވެ.

އެ ޔުނިވަސިޓީގެ އޮޑިޓުން އެނގެން އޮތް އަނެއް މައްސަލައަކީ އައިޔޫއެމްގެ ދަތުރެއް ކެންސަލްވުމުން ޓިކެޓް ފައިސާ އަނބުރާ ދައްކާފައިނުވުމެވެ. އެގޮތުން އެ ދަތުރުގެ ޓިކެޓަށް އެ ޔުނިވާސިޓީން ވަނީ 88،000 ރުފިޔާ ހޭދަކޮށްފަ އެވެ. ދަތުރު ކެންސަލްވިޔަސް، ރިޕޯޓުން އެނގެނީ، އެ ފައިސާ އަނބުރާ ލިބިފައިނުވާ ކަމެވެ.

އޮޑިޓް ރިޕޯޓުގައި ވާ ގޮތުން އިސްލާމިކް ޔުނިވާސިޓީއަށް ފައިސާ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައެއް ނުވެ އެވެ. އެގޮތުން ފޮތް ވިއްކަން ކަނޑައަޅާވާ ރޭޓު ނޫން އެހެން އަގުތަކުގައި ވިއްކާފައިވާކަން ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އޮޑިޓް އޮފީހުން ބުނީ އައިޔޫއެމްގެ ހަރު މުދަލުގެ ރަޖިސްޓްރީ ވެސް އެންމެ ފުރިހަމައަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. ހިދުމަތާއި ތަކެއްޗަށް އެދޭ ފޯމު ތައްޔާރުނުކޮށް މުދާ ހޯދުމުގެ މައްސަލަ ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮޑިޓަރުން ބެލިބެލުމުން އެނގުނީ ހިދުމަތާއި ތަކެތި ހޯދަން ފޯމު ތައްޔާރުނުކޮށް 389،539 ރުފިޔާ ހޭދަކޮށްފައިވާކަމެވެ.

އޮޑިޓް ރިޕޯޓް ތައްޔާރުކުރި އަހަރު އެ ޔުނިވަސިޓީގެ ޗާންސެލަރުގެ ގޮތުގައި ހުންނަވައި، ޔުނިވަސިޓީ ދުވަހުން ދުވަހަށް ހިންގެވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭނާ އަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެވެ. ޔުނިވާސިޓީގެ މަގާމުން އިސްތިއުފާ ދެއްވީ، އިންތިހާބުން ބަލިވުމާ އެކު ނޮވެމްބަރު 15، 2018 ގަ އެވެ.