Roadha Mihaaru
އެއްމާބަނޑު ކުދިންގެ އުމުރު ދިގު

އެއްމާބަނޑު ކުދިންގެ އުމުރު ދިގު

28 އޯގަސްޓް 2016

އެއްމާބަނޑު ކުދިންގެ އުމުރު، އެހެން މީހުންނާ އަޅާބަލާއިރު ދިގު ކަމަށާއި މިކަމުގެ ސިއްރަކީ އެއްމާބަނޑު ކުދިންގެ މެދުގައި އޮންނަ ބަދަހި ގުޅުމަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެއްމާބަނޑު ކުދިންގެ އުމުރު، އެހެން މީހުންނާ އަޅާބަލާއިރު ދިގު ކަމަށާއި މިކަމުގެ ސިއްރަކީ އެއްމާބަނޑު ކުދިންގެ މެދުގައި އޮންނަ ބަދަހި ގުޅުމަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ އެއް ޖިންސުގެ، އެއްމާބާނޑު 2900 މީހެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. ދިރާސާގައި ބަލާފައި ވަނީ ޑެންމާކުގައި 1870 އިން 1900 އާ ދެމެދު އުފަންވެފައިވާ އަދި އުމުރުން 10 އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ތިބި ކުދިންގެ މައުލޫމާތެވެ. އަދި މި ކުދިންގެ އުމުރާއި ޑެންމާކުގެ އާންމު އާބާދީގެ އުމުރާ އަޅާކިޔާފައިވެ އެވެ.

ދިރާސާއިން ދެއްކި ގޮތުގައި އެއްމާބަނޑުގައި އުފަންވާ އެއް ޖިންސުގެ ކުދިންގެ އުމުރު، އެއްމާބަނޑުގައި އުފަންވާ ދެ ޖިންސުގެ ކުދިންނަށް ވުރެ ދިގެވެ. އަދި އެއްމާބަނޑުގައި އުފަންވާ ދެ ޖިންސުގެ ކުދިންގެ އުމުރު، އާންމު އާބާދީގެ އެވްރެޖް އުމުރަށް ވުރެ ދިގެވެ.

އެއްމާބަނޑު ފިރިހެނުން އުމުރުން 90 އަހަރު ވަންދެން ދުނިޔޭގައި ހުރުމަށް އޮންނަ ފުރުސަތު 90 ޕަސެންޓުގައި ހުރި އިރު ޑެންމާކުގެ އާންމު އާބާދީގައި ފިރިހެނަކު 90 އަހަރު ވަންދެން ދުނިޔޭގައި ހުރުމަށް އޮންނަ ފުރުސަތަކީ 84 ޕަސެންޓެވެ. އަދި އަންހެން އެއްމާބަނޑު މީހުން އުމުރުން 60 އިން މައްޗަށް ދާންދެން ދުނިޔޭގައި ތިބޭ މިންވަރު އާންމު އާބާދީއާ އަޅާބަލާއިރު 10 ޕަސެންޓް އިތުރު ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.

ޕްލޮސް ވަންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ މިއީ އެއްމާބަނޑު މީހުންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ސިއްހަތަށް ކުރާ ފައިދާތައް ހާމަކޮށްދޭ ދިރާސާއެއް ކަމަށެވެ.

"ވަރަށް ގާތްކޮށް، ހުރިހާ ވަގުތެއްގައި ވެސް އަޅާލުމާއި އެއްބާރުލުން ދޭ މީހަކު ހުރުމަކީ އެ މީހަކަށް ސިއްހީ ފައިދާތަކެއް ކުރާ ކަމެއް. މާއްދީ ގޮތުން އަދި ނަފްސާނީ ގޮތުން އެ މީހަކަށް ލިބޭ އިތުބާރުގެ ސަބަބުން ގިނަ ދުވަހު ދުނިޔޭގައި ހުރެވޭ ފަދަ ހާލަތެއް ގެނުވާ،" މި ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ޕޯސްޓްޑޮކްޓަރަލަށް ރިސާޗާ ޑޭވިޑް ޝެރޯ ވިދާޅުވެފައިވެ އެވެ.

ދިރާސާގައި ބުނެފައި ވަނީ ރަނގަޅު އެހީތެރިޔަކު ގާތުގައި ހުރުމަކީ ގޯސް އާދަތަކާ މީހާ ދުރުކުރުވާ އަދި ބަލިވުމުން ފަރުވާ ހޯދުމުގައި އެހީއަކަށްވާ ކަމަށެވެ. އެއްމާބަނޑު މީހުންގެ އުމުރު ދިގުވަނީ އެ މީހުންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށްވާ ނަމަ، އެއްމާބަނޑު ނޫނަސް އެގޮތަށް ގާތްގުޅުން ބާއްވާ މީހުންގެ އުމުރު ދިގުވާނެ ކަމަށް ބަލަންޖެހޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ރިސާޗަރުން ވަނީ ދުޅަހެޔޮ ސިއްހަތަކަށް އިޖުތިމާއީ ބަދަހި ގުޅުން މުހިންމުކަން މި ދިރާސާއިން ވެސް ހާމަވާކަން ފާހަގަކޮށްފަ އެވެ.