Roadha Mihaaru
ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން: ރައީސް

މަޖިލިހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން: ރައީސް

06 މާޗް 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅިގެން ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެމްޑީޕީ އަކީ ކެމްޕޭން ކުރަން ދަންނަ އަދި އިންތިޚާބުތައް ކާމިޔާބު ކުރަން ވެސް އެނގޭ ޕާޓީއެއް ކަމަށެވެ. މަޖިލިސް އިންތިޚާބުގެ 86 ދާއިރާ އަށް 'އެޖެންޑާ 19' ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕޭން ތަރުތީބުވެ އިންތިޒާމުވެ ކުރިއަށް ދާނެ ގޮތް އެމަނިކުފާނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެ ކެމްޕޭންގައި އަމަލީ ގޮތުން ފުރިހަމަ އަށް ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލް މީޑިއާ

އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލް މީޑިއާ

އިންތިހާބެއް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއް އިންތިޚާބާއި އަނެއް އިންތިޚާބު ވެސް ތަފާތުވާނެ ކަމަށެވެ. އެމްޑީޕީން ނުކުތީ، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރަން ޖެހޭ މަސައްކަތް ތަފާތު ކަން އެނގި ތިބެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކާމިޔާބު ކުރަން ކުރަންވީ ކަންތައްތައް. އެހެން ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން މި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ދެ އިންތިޚާބުގައި ވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އަދި އޮތީ ނެގޭ ގޮތް ނުވެފައި،" އަމީނިއްޔާ ސްކޫލްގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"އެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން މި ނުކުންނަނީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ތައްޔާރުވެގެން."

އެކަމަށް ކުރަން ޖެހޭ އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި، އެއް ޓީމެއްގެ ގޮތުގައި، އެއް އަމާޒަކަށް މަސައްކަތް ކުރުމެވެ.

ކޯލިޝަނަކުން އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާ އެކުގައި ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ވައުދުތައް ފުއްދަން ޖެހޭ ކަމަށެވެ. އެ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ މި ވައުދުތައް ގަބޫލުކުރާ، ތާއީދުކުރާ މެމްބަރުން،" ރައީސް ވިދާޅުވި އެވެ.

އެއާ އެކު، ރައްޔިތުންގެ މަޖިލިހުގެ ބާރުތަކުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އެމަަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހަކީ ސަރުކާރު ހުއްޓުމަކަށް ވެސް ގެނެވިދާނެ ބާރެކެވެ. އެގޮތަށް ސަރުކާރު ހުއްޓުވައިފި ނަމަ، ވައުދުތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ވިދާޅުވީ ކުރީގެ ސަރުކާރުން ފްލެޓް ދިން ގޮތް ބަލައި މި ސަރުކާރަށް ހައްލު ހޯދިދާނެ ކަމަށެވެ. އެކަމަކު އޭގެ އެންމެ މުހިއްމު ކަމަކީ، އެފަދަ ކަންކަން ހިންގި މީހުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް މަޖިލީސް ތެރެއިން ހޯދުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިހުމާލުވީ މީހުން ޖަވާބުދާރީ ކުރެވޭނެ ގާނޫނެއް ފާސްކުރަން ވިއަސް އެކަމަށް ތާއީދު ކުރާނެ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބަވަން ޖެހެ އެވެ. ވަޒީފާ އިން ވަކިކޮށްފައިވާ 500 މީހުންގެ މައްސަލަތައް ބަލައި ވަޒީފާ ދެވުނަސް މުހިއްމީ ނުހައްގުން އެ މީހުން ވަކިކުރި މީހުންނާ މެދު ފިޔަވަޅު އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީގެ މެމްބަރުންނަކީ ހޮވިއްޖެ ނަމަ މި ކަންކަމަށް މަޖިލިހުގައި ތާއީދުކުރާނެ މެމްބަރުން ކަން އަޅުގަނޑަށް ވަރަށް ސާފު،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅު ނިންމަވައިލައްވަމުން މިރޭ ވިދާޅުވީ، "އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރެއް" ކަމަށާއި "އަޅުގަނޑަކީ ތިޔަބޭފުޅުންގެ ކެމްޕެއިން ގައި ބައިވެރިވެ ހުރި މީހެއް" ކަމަށެވެ.