Roadha Mihaaru
ވަކީލުންގެ ބިލް ވެސް އެންމެ ފަހުން ތާށިވެފައި؟!

ވަކީލުންގެ ބިލް ވެސް އެންމެ ފަހުން ތާށިވެފައި؟!

13 މާޗް 2019

ރިޔާސީ ކޮމިޝަން ބިލުގެ ވާހަކަ ގިނަ ބަޔަކަށް އަލެއް ނުވާނެ އެވެ. އާ ސަރުކާރުގެ ރިޔާސީ ބޮޑު ވައުދެއް ފުއްދުމަށްޓަކައި އުފެއްދި ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުގެ މައްސަލަ، އާ ސަރުކާރަށް ތިން މަސް ހަމަވިއިރު ވެސް ކޮޅެއްގައި ނުޖެހުނެވެ. އެކި ފަހަރު އެކި ސަބަބުތަކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ ކޮމިޝަން ބިލުގެ ވާހަކަ ގިނަ ބަޔަކަށް އަލެއް ނުވާނެ އެވެ. އާ ސަރުކާރުގެ ރިޔާސީ ބޮޑު ވައުދެއް ފުއްދުމަށްޓަކައި އުފެއްދި ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުގެ މައްސަލަ، އާ ސަރުކާރަށް ތިން މަސް ހަމަވިއިރު ވެސް ކޮޅެއްގައި ނުޖެހުނެވެ. އެކި ފަހަރު އެކި ސަބަބުތަކެވެ.

އެންމެ ފަހުން، ވަކީލުންގެ ބިލަށް ވެސް މިވީ އެފަދަ ގޮތެކެވެ.

ވޯޓަށް އެހޭ މިންވަރަށް މެމްބަރުން ހާޒިރު ނުވެގެން އުޅުމަށް ފަހު އެންމެ ފަހު ވަގުތު ވަކީލުންގެ ބިލް ވެސް ކޮމެޓީ މަރުހަލާއަށް އަނބުރާ ފޮނުވާލީ އެ ބިލް އަވަހަށް ފާސްކުރަން އެތައް ވަކީލުންނެއް ގޮވާލަމުން ދަނިކޮށެވެ. ބިލް އަނބުރާ ފޮނުވާލީ ގާނޫނު އަސާސީއާ ޚިލާފް ބައެއް ކަންތައްތައް ހުރިކަން ފާހަގަވި ކަމަށް ބުނެ އެވެ. އެކަމަކު ކޮމެޓީ މަރުހަލާގައި އާންމުންނާއި އެކި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ފަހު އެކި ބަދަލުތައް ބިލަށް ގެނެސްފައިވެ އެވެ.

އެ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލި ސަބަބުތަކުގެ ތެރެއިން ފާހަގަކުރާ އެއް ކަމަކީ ވަކީލުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރު ލަތީފާ ގާސިމްގެ ދައުރު ހަމަވުމުގެ ކުރިން އޭނާގެ މެމްބަރުކަން ގެއްލޭ ގޮތަށް އޮތުމެވެ. އެ ބިލް އޮތް ގޮތުން އެ ބިލް ގާނޫނަކަށް ވުމާ އެކު ލަތީފާގެ މެމްބަރުކަން ގެއްލި، ވަކީލުންގެ ފަރާތުން އާ މެމްބަރަކު ޖޭއެސްސީއަށް ހޮވުމަށް ވަކި މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެ އެވެ.

ގާނޫނު އަސާސީގެ 161 ވަނަ މާއްދާގެ ހ. ބުނާ ގޮތުން ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެމްބަރަކީ ފަސް އަހަރުގެ ދައުރަކަށް އިންތިޚާބު ކޮށްފައިވާ މެމްބަރެއް ކަމަށް ވާއިރު، ލަތީފާގެ ޖޭއެސްސީގެ މެމްބަރު ކަމުގެ އެ ދައުރު ހަމަވަނީ އަންނަ ނޮވެމްބަރު މަހަށެވެ. އެހެންވެ، އެ ބިލް އޮތް ގޮތުން ގާނޫނު އަސާސީގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ޖޭއެސްސީގެ މެމްބަރަކު މަގާމުން ވަކިވެގެންދެ އެވެ.

އެކަމަކު ކޮމެޓީ މަރުހަލާގައި އެ ބިލުގެ މަސައްކަތް ކުރަމުން ދިޔައިރު އެ މައްސަލަ ފާހަގަނުކޮށް ތިބުމަށް ފަހު ބިލް ތަޅުމާ ހަމައަށް ދިއުމުން އެތައް ފަހަރަކު އެޖެންޑާކޮށް އަނބުރާ ކޮމެޓީއަށް ފޮނުވާލި ސަބަބާ މެދު ސުވާލު އުފެދެ އެވެ. ކޮމެޓީ މަރުހަލާގައި އާންމުންގެ ޚިޔާލަށް ހުޅުވާލައި، ބަންޑާރަ ނައިބާއި ގާނޫނީ ބޭފުޅުންގެ ޚިޔާލު ވެސް އެ ބިލަށް ހޯދައި، ބިލަށް ބަދަލުތައް ގެންނަމުން ދިޔައިރު އެކަން އޭރު އިސްލާހު ނުކުރީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

ރާއްޖޭގެ އިސް ވަކީލުންތަކެއް ސުޕްރީމް ކޯޓުން ނުކުންނަނީ: ވަކީލުންގެ ކަންބޮޑުވުންތައް ގިނަ -- ފޮޓޯ/މިހާރު

ރާއްޖޭގެ އިސް ވަކީލުންތަކެއް ސުޕްރީމް ކޯޓުން ނުކުންނަނީ: ވަކީލުންގެ ކަންބޮޑުވުންތައް ގިނަ -- ފޮޓޯ/މިހާރު

ރިޔާސީ ކޮމިޝަންގެ ބިލެކޭ އެއްގޮތަށް، ވަކީލުންގެ ބިލުގެ ވެސް ވެގެން ދިޔައީ ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ކަމަކަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތުހުމަތުގެ އިނގިލި އަމާޒު ކުރެއްވިއިރު، ގާސިމް ގެންދަވަނީ އެ ބިލު މިހާރު އޮތް ގޮތަށް ފާސް ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ވަކީލުންގެ ގާނޫނެއް ވުޖޫދުވުމަކީ މިއަދާ ހަމައަށް ވެސް ގާނޫނީ ދާއިރާ އާއި ވަކީލުން އެންމެ ބޮޑަށް އެދެމުން ދިޔަ އެއް ކަމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ގާނޫނެއް ނެތުމުން ވަކީލުންގެ ސީދާ ބައިވެރިވުމެއް ނެތި، ވަކީލުންގެ ކަންކަން އެކި ދުވަސްވަރު އެކި މުއައްސަސާތަކުން ރެގިއުލޭޓް ކުރަމުން ދިއުމާއި ވަކީލުންނާ މެދު ކުއްލިއަކަށް އެޅިގެންދާ ފިޔަވަޅުތަކަކީ ވަކީލުން ފާޅު ކުރަމުން އަންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އެކަމަށް ހައްލެއް ގެެންނަން ވަކީލުން އަމިއްލައަށް ރެގިއުލޭޓްކުރާ ބާ ކައުންސިލެއް އުފެދެން އޮތީ މިހާރު މަޖިލީހުގައި އޮތް ގާނޫނީ ޚިދުމަތުގެ ބިލް ފާސްވެގެންނެވެ.

އެތައް އަހަރެއް ވަންދެން ގިނަ ވަކީލުން އެދިއެދި ތިބި އެ ބިލް އަނެއްކާވެސް ލަސްކުރުމުން ގިނަ ވަކީލުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެ ބިލް އަނބުރާ ފޮނުވާލީ ވަކީލުން އަމިއްލައަށް ރެގިއުލޭޓްކުރާ ބާ ކައުންސިލެއް އުފައްދަން ހުރަސް އެޅުމުގެ ގޮތުންނެވެ. އަދި އެކި ސަބަބުތައް ދައްކައިގެން ބިލް ފާސްވިޔަ ނުދޭން މަސައްކަތް ކުރަނީ ކަމަށް ވެސް ބައެއް ބޭފުޅުން ތުހުމަތު ކުރެ އެވެ.

"އެންމެ ވަކީލެއް މަގާމުގައި ބެހެއްޓުމުގެ ބޭނުމުގައި އެހެން ހުރިހާ ވަކީލުންގެ ހައްގު ހިފެހެއްޓުމަކީ މުޅި ޕްރޮފެޝަނަށް ގޮންޖެހުން،" ވަކީލް ހިސާން ހުސައިން ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށަހެޅުއްވި މެމްބަރު އަދި އެ ބިލް ދިރާސާކުރާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ވެސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުން އެ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލީ ގިނަ ފަރާތްތަކެއްގެ ޚިޔާލު ކޮމެޓީ މަރުހަލާގައި ހޯދައި، ބިލަށް އެކި ބަދަލުތައް ވެސް ގެނައި ފަހުންނެވެ. އަދި އެ ބިލް ކޮމެޓީއަށް އަނބުރާ ފޮނުވާލީ އެ ބިލް ފާސްވިޔަ ނުދޭން ބައެއް ބޭފުޅުން ބޭނުންވާތީ ކަމަށް ވެސް އޭނާ ތުހުމަތުކުރައްވަ އެވެ.

އެކަމަކު އޭނާ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ލަތީފާގެ ދައުރު ހަމަވުމުގެ ކުރިން އޮޓަމެޓިކުން އޭނާގެ މެމްބަރުކަން ގެއްލޭ ގޮތަށް އެ ބިލުގައި އޮތް އޮތުން ބަދަލުކުރަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް ކޮމެޓީ މަރުހަލާގައި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓަ ޖެނެރަލަށް ޓާގެޓް ކޮށްގެން އޮޑިޓަ ޖެނެރަލްގެ މަގާމު ގެއްލޭ ގޮތަށް ކުއްލިއަކަށް މާއްދާއެއް ފާސްކުރި ކުރުމަށް އޭރު އަޅުގަނޑުމެން ދެކޮޅުހަދަމުން ދިޔައިން. މިހާރު ވެސް އަޅުގަނޑުމެން ހަދާ ގާނޫނަކުން މީހެއްގެ މަގާމު ކުއްލިއަކަށް ގެއްލޭ ގޮތަކަށް އަޅުގަނޑުމެންގެ ތާއީދެއް ނެތް. އެހެން ނަމަވެސް އުސޫލީ ބަދަލުތަކެއް ގެންނަން ބޭނުންވީ،" އިންތި ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ރިޔާސީ ކޮމިޝަންގެ ބިލަށް ފަހު މިހާރު ހުރި ބިލްތަކުގެ ތެރެއިން އެންމެ މުހިންމު ބިލަކީ ޔަގީނުން ވެސް ގާނޫނީ ޚިދުމަތުގެ ބިލެވެ. އެކަމަކު މިހާރު ކަން ހިނގަމުން ދާ ގޮތުން، ރިޔާސީ ކޮމިޝަންގެ ބިލަށް ވެގެން ދިޔަ ގޮތް ގާނޫނީ ޚިދުމަތުގެ ބިލަށް ވެސް ވެގެން ދަނީތޯ، މިއީ އުފެދޭ ސުވާލެކެވެ. އެހެން ކަމަށް ވާ ނަމަ ރަނގަޅު ބަދަލުތަކަށް ރައްޔިތުންގެ މަޖިލިހުން އަނެއްކާވެސް އަޅަމުން އެދަނީ ހުރަހެވެ.