Roadha Mihaaru
"ކެޕްޓަން މާވެލް" އަށް އާމްދަނީގެ ރެކޯޑެއް

"ކެޕްޓަން މާވެލް" އަށް އާމްދަނީގެ ރެކޯޑެއް

14 މާޗް 2019

ބަތަލާއަކު ލީޑް ރޯލް ކުޅުނު ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބޮކްސް އޮފީހުގައި ރިލީޒް ކުރި ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު މި މަހުގެ 8 ގައި ރިލީޒް ކުރި ބްރީ ލާޒަންގެ ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" އިން ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާއަކު ލީޑް ރޯލް ކުޅުނު ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބޮކްސް އޮފީހުގައި ރިލީޒް ކުރި ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު މި މަހުގެ 8 ގައި ރިލީޒް ކުރި ބްރީ ލާޒަންގެ ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" އިން ހޯދައިފި އެވެ.

ރިލީޒް ކުރި ހަފުތާ ބަންދުގައި މި ފިލްމަށް ވަނީ 455 މިލިއަން ޑޮލަރުގެ އާމްދަނީއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބިފަ އެވެ. އަދި އުތުރު އެމެރިކާ އިން ހަފުތާ ބަންދުގައި ފިލްމަށް 153 މިލިއަން ޑޮލަރު ލިބިފައިވާ އިރު، ބޭރުގެ މާކެޓްތަކުން ވަނީ 302 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފަ އެވެ.

މި ވިޔަފާރިއާ އެކު މާވެލް އާއި ޑިޒްނީގެ "ކެޕްޓަން މާވެލް" ވަނީ 2017 ގައި ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް" އަށް ފަހަތަށް ޖައްސާލައި، ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް އެމެރިކާ އިން ބޭރުން ހޯދި ފަސް ވަނަ ފިލްމުގެ މަގާމު ވެސް ކަށަވަރުކޮށްފަ އެވެ.

މި ފިލްމަކީ އަދި ޑިޒްނީ އާއި މާވެލް ގުޅިގެން ބަތަލާއަކު ލީޑްގައި ހިމަނައިގެން މާވެލްގެ ސިނަމެޓިކް ޔުނިވާސް އަށް ގެނެސް ދިން ފުރަތަމަ ސުޕަހީރޯ ފިލްމުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

އަނާ ބޯޑެން އާއި ރަޔަން ފްލެކް ޑައިރެކްޓްކޮށްފައިވާ "ކެޕްޓަން އެމެރިކާ" އަށް ބުދަ ދުވަހާ ހަމަށް އެމެރިކާ އާއި އެމެރިކާ އިން ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ މިހާރު 490 މިލިއަން ޑޮލަރަށް ވަނި އަރައިފަ އެވެ. މި ފިލްމު ހަދަން ހަރަދުކޮށްފައި ވަނީ 152 މިލިއަން ޑޮލަރެވެ.

އަންހެން ތަރިން ލީޑް ކުރާ ފިލްމުތަކަކީ މިހާރު ބޮކްސް އޮފީހުގައި ބޮޑުތަނުން ކުރިއެރުން ހޯދަމުން އަންނަ ފިލްމުތަކެއްކަން 2017 ގައި ރިލީޒް ކުރި "ވޮންޑަ ވުމަން" އިން ވެސް ވަނީ ސާބިތުކޮށް ދީފަ އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު ފިލްމުގެ ދެވަނަ ބައި ވެސް އަންނަ އަހަރު ގެނެސް ދޭނެ އެވެ.