Roadha Mihaaru
"މޯދީ" ގެ ނަމުގައި ވެބް ސީރީޒެއް ވެސް ގެންނަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދިއާ ބެހޭ "ވެބް ސީރީޒެއް ވެސް ހަދަން ފަށައިފި

14 މާޗް 2019

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމެއް "ޕީއެމް ނަރެންދުރަ މޯދީ" ގެ ނަމުގައި ހަދަމުން އަންނަނިކޮށް، "މޯދީ" ގެ ނަމުގައި ވެބް ސީރީޒެއްގެ މަސައްކަތް ވެސް ފަށައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމެއް "ޕީއެމް ނަރެންދުރަ މޯދީ" ގެ ނަމުގައި ހަދަމުން އަންނަނިކޮށް، "މޯދީ" ގެ ނަމުގައި ވެބް ސީރީޒެއްގެ މަސައްކަތް ވެސް ފަށައިފި އެވެ

މަޝްހޫރު ފިލްމު ކުންފުނި އިރޯސް ނައު އާއި ބެންޗްމާކް ޕިކްޗާޒުން ގުޅިގެން ހަދާ މި ވެބް ސީރީޒްގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރު ދެބަފައިންގެ ރޯލުން ފެނިގެން ދިޔަ "100 ނޮޓް އައުޓް" ގެ ޑައިރެކްޓަރު އުމޭޝް ޝުކްލާ އެވެ. އޭނާއަކީ 2012 ގައި ރިލީޒް ކުރި އޯ މައި ގޯޑް (އޯއެމްޖީ) އާއި 2015 ގައި ރިލީޒްކުރި "އޯލް އިޒް ވެލް" ގެ ވެސް ޑައިރެކްޓަރެވެ.

"މޯދީ" އަކީ 10 އެޕިސޯޑް ހިމެނޭ ވެބް ސީރީޒެކެވެ. އަދި މީގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

މީގައި މޯދީގެ އުމުރުން 12 އަހަރުން ފެށިގެން، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ކުރެއްވި ދަތުރު ދައްކުވައި ދޭނެ އެވެ. އަދި ވެބް ސީރީޒުން މޯދީގެ ތިން ދައުރެއް ތިން އެކްޓަރަކު ކުޅޭނެ އެވެ. އެއީ ފައިސަލް ހާން، އަޝިޝް ޝަރުމާ އަދި މުކޭޝް ތާކޫރެވެ.

"މޯދީ" ގެ މަންޒަރުތައް ނަގަނީ ގުޖުރާތާއި އުއްތަރުކަންދު، ވެސްޓް ބެންގާލް، ނިއު ދިއްލީ އަދި ކަޝްމީރުގަ އެވެ.

އަންނަ މަހުގެ ތެރޭގައި އިރޯސް ނައުގެ ޑިޖިޓަލް ޕްލެޓްފޯމުން "މޯދީ" ސްޓްރީމް ކުރަން ފަށާނެ އެވެ. އިރޯސްގެ ޓްވިޓާގައި ވަނީ މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.

ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅޭ "ޕީއެމް ނަރެންދުރަ މޯދީ" އަކީ އޮމަންގް ކުމާރު ޑައިރެކްޓް ކުރާ ފިލްމެކެވެ. ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމު އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.